އެއީ، މީގެ ވިހި އަހަރު ކުރިއެވެ. ޑިސެމްބަރު މަހެއްގެ ސައްބީސްވީ އާދީއްތަ ދުވަހެވެ. އެހެން ދުވަސްތަކޭ އެއްފަދައިން އެދުވަހުވެސް ދިވެހިން އެމީހުންގެ ދުވަސް ފަށައިގަތީ "ނުރައްކާތެރިކަމެއް ކުރިމަތިވެދާނެ" ކަމަށް ކުޑަކޮށްވެސް ހިތައް އަރުވައިގެނެއް ނޫނެވެ. އެހެން ނަމަވެސް އެދުވަހުގެ ހެނދުނު ނުވަގަޑި ތޭވީސް ވެގެން ދިޔައީ ރާއްޖޭގެ ތާރީހުގައި ދިމާވި އެންމެ ހިތްދަތި އަދި ހިތާމަވެރި އެއް ދުވަހަކަށެވެ.
އެތައް ޒަމާނެއް ވަންދެން ދިވެހިން އާރާސްތުކުރަމުން ދިޔަ ދިރިއުޅުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވީރާނާވެގެން ދިޔައީ ދިވެހިންގެ ލޯމަތިންނެވެ. ސުނާމީގެ ބިޔަ ރާޅުގެ އޮއެގައި ޖެހި ކަނޑުގައި އެތައް ދިވެހިން ގެނބިގެން ދިޔަ މަންޒަރަކީ އިއްޔެ ވީ ކަމެއްހެން މިއަދުވެސް ދިވެހިންގެ ހިތްތަކުގައި ކުރެހި ބިންވަޅު ނެގައިވާ މަންޒަރުތަކެވެ.
މި ހަނދާންތަކުން ދިވެހިން ދުވަހަކު ވެސް ވަތްކެއް ނުވެވޭނެ އެވެ. އަދި ސުނާމީގެ ހާދިސާތަކުގެ މަންޒަރުތަކުން ނެގިފައިވާ ފޮޓޯ ތަކާއި ވީޑިއޯ މަންޒަރުތަކާއި އަދި ދިވެހިންގެ ހިތުގައި ބިންވަޅު ނެނގިފައިވާން ހިތްދަތި އެހެނަސް އެދުވަހުގެ އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ ހަނދާންތަކަށް ވެސް ނިމުމެއް ނެތެވެ.
ވާނީ ވެސް އެހެންނެވެ. މީގެ ވިހި އަހަރު ކުރިން މަޑުމަޑުން ކަނޑު ކެކެމުން ފޮނަށް ވަމުން ގޮސް ހިނދުކޮޅެއްގެ ތެރޭ ދާނެ ދިމާލެއް ނޭނގި ކުއްލި ސިހުމެއްގައި ތިބި ދިވެހިންގެ ދިރިއުޅުން އޮޔާ ލިއެވެ. އަމިއްލަ ގެދޮރު ބިމާހަމަވެ، އުމުރު ދުވަހު އެއްކުރި މުދަލާއި ފައިސާ ގެއްލި އެކަމުގެ މޮޅީގައި ސިކުނޑި ސުމަކަށް ޖެއްސި އެވެ.
ބޮޑު ރާޅު އަރާތަން ފެނުނު ކޮންމެ މީހަކަށް ވެސް ލިބުނީ ބޮޑު ސިހުމަކާއި ބިރުވެރިކަމެކެވެ. މިފަދަ ވަރުގަދަ ރާޅުއެރުމެއް މީގެ ކުރިން ދިވެހިން ތަޖުރިބާކޮށްފައިވާ ކަމެއް އެނގޭކަށް ނެތެވެ. ފަހުގެ ތާރީހެއްގައި ރާއްޖެ އަށް ކުރިމަތިވި އެންމެ ނުރައްކާތެރި ގުދުރަތީ ހާދިސާ "ސުނާމީ"ގެ ރާޅުތަކާއެކު އާދަޔާ ހިލާފަށް ރަށްތަކުގެ ފަޅުތެރެ ހިއްކާލި އެވެ. އަދި ރަށުތެރެއަށް އެރި ރާޅު ބޭރަށް އަވަސްމިނުގައި ދަމައިގަތެވެ. އެއާއެެކު ރަށާއި ފަޅުތެރޭގައި ވަރުގަދަ އޮއިވަރެއް އުފެދުނެވެ.
