

މިދޔަ ހަފުތާގައި ސަސްޕެންޑްކުރި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ ސަސްޕެންޝަން އުވާލައިފި އެވެ.
އެ ކުންފުނީގެ ޗެއާމަން އަހުމަދު ނާސިފު ފިޔަވައި އެހެން ހުރިހާ ބޯޑު މެންބަރުން ސަސްޕެންޑު ކުރީ ޑިސެމްބަރު 19, ގަ އެވެ. އޭރު އެ ކުންފުންޏާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެ ގިނަ ބައެއްގެ ފާޑުކިޔުުން އެޗްޑީސީއަށް ދިޔައީ އަމާޒުވަމުންނެވެ.
ޕީސީބީގެ ރައީސް ހަމްދީ އަގީލް އެޗްޑީސީގެ ޗެއާމަނަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އެ ސަސްޕެންޝަން މިއަދު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
ފަޒުލްގެ ބަދަލުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރެއްވި މައުރޫފް ޖަމީލު ވަނީ އައްޔަނުކޮށްފަ އެވެ.
މިހާރު ކުރިއަށްދާ ބިންވެރިޔާ ސްކީމުގެ ތަހުގީގަށް ފަޒުލް ހިމެނޭހެން 20 ފަރާތެއްގެ ޕާސްޕޯޓު ފުލުހުން އެދިގެން ހިފަހައްޓާފައިވާއިރު، ކުރީ ސަރުކާރުގައި ބިންވެރިޔާ ސްކީމު ހިންގެވުމުގައި އެންމެ އިސްކޮށް ތިއްބެވި ހަތަރު ބޭފުޅުންގެ ޕާސްޕޯޓުވެސް ހިފަހައްޓާފަައިވެ އެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ދިރިއުޅޭ މ. ޒޭވަރު ގެ ފުލުހުން ރޭ ވަނީ ބަލައިފާސްކޮށްފަ އެވެ.
މިމައްސަލަތައް ފެންމަތިވުމާ ގުޅިގެން މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ފަޒުލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ ތުހުމަތުކުރެވޭ ހުރިހާ ކަމަކަށްވެސް އިންކާރުކުރައްވާފަ އެވެ. އަދި އެކަންކަމަށް ޖަވާބުދާރީވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.