ކުރީ ސަރުކާރުގެ ދުވަސްވަރު އާރުޑީސީގެ ތެރޭގައި ހިންގި ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގަށް އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާ ގުޅުން ހުރި ތަންތަނަށް ވަދެ ފުލުހުން މީގެ އިރުކޮޅެއް ކުރިން ފާސްކުރަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން މިރޭ މެންދަމު 1:30 ހާއިރު ފުލުހުން ވަނީ ގ. ދިލްކަސް ގެއަށެވެ. އެ ގެއަށް ގާތްގަނޑަކަށް ދިހަ ވަރަކަށް ފުލުހުން ވަނެވެ. އެ ގޭގެ އަށް ވަނަ ފްލޯގައި ހުންނަ އެޕާޓްމަންޓެއްގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.
އެ ގޭގެ އިތުރުން ފުލުހުން ވަނީ މޫކޭގެ އަނބިކަނބަލުން ފާތުމަތު ޒަހިއްޔާ ދިރިއުޅުއްވާ އެޕާޓްމަންޓް ކަމަށްވާ ވިނަރެސްގެ އެޕާޓްމަންޓަށް ވަދެފަ އެވެ.
އަދި މޫކޭ އާ އެކުގައި އާރުޑީސީގައި އޭރު މަސައްކަތް ކުރެއްވި ސީއެފްއޯ ޔާސިރް ހުސެއިންގެ އެޕާޓްމަންޓަށް ވެސް ފުލުހުން ވަނީ ވަދެފަ އެވެ.
އާރުޑީސީގެ ހިޔާނާތުގެ މައްސަލަ ޕޮލިހަށް ހުށަހެޅީ މީގެ ސެޕްޓެމްބަރު، 2022، ގަ އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އާރުޑީސީގެ އެކައުންޓުން ތިން މީހެއްގެ އެކައުންޓަށް 14 މިލިއަން ރުފިޔާ ފޮނުވާފައިވެ އެވެ.
މި މައްސަލާގައި ހިމެނޭ ފައިސާ ދައުރު ކޮށްފައި ވަނީ ފުލުހުން ބުނެފައިވާ ގޮތުގައި 2018 އިން ފެށިގެން ސެޕްޓެމްބަރު 2022 އާ ހަމައަށެވެ.
އަމިއްލަ ބޭނުންތަކަށް އެ ފައިސާ ދައުރު ކުރަން 216 ޓްރާންސެކްޝަން ހިންގާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފާއިތުވި ދައުރުގައި ފެންމަތިވި މި މައްސަލާގައި ފުލުހުން ތަހުގީގެއް ފެށީ މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން އެ މައްސަލަ ފެންމަތިކުރުމާ ގުޅިގެން އެ ދެ އިދާރާ ގުޅިގެން ކުރާ ތަހުގީގެއް ގޮތުގަ އެވެ.
މިހާތަނަށް ފުލުހުން މިރޭ ހިންގަމުންދާ އޮޕަރޭޝަނާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަނުކުރެ އެވެ. އާރްޑީސީ ކޮރަޕްޝަނުގެ މައްސަލަ ތަހުގީގުކުރަން ފެށިތާ މިހާރު އަހަރެއްހައި ދުވަސްވެއްޖެ އެވެ.
މޫކޭ އާއި ގުޅުންހުރި ތަންތަން ބަލާ ފާސްކުރަން މި ފެށީ ބިންވެރިޔާ ގޯތިތަކެއްގެ މައްސަލަ ފެންމަތިވުމާއި ގެދޮރުވެރިޔާ ލިސްޓު އިއުލާންނުކުރެވި އާންމުންގެ ޝަކުވާތައް ސަރުކާރަށް ގިނަވެފައިވާ ދަނޑިވަޅެއްގަ އެވެ.
މީގެ އިތުރުން މި ސަރުކާރުކާރާއި ގުޅުންހުރި ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތިލަވި ދުވަސް ވަރެއްގައި އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ ވެރިންނަށް ވައްކަމާއި ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް އަންނަނީ ކުރަމުން ނެވެ. އެގޮތުން އައިލެންޑް ބެވަރެޖް މޯލްޑިވްސް (އައިބީއެމް) ތެރެއިން ހިންގި ވައްކަމަކާއި އެޗްޑީސީގެ ތެރެއިން "ވަގަށް ގޯތި" ވިއްކި ކަމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތި ވެފައެވެ.
މި މައްސަލަތައް ފެންމަތިވީ ކޮރަޕްޝަންގެ ކަންކަން ފުލުހުންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ބަލަމުންނެވެ.