އިންޑޮނޭޝިއާގެ ސްމަޓްރާގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް ކަނޑުގެ 10 ކިލޯ މީޓަރު އަޑިއަށް، ރެކްޓަރު މިންގަނޑުން 9.3 ގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން އުފެދުނު ރާޅުތައް 14 ގައުމަށް އަރާ 230،000 މީހުންގެ ފުރާނަ ގެއްލިގެންދިޔައެވެ. އެ ހާދިސާގެ އަސަރު ރާއްޖޭގެ ގިނަ ރަށްތަކަކަށްވެސް ކުރިއެވެ.
ނިސްބަތުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމަކީވެސް ދިވެހިރާއްޖެ އެވެ. 82 މީހުން މަރުވެ، 26 މީހުން ގެއްލުނު މި ހާދިސާގައި 1313 މީހަކަށް ބޮޑެތި އަނިޔާތައް ލިބުނެވެ. 22،000 މީހުންގެ ބޯހިޔާވަހިކަން ގެއްލުނެވެ. 191 ރަށަކަށް ސުނާމީ އަސަރު އެކި މިންވަރަށް ކުރިއެވެ. އަދި ގިނަ ރަށްތަކަކަށް ބޮޑެތި ގެއްލުންތައް ވެ، ބައެއް ރަށްރަށުން މީހުން ފައިބާފައި ވެސް ވެ އެވެ. ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 62 ޕަސެންޓްގެ ގެއްލުން ލިބުނެވެ.
ސުނާމީ ކާރިސާގެ ބޮޑު ގެއްލުމާއެެކު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި އެވެ. އެއީ ޑިސެންބަރު 26، 2004 ވީ އާދިއްތަަ ދުވަހުގެ ރޭ 21:00 ގައެވެ. އިސްކަންދަރު ސުކޫލުގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށްފަހު ރައީސް މައުމޫން ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވާފަ އެވެ. އަދި ޑިސެންބަރު 27 ވަނަ ދުވަހުން ފެށިގެން މުއްދަތެއް ނެތް ގޮތަށް ގައުމީ ހިތާމަ އިއުލާނުކުރައްވާ ގައުމީ ދިދަ ބައިދަނޑީގައި ބެހެއްޓެވުމަށް އެންގެވި އެވެ.
މީގެ ވިހި އަހަރު ކުރިން ސުނާމީއާއެކު ދިވެހިން ހާލުގައި ޖެހިގެން ދިއުމާއެކު އެދުވަހު ދިވެހިންގެ ފަރާތުން ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގައި ނަމޫނާ ދައްކަމުން އެކަކު އަނެކެއްގެ އަތާ އަތް ގުޅާލި މަންޒަރެވެ. ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮންނަ ލޯތްބާއި އެކުވެރިކަމާއި އެއްބަވަންތަކަން އަމަލީގޮތުން ފެނިގެންދިޔަ އެވެ. ދިވެހިން އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔައީ ދިވެހިންގެ ތެރޭގައި އޮތް އެއްބަނޑު އެއްބަފާކަން މުޅި ދުނިޔެއަށް ނަމޫނާއެއް ގޮތުގައި ދައްކާފަ އެވެ.
ސުނާމީ ކާރިސާގައި ދިވެހިން ދައްކައިދިން އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުން "ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް" ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެންބަރުގެ 26 ގައެވެ. މިއަދު ފާހަގަކުރަމުން މިދާ "ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް" ރަމްޒުކޮށްދެނީ ސުނާމީ ކާރިސާގައި ދިވެހިން ދެއްކި ރީތި ނަމޫނާއަށެވެ. ކުޑައެއް ބޮޑެއް، ވަކިރަށެއް ބެލުމެއް ނެތި ދިއްކޮށްލި އެހީގެ އަތްތަކެވެ.
ތެދެކެވެ. މީގެ ވިހި އަހަރު ކުރިން ސުނާމީ ކާރިސާގައި ދިވެހި ރައްޔިތުން ދެއްކި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުމުގެ ހަނދާންތައް އާ ކުރަން ޖެހެ އެވެ. ސުނާމީގައި ބައެއް މީހުން އުމުރު ދުވަހުގެ މަސައްކަތުން ކޮޅަށް ޖެހި ދިރިއުޅުން ސުންނާފަތިވެ، ހާލުގައި ޖެހުނު އިރު، އެ މީހުންގެ ދިރިއުޅުން އަލުން ކޮޅަށް ޖެހުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުމެވެ.
ސުނާމީގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހުނު އިރު ވެސް ދިވެހިންގެ ކިބައިން ފެނުނީ، އަމިއްލަ ފުރާނަ އަށް ވުރެ އަނެކާގެ ފުރާނަ ސަލާމަތްކުރަން އިސްކަން ދިން މަންޒަރެވެ. ތިމާގެ ހާލަތަށް ނުބަލައި އަނެކާއަށް އެހީތެރިވިވެ. މި ނަމޫނާ އިން އިބުރަތް ހާސިލްކޮށް ގައުމުގެ އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ އަޒުމް އާ ކުރުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކެން ޖެހެ އެވެ.
ސުނާމީ ކާރިސާއިން އަރައިގަތުމަށް ދިވެހިން ދެއްކި އެއްބައިވަންތަކަން ދަމަހައްޓައި، އެވާހަކަތަށް ފަހުގެ ޖީލުތަކަށް ކިޔައިދޭން ޖެހެ އެވެ. ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަން ބައިނަލްއަގުވާމީ މުޖުތަމައު އިން ބަލައިގަތީ ނަމޫނާއެއްގެ ގޮތުގައި އެވެ. ރަށްތައް ވީރާނަވެ، ގެދޮރު ސުންނާފަތިވި އިރު، އެހެން ގައުމުތަކުން ފެނުނު ބައިބައިވުމެއް ދިވެހިންގެ ތެރެއިން ފެނިފައިނުވެ އެވެ.
ކުޑަ ގައުމެއް ނަމަވެސް، މިނިވަން މި ދައުލަތުގެ ސިޔާސަތާއި މިނިވަންކަމުގެ އަސްލަކީ ދިވެހިންގެ ދީނާއި، ދިވެހިންގެ މެދުގައި މިއޮތް އެއްބައިވަންތަކާއި، އަޚްވަންތަކަމުގެ ރޫހެވެ. މި އެއްބައިވަންތަކަމާއި އަހްވަންތަކަމުގެ މިސާލު ކޮންމެ ދުވަހަކު ދައްކާބައެއްކަމުގައި އަޅުގަނޑުމެން ވަމާތޯއެވެ.
މީގެ ވިހި އަހަރު ކުރިން އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރާއްޖެ ފުން ވަޅުގަނޑަށް "ގަންބާލި" ސުނާމީ ކާރިސާގެ ބިރުވެރިކަމުން ހިތްތަކަށް ހަމަޖެހުން ހޯދައިދިނީ މާތް ﷲ ގެ އޯގާވަންތަކަމާ މެދު ދިވެހިންގެ މެދުގައި އޮތް ޔަގީން ކަމަށެވެ. އެ ދުވަހު ދިވެހިންނަށް ކުރިމަތިވި ހައިހޫނު ކަމުން ސަލާމަތްކޮށްދިން ވަސީލަތަކީ ކެތްތެރިކަމާ އެކު، ﷲ ގެ ހަޒްރަތުގައި ކުރި ދުއާ އެވެ.
މިއަދު ފާހަގަ ކުރާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އެއްބަނޑުއެއްބަފާ ކަމުގެ މަތިވެރި ގުޅުން އިތުރަށް ހަރުދަނާކޮށް، ގައުމީ މަޞްލަހަތު އިސްކުރުމަކީ، މިފަދަ ކާރިސާތަކުން އަޅުގަނޑުމެން ދަސްކުރަންވީ ފިލާވަޅެވެ.
ސުނާމީގެ ހިތާމަވެރި ކާރިސާގައި، އަޅުގަނޑުމެންގެ ތެރެއިން މިދުނިޔެ ދޫކުރެއްވި އުޚުތުންނާއި އަޚުންގެ ފުރާނައަށް، މާތްﷲ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި އެވެ. އާމީން..