

އުސޫލުން ބޭރުން، އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދުގެ ބޭބެ، ފަޒީލް ރަޝީދަށް ހުޅުމާލެއިން ބިމެއް ދިން މައްސަލަ ފެންމަތިވެ، މި ކަމުގެ ޖިނާއީ ތަހުގީގުގެ ތެރެއިން ފަޒީލް ރަޝީދުގެ ފޯނު ކޯޓު އަމުރެއްގެ ދަށުން މިއަދު ފުލުހުން ހިފަހައްޓައިފި އެވެ.
ފުލުހުން ވިދާޅުވީ ފަޒީލް ރަޝީދުގެ ފޯނު ހިިފަހައްޓާފައިވަނީ ފުލުހުން ތަހުގީގަށްކުރަމުންދާ ބިންވެރިޔާ ހައުސިންގ ސްކީމާއި ގުޅުންހުރި މައްސަލާގައިކަމަށެވެ. އަދި އޭނާގެ ފޯނު ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައިކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.
ފުލުހުން ފަޒީލްގެ ފޯނު ހިފެހެއްޓި ކަމަށް ވިދާޅުވިއިރު، ފަޒުލްގެ ބޭބެ ފަޒީލު ރަޝީދު، ވަގަށް "ކަޅު" ދަބަހެއް ގެއިން ބޭރު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިފަހުން ވަނީ އާންމުވެފަ އެވެ.
ސޯޝަލް މީޑިޔާގައި އާންމުވެފައިވަ ވީޑިއޯއިން ފެންނަ ގޮތުގައި، ފަޒުލްގެ ބޭބެ ފަޒީލް، އެ ދެބެއިންވެސް ދިރިއުޅެމުންދާ ގެކަމުގައިވާ މ. ޒޭވަރުގޭގެ ބެލްކަނީގައި ފޯނެއްގައި ހުރެ ދެކޮޅަށް ހިނގައެވެ. އެއަށްފަހު ގޭތެރެއަށް ވަދެ ސިޑިން މައްޗަށް އަރައެވެ. ދެން ފެންނަނީ އޭނާ ސިޑިން ފައިބައިގެންގޮސް ގޭގެ ދޮރުން ނުކުންނަމުން ވަރަށް ސިއްރުން ދެކޮޅު ބަލާލުމަށްފަހު ކަޅު ދަބަހެއް ހިފައިގެން ނުކުމެގެން ދާ މަންޒަރެވެ.
ބިންވެރިޔާ ހައުސިންގ ސްކީމާއި ގުޅުންހުރި މައްސަލާގައި ފަޒީލް ރަޝީދު އަދާކުރަމުންދާ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަނީ ސަސްޕެންޑްވެސްކޮށްފަ އެވެ.
ވަގަށް ގޯތިތައް ދޫކުރި މައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ ފަޒީލްގެ ބޭބެ އަދި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށެވެ. މި މައްސަލައިގައި ހިމެނޭ ގޯތިތަކުގެ ތެރެއިން އެއް ގޯތީގެ ވެރިފަރާތް ކަމަށް ވަގު ލިޔެކިޔުންތަކެއް ހުށަހެޅި ކަމަށް ތުހުމަތުކުރަނީ ފަޒީލަށެވެ.