2020 ވަނަ އަހަރު ކްރިސްމަސް ދުވަސް ފާހަގަކުރަން ކ. މާފުށީގެ ހޮޓަލެއްގެ ބޭރުގައި ބެހެއްޓި ކްރިމަސް ޓްރީއެއް ފުލުހުން ގެންދަނީ. / ޕޮލިސް
ހަބަރު
އެހެން ދީންތަކުގެ ހަރަކާތްތައް ހިންގުން މަނާކަން ހަނދާންކޮށްދީފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
25 ޑިސެމްބަރު 2024
މާލެ ސިޓީ

ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވާ އެހެން ދީންތަކުގެ ޝިއާރުތައް ފާޅުކުރުމާއި، އެހެން ދީންތަކުގެ ހަރަކާތްތައް ހިންގުމަކީ މަނާކަމެއްކަން ކްރިސްމަސްއާއި ދިމާކޮށް ހަނދާންކޮށްދެއްވާ އިސްލާމީކަންތަކާބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރައްވާ ރަށު ކައުންސިލްތަކަށް ސާކިއުލާއެއް ފޮނުވައިފި އެވެ.

ސާކިއުލާއެއްގައި ބުނީ، އެކިއެކި ވަޒީފާތަކަށް ބިދޭސީން ގެންނަ ފަރާތްތަކުންނާއި ޓޫރިސްޓުން ގެންނަ ފަރާތްތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ މީހުންނަށް އިރުޝާދު ދޭން ވާނެ ކަމަށެވެ.

ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދުގައިވާ ގޮތަށް ބިދޭސީންނާއި ޓޫރިސްޓުންނަށް އިރުޝާދު ދިނުމަކީ އެ މީހުން ރާއްޖެ ގެންނަ ފަރާތްތަތަކުގެ ޒިންމާއެއްކަން މިނިސްޓްރީން ހަނދާންކޮށްދިނެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާ ބެހޭ ގަވައިދުގައިވާ ގޮތުން ޣައިރު ދީންތަކުގެ ޝިއާރުތައް ފާޅުކުރުމާއި ޖަމާއަތް ހަދައިގެން އާންމު ތަންތަނުގައި އެފަދަ ދީނީ ހަރަކާތެއް ހިންގުމާއި އަދި އެކަމުގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާ ކަމެކެވެ.

ސާކިއުލާގައި ވަނީ ރަށްރަށުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުންވެސް ކަމާ ގުޅޭ ގަވައިދުތަކާ އެއްގޮތަށް އުޅުމަށާއި އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭ ގޮތަށް ހެދުން އެޅުމަށް ޓޫރިސްޓުން އިރުޝާދު ދިނުމަށް އެދިފަ އެވެ.

ކްރިސްމަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ބައެއް މީހުން އާންމު ތަންތަން ޑެކަރޭޓް ކޮށް ހަދަ އެވެ. ނަމަވެސް ފުލުހުންނަށް އެ މައުލޫމާތު ލިބުމާ އެކު އެފަދަ ތަކެތި ނަގަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved