އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވައެވެ. އެހެންވިއްޔާ ދެން ކީއްކުރާ ރައީސެއްތޯއެވެ؟ / ތޭރަގްރެފިކްސް
ރިޕޯޓު
އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވައެވެ. އެހެން ވިއްޔާ ދެން ކީއްކުރާ ރައީސެއްބާއެވެ؟
Mariyam Isaadha
މަރިޔަމް އިސާދާ
28 ޑިސެމްބަރު 2024
މާލެ ސިޓީ

ތެދެކެވެ. ގައުމުގައި ހިނގާ ހުރިހާ ކަމެއް ވަލިޔުއްލު އަމްރަށް އެނގިވަޑައިނުގެންފާނެއެވެ. އަދި އެނގިވަޑައިގަތުމަކީ މެންޑޭތުގައި ހިމެނޭ ކަމަކަށް ވެސް ނުވެދާނެއެވެ. ނަމަވެސް ގައުމުގެ ރައީސުލްޖުމްހޫރިއްޔާއަށް އެނގެން ޖެހޭ ކަންކަން އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ނޭނގުމަކީ ގައުމަށް އޮތް ނުރައްކަލަކަށް މެނުވީ ނުވާނެއެވެ.

މި ވާހަކަ ދައްކަން ފެށުމުން ތިޔަ އެންމެ ބޭފުޅުންގެ ހިތުގައި އުފެދޭނެ އެންމެ ބޮޑު ސުވާލަކީ ދައްކަން މިއުޅޭ ވާހަކައަކީ ކޮބައިކަމަށް ކަން ޔަގީނެވެ. ނަމަވެސް ސިޔާސީ މަސްރަހު ބަލާ ދިރާސާ ކުރާ ބޭފުޅަކަށް ވިއްޔާ މިދައްކަން އުޅޭ ވާހަކަ ނިކަން ރަގަޅަށް ފަހުމުވާނެކަން ޔަގީނެވެ.

އާދޭހެވެ. މި ވާހަކަ ފަށާނީ މި އަހަރުގެ ފިޠުރު އީދު ވިލޭރޭ، ޕީޕަލްސް ނެޝަނަލް ފްރަންޓް، ޕިއެންއެފްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން ޖަލްސާ ބާއްވަން ހުރަސް އަޅާ ހިންގި ޑިމޮކްރެސީއާ ޚިލާފު ކަންކަމުގެ ތެރެއިންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން އުފެއްދި އެ ޕާޓީ އުފައްދަން އީސީއިން ހުއްދަ ދިނުމާ އެކު ޕާޓީ އުފައްދަން ބާއްވާ ޖަލްސާ ޣިޔާޘުއްދީންގައި ބޭއްވުނަ ނުދީ އެރޭ ފުލުހުން މެދުވެރިކޮށް ހިންގި ކަންކަން، ޖެހިގެން އައި ދުވަހު ރައީސް ވިދާޅުވީ ނުވެސް އެނގޭ ކަމަށެވެ. އެނގުނީ އެރޭ ދަންވަރު ކަމަށާ އެއިރުން ފެށީގެން ވެސް އަވާހަރަފުޅު ނުލައްޕާ ހުންނެވި ކަމަށެވެ.

ދެން މި ވާހަކަ އަނެއްކާވެސް ތަކުރާރު އިވިގެން ދިޔައީ ސަރުޚާރުގެ ތެރެއިން ހިނގަމުންދާ ވައްކަމާ ކޮރަޕްޝަންގެ ބިޔަ ބޮޑެތި މަޝްރޫއުތަކުގެ ވާހަކަތައް ރަށުތެރެއަށް ތިލަވާން ފެށި ހިސާބުންނެވެ.

އެގޮތުން ރައީސް އޮފީހުގެ މިނިސްޓަރެއްގެ ބައިވެރިވުން އޮވެ ޓީވީ ސްޓޭޝަނެއް އުފައްދާ އެ ޓީވީ ސްޓޭޝަނަށް ރައްޔިތުންގެ އިޖްތިމާއީ އެހީތެރިކަން ދޭން އޮތް ކުންފުނިން ވަގަށް ފައިސާ ޚަރަދުކޮށް ފަހުން އެކަން ފިނޭންސް މިނިސްޓްރީއާ ޖާމިނުކުރަން ފޫގަޅާފައިވާއިރު ރައީސަށް އެކަންވެސް އެނގިވަޑައިގަންނަވާ ކަމަކަށް ނުވެއެވެ. މުޅި މީސް މީޑިޔާގައި އެމަނިކުފާނު ޓެގް ކުރައްވާ ކޮރަޕްޝަންތައް އެމަނިކުފާނުގެ ސަމާލުކަމަށް ގެންނަން ރައްޔިތުންނާ ވިސްލް ބްލޯވަރުން ކުރަމުންދާ މަސައްކަތުންވެސް އެމަނިކުފާނަށް ކަމެއް އނގިވަޑައިގަންނަވާ ކަމަށް ނުވަތަ ރޭކާލާ ކަމަކަށް ނުވެއެވެ.

