ރައީސް ޑރ.މުހައްމަދު މުއިއްޒު ކެބިނެޓް ބައްދަލުވުމެއްގައި / ރައީސް އޮފިސް
ހަބަރު
ހާމަކަން ބޮޑުވާނެ ކަމަށް ބުނި ސަރުކާރުން އަނެއްކާވެސް ސިޓީތަކެއް "ސިއްރު"ކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
25 ޑިސެމްބަރު 2024
މާލެ ސިޓީ

ތިމަން މަނިކުފާޏުގެ ސަރުކާރުގައި ރައްޔިތުންނަށް ފޮރުވާނެ އެއްޗެއް ނޯންނާނެކަމަށް ވިދާޅުވި، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އަނެއްކާވެސް ސިޓީތަކެއް "ސިއްރު"ކޮށްފިއެވެ.

މި ފަހަރު ސިއްރުކޮށްފައިވަނީ، ރާއްޖޭގެ މާލީ ހާލަތު ގޯސްވެގެން އެހީއަށް އެދި ގައުމުތަކުގެ ވެރިންނަށް ރައީސް މުއިއްޒު ފޮނުއްވި ސިޓީތަކެވެ.

މި އަހަރު މެދުތެރޭ ރާއްޖޭގެ މާލީ ހާލަތު އެންމެ ގޯސްވި ދަނޑިވަޅުގައި، އޭރުގެ ފޮރިން މިނިސްޓަރު އަތަށް ދެއްވާ ރައީސް ޑރ. މުއިއްޒު ވަނީ ހަތަރު ގައުމެއްގެ ވެރިންނަށް ޖުމްލަ ފަސް ސިޓީއެއް ފޮނުވާފައެވެ.

ރައީސް ސިޓީ ފޮނުއްވި ބޭރުގެ ވެރިންގެ ތެރޭގައި ހިމެނެނީ:

  • ޗައިނާގެ ރައީސް ޝީ ޖިންޕިން (ޖުލައި 22، 2024)

  • ބަހުރެއިންގެ ރަސްގެފާނު ހަމަދު ބިން އިސާ އަލް-ހަލީފާ (12 އޮގަސްޓު، 2024)

  • ސައުދީ ވަލީއަހުދު އަދި ބޮޑު ވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒު (އޮގަސްޓު 19، 2024)

  • ޔޫއޭއީގެ ވަލީއަހުދު ޝެއިހް މުހައްމަދު ބިން ޒައިދް އަލް ނަހްޔަން (ސެޕްޓެމްބަރު 4، 2024)

މީގެ ތެރެއިން، ޗައިނާގެ ރައީސަށް ދެފަހަރެއްގެ މަތިން ސިޓީ ފޮނުއްވާފައެވެ. ވަޒިރު ޒަމީރު ކުރެއްވި ރަސްމީ ދަތުރުތަކުގެ ތެރެއިން ސިޓީތައް ހަވާލުކުރެއްވީ އެ ގައުމުތަކުގެ ހާރިޖީ ވަޒީރުން ނުވަތަ ސަރުކާރުގެ އިސް އެހެން އޮފިޝަލުންނާ ކަމަށްވެއެވެ.

މި ހުރިހާ ސިޓީތަކުގައިވާ މައުލޫމާތު ހޯދުމަށް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން ރައީސް އޮފީހުގައި ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެދުމުން، ރައީސް އޮފީހުން ދިން ޖަވާބަކީ، ރާއްޖެއިން ބޭރުގެ އެކިއެކި ފަރާތްތަކާ އެކު ބަދަލުކުރާ ސިޓީތަކަކީ ގާނޫނުގެ ދަށުން ސިއްރެއް ކަމަށެވެ.

މި މައުލޫމާތު ސިއްރުކުރުމަށް ރައީސް އޮފީހުން ރިއާޔަތް ކުރީ އާރުޓީއައި ގާނޫނުގެ 31 ވަނަ މާއްދާއަށެވެ. އެއީ ސަރުކާރުގެ ސިޔާސަތު ކަނޑައެޅުމާއި ހިންގުމަށް ހުރަސްއެޅިފާނެ ފަދަ މައުލޫމާތު ސިއްރުކުރުމަށް އިސްތިސްނާ ހާލަތު ދޭ މާއްދާ އެވެ. ނަމަވެސް ގާނޫނުގައި ބުނާ އާންމު މަސްލަހަތު އިސްކުރުމުގެ މާއްދާއަށް ރިއާޔަތްކޮށް މި ނޫހުން މިހާރު ވާނީ ރައީސް އޮފީހުގެ ނިންމުން މުރާޖައާ ކުރުމަށް އެދިފައެވެ.

މި ސަރުކާރު އައި ފަހުން ސަރުކާރުގެ އޮފީސްތަކަށް (ރައީސް އޮފީސްވެސް ހިމެނޭ ގޮތަށް) ފޮނުވާ އެއްވެސް އާރުޓީއައި އަކަށް އެދެވިގެން ވާ ޖަވާބެއް ނުލިބެއެވެ. އަދި ގިނަފަހަރު ޖަވާބުދެނީވެސް ގާނޫނުގައި ބުނާ މުއްދަތުހަމަވުމުން އެ މައުލޫމާތަށް އެދޭ މީހާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މައްސަލަ ހުށަހެޅުމުންނެވެ. ނަމަވެސް މިއީ ރާއްޖޭގެ ހިނގާނެ އެންމެ ހާމަކަން ބޮޑު ސަރުކާރަށް ވެގެން ދާނެ ކަަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved