

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވައްކަމުގެ ބޮޑު ތަހުގީގެއް ކުރިއަށް ދަނިކޮށް އެ ކުންފުނީގެ ލެޕްޓޮޕްތަކަކާ އަދި ލިޔެކިޔުންތަކެއްވެސް ވަގަށް ނަގައިފިކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ މިފަދަ ކަމެއް ހިނގާފައިވޭތޯ ނޫސްވެރިއަކު ފުލުހުންގެ މީޑިޔާ ގްރޫޕުގައި ސުވާލުކުރުމުން ފުލުހުން ދިން ޖަވާބުންނެވެ.
އެގޮތުން ފުލުހުން ބުނެފައިވަނީ، ފަރުކޮޅުފުށީގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކުޓު އޮފީހުން 5 ލެޕްޓޮޕް ގެއްލިގެން ރިޕޯޓުކުރީ އެ ކުންފުނިން ކަމަށާ އެ މައްސަލަ ތަހުގީގުކުރަމުން މިހާރުދާ ކަމަށް. އަދި އެކަމުގައި ޝައްކުކުރެވޭ މީހާ ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގައި ދަށުގައި ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
އެޗްޑީސީއީން ގެއްލުނީ 5 ލެޕްޓޮޕްކަމަށް ފުލުހުން ހާމަކޮށްފައިވީ ނަމަވެސް ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ 5 ލެޕްޓޮޕްގެ އިތުރުން އެ ކުންފުނީ ފައިނޭންސް ޑިޕާޓުމަންޓުގެ 5 ލެޕްޓޮޕާ އަދި ޕްރޮޖެކުޓު ޑިޕާޓުމަންޓުގެ ލިޔެކިޔުންތަކެއްވެސް ވަނީ ގެއްލިފައެވެ. ނަމަވެސް ފުލުހުން ހާމަކުރި ގޮތުގައި އެފަދަ ރިޕޯޓެއް ކޮށްފައިނުވެއެވެ.
އެޗްޑީސީގެ ތެރެއިން ބޮޑު ވައްކަމެއް ކުރިކަމަށް ތުހުމަތުކުރެވި ޖިނާއީ ތަހުގީގެއް ކުރަމުންދާ ދަނޑިވަޅެއްގައި އެފަދަ ތަކެތި ކޯޓު އަމުރެއްގެ ދަށުން ސީޒްނުކޮށް ހުރި ސަބަބާ ގުޅޭ ގޮތުން "ތޭރަ އޮންލައިން"އިން ކުރި ސުވާލަށް ފުލުހުން ވަކި ޖަވާބެއް ދީފައިނުވެއެވެ.
މިފަދަ ހާދިސާއެއް ހިނގާފައިވާއިރު، އެޗްޑީސީގެ މައްސަލަ ތަހުގީގުކުރަމުންދާއިރު އެކަމުގައި ތުހުމަތު ކުރެވޭ މީހުންގެ ލެޕްޓޮޕާ ފޯނު ފަދަ މުއާސަތީ ވަސީލަތްތައް ފުލުހުން ނުހިފަހައްޓާތީ ރައީސް އަބްދުﷲ ޔާމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެއީ ހެކި ނައްތާލަން ފުލުހުން ދޭ ފުރުސަތެއް ކަމަށެވެ.