ދެން ވެސް އޮތީ ދައުލަތުގެ ކުންފުންޏެއްގެ ވާހަކައެވެ. އެޗްޑީސީގެ ތެރެއިން އިއްތިފާގަކުން އެ ކުންފުނީގެ ކުރީގެ އެމްޑީގެ ބޭބެއަށް އުސޫލުން ބޭރުން ވަގު ގޯއްޗެއް ދީ އެކަން ފަޅާ އެރުމުން، އެކަމަކީ މާކުރިން ރައީސްގެ ސަމާލުކަމަށް އެ ކުންފުނީގެ ކުރީގެ ޗެއަރމަން ޒަހޫރު ގެނެސްފައިވާކަމެއްކަން ހާމަވުމުން ވެސް ވިދާޅުވީ ޒުހޫރު ފޮނުއްވި ސިޓީވެސް ނުލިބޭ ކަމަށާ އެމަނިކުފާނަށް އެ ސިޓީ ފޮނުވިކަންވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ކޮންމެ އަކަސް މި ފަދަ ބޮޑެތި ކަންކަމަކީ ރައީސަކަށް ހުންނަ މީހެއްގެ ސަމާލުކަމަށް އަރިހުގައި ތިއްބަވާ މީހުން ވެސް ގެންނަން ޖެހޭ ކަންކަމަށް ވާއިރު އެފަދަ ކަންކަން އެމަނިކުފާނުގެ ސަމާލުކަމަށް ގެނައުމުގައާ އަދި އެމަނިކުފާނަށް އަންނަ އެފަދަ މުހިއްމު ސިޓީ އެމަނިކުފާނާ ހަމައަސް ފޯރުކޮށްނުދީގެން ރައީސް އޮފީހުގައި ތިއްބަވާ އެކަންކަމުގެ ޒިންމާދާރު ވެރިންނާ ވެސް ސުވާލު ނުކުރައްވާތީ ސުވާލު އުފެދއެވެ. ހަިޣަތުގައިވެސް ރައީސްގެ ސަމާލުކަމަށް މިކަންކަން ނުގެންނަނީބާއެވެ؟ ނުގެންނަންޏާ އެކަންކަން ސަމާލުކަމަށް އައުމުން އެމަނިކުފާނުގެ ސަމާލު ކަމަށް އެކަންކަން ނުގެނެސް އިހުމާލުވީ މީހުންނާ މެދު ފިޔަވަޅޫ ނާޅުއްވަނީ ކީއްވެތޯއެވެ؟

މި ސުވާލުތައް މިހެން ހުރިއިރު ފިޔަވަޅު ނާޅުއްވަނީ އެކަމުގައި އެމަނިކުފާނުގެ ބައިވެރިވުންވެސް އޮތުމުން ކަމަށް ބުނާ ރައްޔިތުން ގިނަ ކަން މި އަދު ފާހަގަވެއެވެ. ކުޑަ ސޯބު އެނބުރޭނީ ބޮޑު ސޯބުވެސް އެނބުރޭހެންނޭ ބުނެ ރައްޔިތުން މިއަދު ދަނީ ރައީސް މުއިއްޒުވެސް ވައްކަންތަކުގައި ޝާމިލުވާކަމަށް ތުހުމަތުކުރަމުންނެވެ.

ކޮންމެ އަކަސް އަޅުގަޑުގެ އޮތީ ހަމަ އެންމެ ވާހަކައެކެވެ. ރައްޔިތުންގެ ހައްގުަތއް ރައްކާތެރިކޮށްދީ ރައްޔިތުންނަށް ހެޔޮވެރިކަން ކޮށްދޭން ﷲ ގަންދީ ހުވާކޮށްގެން ހުންނަވާއިރު، މިފަދަ ކަންކަން ރައީސަށް ރޭކާނުލަންޏާ ދެން ކީއްކުރާ ވެރިއެއްތޯއެވެ؟ ރައްޔިތުންނާ ރައްޔިތުނެއް އުޅެން ދޫކޮށްލިޔަސް މި އަށްވުރެ ޒިންމާދާރު ވާނެ ތޯއްޗެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved