ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން
ސިޔާސީ
ގާނޫނަށް ގެނައި ބަދަލަކީ މުއިއްޒު ސުލްޠާނެއްގެ ލަގަބު ހޯދަން ކުރި ކަމެއް: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
01 ޖެނުއަރީ 2025
މާލެ ސިޓީ

އެންޓި ޑިފެކްޝަން ގާނޫނަށް ގެނައި އިސްލާހަކީ ރައީސް މުއިއްޒު ރަސްކަލެއްގެ ލަގަބު ހޯދަން ކުރެއްވިކަމެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ސިފަކުރައްވައިފިއެވެ.

އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިހާރު ގައުމުން ފެންނަމުން ދަނީ މީގެ އެތައް ހާސް އަހަރެއް ކުރިން ފެނިގެން ދިޔަ ވިރާސީ ވެރިކަންތަކުގައި އަމަލު ކުރަމުްނ ދާ އުސޫލު ކަމަށާ އެގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ގޮތެއް މިހާރު ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން ތިބޭ ބަޔަކަށްވާއިރު މިއަދު އެކަމަށް އޮތް ދޮރުވެސް ރައީސް މުއިއްޒު ވަނީ ބަންދުކޮށް ހުރިހާ ބާރެއް މުށުތެރެއަށް ލައްވާފައިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ ބާރު ކަށަވަރު ކުރަން ކަމަށް ބުނެ ސަރުކާރުން ރައްޔިތުންގައި ކޮޅުފައިން ޖަހާ އެ ރައްޔިތުން ވައު ކޮށްލީ ކަމަށެވެ.

ސުލްޠާނެއްގެ ލަގަބު ހޯއްދަވަން ކުރެއްވި މަސައްކަތެއް ތި ކުރެއްވީ. އެއް ގޮތަކަށްވެސް ތީކީ އެއް ރައްޔިތުންގެ ބާރު ރައްޔިތުންގެ އަތްމައްޗަށް ލިބުނީކީއެއް ނޫން. ރައްޔިތުންގެ ބާރުގައި ކޮޅުފައިން ޖަހާފައި ރައްޔިތުން ހަގީގަތުގައިވެސް ވައު ކޮށްލީ. ޕެރެލައިޒްކޮށްލީ. މި ނޫން ގޮތަކަށް ގާނޫނު ދަންނަ އެއްވެސް ބޭފުޅަކު މި ތަރުޖަމާ އެއް ނުކުރައްވާނެ އިނގޭތޯ. އެ ބޭފުޅުން ނިކުމެވަޑައިގެން މި ވާހަކަ ދައްކަބައްލަވާ.

- ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ގާނޫނޫ އަސާސީއެއް އެންމަ ވަރުގަދަ މާއްދާގެ ބޭނުމަކީ ދައުލަތް ޖަވާބު ދާރީ ކުރުވުން ކަމަށާއި ގާނޫނުއަސާސީ ހަދަނީ ވެސް އެ ބޭނުމުގައި ކަމަށެވެ.

އަދި ވިދާޅުވީ ރައްޔިތުންގެ ބާރު ކަޑުވާލައިފައި، ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް ގާނޫނޫ އަސާސީގައި އޮންނަ މާއްދާ ބާއްވާފަ އެކަން ނުކުރެވޭގޮތް ހެދުމަކީ ދިވެހިރާއްޖެއަށް ޑިމޮކްރަސީގެނައުން ނޫން ކަމަށާ އެއީ ޑިމޮކްރެސީގައި ކޮޅުން ފައިން ޖެހުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި މިވަނީ މި ފަހުން ސަރުކާރުން އެދިގެން ރައްޔިތުންގެ މަޖިލީހުން ކުއްލި އަކަށް ފާސްކުރި ޕާޓީން ކަނޑައިލުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުން ހިމެނޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކެއް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved