2024 ވަނަ އަހަރަކީ ރައްޔިތުންނަށް ފަސޭހަ އަހަރެއް ނޫން ކަމަށާ އެހެންކަމުން އެ ރައްޔިތުންނަށް މި ފެށުނު 2025 ވަނަ އަހަރަކީ ލުއި އަދި ހިތްފަސޭހަ އަހަރަކަށް ހަދަން ސަރުކާރުން އިސްކަން ދޭން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މީލާދީ އައު އަހަރުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވާ ފޮނުއްވި މެސެޖުގައެވެ.
ރައީސް ޔާމީން ވިދާޅުވީ ނިމިގެން ދިޔަ އަހަރަކީ ގައުމުގައި ދެކެން ބޭނުންނުވާ ގިނަ ކަންކަން ހިނގާ ދިޔަ އަހަރެއް ކަމަށާ އެގޮތުން ޚާއްސަކޮށް ސަރުކާރުގެ ތެރެއިން ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެ ރައްޔިތުން ވެރިންނާ ހަވާލުކުރި އަމާނާތްތަކަށް ޚިޔާނާތްތެރިވެފައިވާ ކަމީ ހިތާމައާ އެކު އެމަނިކުފާނު ފާހަގަކުރައްވާ ކަމެއް ކަމަށާ އެގޮތުން ދައުލަތުގެ ކުންފުނިތަކުން ވެރިމީހާގެ ސީދާ އެންގުމަށް ރައްޔިތުންނަށް ޚިޔާނާތްތެރިވުން ބަލައިނުގަނެވޭނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އިގްތިސޯދީ ގޮތުން ގައުމުގެ ހާލަތަށް ނަޒަރު ހިންގާލައްވާ ރައީސް ޔާމީން ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ދެއްވަމުން ވަޑައިގެންނެވި ފެހި ސިގްނަލުން ރައްޔިތުންނަށް ކުރި ރާހަތެއް ނެތް ކަމަށާ އެހުރިހާ ފެހި ސިގްނަލް ރައްޔިތުންނަށް ރަތަށް ބަދަލު ރައްޔިތުން ފަތަން ޖެހުނީ ކަރުތާ ފެނުގައި ކަމަށެވެ.
މީގެ އިތުރުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް ފައިސާ ފަހަށް ރައްކާކުރުމުގެ ބަދަލުގައި ސަރުކާރުން ބެލީ ރައްޔިތުންނަށް އިތުރު ތަކްލީފު ޖައްސާނެ މަގެއް ހޯދުމަށް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން ޓެކްސް ބޮޑުކޮށް ވިޔަފާރިވެރިންނަށްވެސް ޑޮލަރު މާރުކުރަން މަޖްބޫރުކޮށް ރައްޔިތުންގެ މޫނުމަތިން ހިނިތުންވުން ފަނޑުކޮށްލި އަހަރެއްގެ ގޮތުގައި ނިމިދިޔަ އަހަރު ރައީސް ޔާމީން ސިފަކުރެއްވިއެވެ.
ރައީސް ޔާމީން ވަނީ ފެށުނު 2025 ވަނަ އަހަރު ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ރައީސް މުއިއްޒު ކުރައްވާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި 2025 ވަނަ އަހަރު ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ސަރުކާރުން ގެނެސްދެއްވާނެ ކަމުގެ އުއްމީދު ކުރައްވާކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ މެސެޖު ނިންމަވާލެއްވީ 2024 ވަނަ އަހަރުން އިބްރަތް ހާސިލްކޮށް އެންމެހާ ދިވެހި ރައްޔިތުންވެސް 2025 ވަނަ އަހަރުގެ ދަތުރަށް ކަމަރު ބަނުމަށް އިލްތިމާސްކުރައްވަމުންނެވެ.