ބޯކޮށް ވާރޭވެހި މާލޭ މަގުމަތީގައި މިއަދު ފެންބޮޑުވެފައި. / ދައުރު
ހަބަރު
ޒަރޫރީ ބޭނުމަށް މެނުވީ ކާރު ދުއްވުން މަނާކޮށްފި، ބަރު އުޅަނދު ދުއްވުން އެއްކޮށް މަނާ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
03 ޖެނުއަރީ 2025
މާލެ ސިޓީ

ބޯކޮށް ވާރޭ ވެހި ވެރި ރަށް މާލޭގައި ފެންބޮޑުވެފައިވާތީ، ރަށް އާންމު ހާލަތަކަށް ގެނެވެންދެން ބަރު އުޅަނދު ދުއްވުން މަނާކޮށް، ޒަރޫރީ ބޭނުމަކު މެނުވީ ހަތަރު ފުރޮޅުލީ ވެހިކަލް ނުދުއްވަން ފުލުހުން އަންގައިފި އެވެ.

މެދުނުކެނޑި ވެހެނު ބޯ ވާރޭވޭގައި މުޅި މާލޭގައި ވަނީ ފެންބޮޑުވެފަ އެވެ. އެއާއެކު މަގުތަކުން ފެން ހިންދުމުގެ މަސައްކަތަށް އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ސާވިސްއިންވަނީ މާލޭގެ ތިން ސަރަހައްދެއްގައި 11 ޕަމްޕެއް ބަހައްޓައިގެން މަސައްކަތް ފަށައިފަ އެވެ.

މާލެއަށް ދަނީ ރެކޯޑު މިންވަރަކަށް ވާރޭ ވެހެމުންނެވެ. އެއް ގަޑިއިރު ތެރޭގައި މާލެ ސަރަހައްދަށް ވަނީ 60 މިލިލީޓަރުގެ ވާރޭ ވެހިފަ އެވެ. އަދި 24 ގަޑިއިރު ތެރޭގައި 140 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. އަދި ކުރިއަށް އޮތް ގަޑިއިރުތަކުގައި ވެސް ވާރޭ ވެހޭނެ ކަމަށް މެޓު އޮފީހުން ބުނެ އެވެ.

މާލޭގެ އިތުރުން، އަތޮޅު ތެރޭގެ ރަށްތަކުގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވެ، އެކިވަރުގެ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. އެ ގޮތުން ބައެއް ރަށްތަކަށް ރާޅު އަރައި، ދަނީ އުދައިގެ އަސަރު ކުރަމުންނެވެ. މި ގެއްލުންތައް ކުޑަކުރުމަށް ޓަކައި އެމްއެންޑީއެފުން ދަނީ އެ ރަށްތަކުގައި ހަރަކާތްތެރިވަމުންނެވެ.

ވިއްސާރައާ ގުޅިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ އެލާޓް ނެރެފަ އެވެ. އޭގެ ތެރެއިން، ހއ. އަތޮޅުން ފެށިގެން ރ. އަތޮޅުގެ ހިސާބަށް ހުދު އެލާޓް އަދި ބ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް މެޓުން ވަނީ މިރޭ 11:00 ޖަހަންދެން ރީނދޫ އެލާޓް ނެރެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved