

އަލިފާނުގެ ހާދިސާއާއި ވަގު ގޯތި ތަހުގީގު ހިނގަނިކޮށް، ކެބިނެޓަށް ކުއްލި ބޮޑު ބަދަލެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގެންނަވައިފި އެވެ.
މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް އުވާލައި އެ މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ ހައުސިންއާ ގުޅުންހުރި ކަންތައްތައް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއަށް، މިއަދު ވަނީ ބަދަލުކޮށްފަ އެވެ.
އެއާ އެކު، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ހަޔަ އެޑިއުކޭޝަން މިނިސްޓަރަކަށް އައްޔަންކުރައްވާފަ އެވެ.
މި ބަދަލާ އެކު، ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑރ. މަރިޔަމް މާރިޔާ ވަނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރަކަށް އައްޔަންކުރައްވާފަ އެވެ.
މީގެ އިތުރުން، ހައުސިން މިނިސްޓްރީގެ ދަށުން ކުރި ޕްލޭނިންއާ ގުޅުން ހުރި މަސައްކަތްތައް ވަނީ ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަކުކޮށްފަ އެވެ.
މި ބަދަލުތައް މި ގެނައީ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހުންނަ އިމާރާތް އަނދައި އަޅިއަށް ވުމުގެ ހާދިސާ ހިނގިތާ ދެ ހަފުތާ ފަހުންނެވެ.
އަދި ބިންވެރިޔާ ގޯތިތަކެއްގެ މައްސަލަ ފެންމަތިވުމާއި ގެދޮރުވެރިޔާ ލިސްޓު އިއުލާންނުކުރެވި އާންމުންގެ ޝަކުވާތައް ގިނަވެފައިވާ ދަނޑިވަޅެއްގަ އެވެ.
ރައީސް މުއިއްޒު ހައުސިން މިނިސްޓްރީ އުވައިލެއްވިއިރު އެ މިނިސްޓްރީއަކީ މި ސަރުކާރުގައި އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި އޮތް މިނިސްޓްރީ އެވެ. ހާއްސަކޮށް ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބުނު ފަރާތްތަކުގެ ލިސްޓު އިއުލާނުނުކުރެވި ލަސްވަމުންދާތީ މިނިސްޓަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.