ޤާނޫނީ ވަކީލު އަލީ ހުސެއިން - / މިހާރު
ހަބަރު
ސިއްހަތަށް ގެއްލުންދޭ އެއްބާވަތެއް މަނާކޮށް އަނެއްބާވަތެއް ހުއްދަކުރުން ރަނގަޅެއްނޫން: އަލީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
03 ޖެނުއަރީ 2025
މާލެ ސިޓީ

ސިއްހަތަށް ބަލައިގެން އެއްޗެހި އެތެރެކުރުން މަނާކޮށް ހުއްޓުވާނަމަ އެ ކަމުގައިވެސް އިންސާފުވެރި އަދުލުވެރިގޮތް އިހުތިޔާރުކުރަންވާނެ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އަލީ މިފަދައިން ވިދާޅުވީ ދުންފަތް އޮޅާ ކަރުދާހާއި ލައްވާ ފިލްޓަރު ފަދަ ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ ތަކެތި މަނާކުރަން ކަސްޓަމްސްގެ ކޮމިޝަނަރު ފާތިމަތު ދިޔަނާއަށް ހެލްތު މިނިސްޓްރީން ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި ރޭ ދައުރުވެފައި ވަނިކޮށެވެ.

އަލީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގެއްލުންދޭ އެއްބާވަތެއް މަނާކޮށް އަނެއްބާވަތެއް ހުއްދަކުރުން ރަނގަޅެއްނޫން ކަަމަށާއި "އާބިޓްރަރީ" ނިންމުންތަކުގެ ސަބަބުން ލިބޭނެ ގެއްލުން މާބޮޑުވާނެ ކަމަށެވެ.

ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކޮށް، މި ފަހުން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި ބަދަލަށް ރިއާޔަތްކޮށް ފޮނުވި މި ސިޓީގައި ބުނެފައިވަނީ އަލަށް ގެނައި އިސްލާހުގައި ދުންފަތުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމަކީ މަނާކަމެއް ބުނެފައިވާ ކަމަށެވެ.

އެހެންކަމުން ސިނގިރެޓް، ބިޑި އަދި ސުއްޓާ ފަދަ ދުންފަތުގެ ބާވަތްތައް އަމިއްލަ އަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ނުކުރެވޭނެ ކަމަށާއި އެފަދަ ތަކެތި އަތުލާ ނައްތާލަން ޖެހޭނެ ކަމަށްވެސް ހެލްތު މިނިސްޓްރީގެ ސިޓީގައި ބުނެފައިވެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު، ރާއްޖޭގައި ވޭޕް ބުއިމާއި އޭގެ ވިޔަފާރިކުރުން މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. ބޮޑެތި ޖޫރިމަނާތައް އަންނަ ގޮތަށް، ވޭޕާއި ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާ އެކު، އިލެކްޓްރޯނިކް ސިނގިރޭޓް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުމާއި ރާއްޖެ އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުން މީހުން ދުރުކުރުމަށް މިހާތަނަށް އެޅި ފިޔަވަޅުތަކުން ނަތީޖާއެއް ފެންނާކަށް ނެތެވެ. އަދި ގާނޫނުތަކާއި ގަވާއިދުތަކުގައި ހިމަނާފައި ހުރި ފިޔަވަޅުތައް ތަންފީޒުކުރެވޭ ތަނެއް ވެސް ނުމެފެނެ އެވެ.

އެހެން ކަމުން ސަރުކާރުން ކުއްލި ކުއްލިއަށް ދުންފަތުން ރައްޔިތުން ސަލާމަތް ކުރުމުގެ ނަމުގައި މިގެންނަ ބަދަލުތަކަކީ ދުންފަތުގެ ވިޔަފާރިވެރިން ރުއްސަން އަދި ސަރުކާރަށް އާމްދަނީ އިތުރުކުރަން ކުރާ މަސައްކަތެވެ.

ދުންފަތުން ނަގާ ޓެކްސް އެތައް ފަހަރަކު ބޮޑުކޮށްފި އެވެ. މީގެ އަހަރުތަކެއް ކުރިން ކުރިން 12ރ. އަށް ލިބުނު ސިނގިރޭޓް ފޮށި އެކި އަހަރުތަކުގައި އެކި ފަހަރު މަތިން ބޮޑުކުރި ޓެކްސްތަކާ އެކު މިހާރު ލިބެނީ 250ރ. އިން މަތިންނެވެ.

ނަމަވެސް އޭގެ ސަބަބުން ރާއްޖެ އަށް ދުންފަތް އެތެރެކުރާ މިންވަރު މަދެއް ނުވެއެވެ. އަހަރުން އަހަރަށް އެ އަދަދު ދަނީ މަތިވަމުންކަން ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ސަރުކާރަށް އެކަމުން ލިބޭ އާމްދަނީ މިލިއަނުން އަންނަނީ އިތުރުވަމުންނެވެ. މިއި ހަގީގަތެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved