ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕީއެސްއަކަށް ހުންނެވި އަބްދުއްރަހުމާން ސަލާހު ރަޝީދު ވެސް މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މި ހިނގަމުންދާ ފެބްރުއަރީ މަހުގެ އެކެއްވީ ބުރާސްފަތި ދުވަހުއެވެ.
އޭނާ އެ މަގާމާ ހަވާލުވެވަޑައިގެންނެވީ އޭޕްރީލް 9، 2020 ގައެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބު އަދި ވަނީ ޔަގީންވާ ގޮތް ނުވެފައެވެ. އަބްދުއްރަހުމާން ސަލާހުގެ އިތުރުން ޓޫރިޒަމްގެ ޕީއެސްއަކަށް ހުންނެވި ފާތިމަތު ނިލްފާވެސް ވަނީ މިދިޔަ ބުރާސްފަތި އެ މަގާމުން އިސްތިއުފާ ދީފައެވެ. ނިލްފާ އިސްތިއުފާ ދިނީ ވަޒީފާ އަދާކުރާނެ މާހައުލެއް ނެތުމުން ކަމަށް ބުނެއެވެ.
ދާދި ފަހުން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަހުމަދު އަލީވެސް އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުންދާ މައްސަލައާ ގުޅިގެން ސަސްޕެންޝަނުގައި ހުންނެވި އަލީ އެ މަގާމުން އިސްތިއުފާދެއްވީ މި މަހުގެ 4 ވަނަ ދުވަހުއެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިހާރު ވަނީ އެ މަގާމުތަކަށް މީހުން ހޯދުމަށް އިއުލާންކޮށް ގެޒެޓްކޮށްފައެވެ. ޕީއެސްގެ މަގާމަށް މަހު މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 20،500 ރުފިޔާއެވެ. އަދި ލިވިންގް އެލެވެންސްގެ ގޮތުގައި 15،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވެއެވެ.