ރައީސް ޑރ. މުއިއްޒު / ތޭރަގްރެފިކްސް
ރިޕޯޓު
މި ހާކިމާ ކަޑައްތުކުރާ ކޮންމެ އަހަރަކީ ގައުމު ހަލާކުވެ ބިކަވަމުން ދާ އަހަރެއް!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
04 ޖެނުއަރީ 2025
މާލެ ސިޓީ

ރެކޯޑު އަދަދަކަށް ވެރި ރަށް މާލެއަށް ވާރޭ ވެހި ފެންބޮޑުވެ، ގިނަ ރަށްރަށަކަށް ވިއްސާރައިގެ ގެއްލުން ލިބުނު ހާދިސާގައި މާލޭގެ ބޮޑު ބަޔެއް އެތައް ގަޑިއިރެއް ވަންދެން އޮތީ ފެނު އަޑީގަ އެވެ. ފެން ހިންދުމަށް ސިފައިންނާއި ކަމާބެހޭ އިދާރާތަކުން ކުރި މަސައްކަތް ކާމިޔާބުވާ ގޮތްވީ ރޭ މެންދަމުން އަލިވާން ގާތްވެފަ ވަނިކޮށެވެ. ރާއްޖޭގެ ގިނަ ރަށްތަކަކަށް ވެސް އިއްޔެގެ ވިއްސާރައިގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއްވި އެވެ. މީގެން ގިނަ ރަށްރަށުގައި އަދި ވެސް އާންމު ހާލަތައް ނާދެ އެވެ.

ސަރުކާރުގެ މުއައްސަސާތަކުގެ ޝޯޝަލް މީޑިއާގެ ހޭންޑަލްތަކުން ފެންނަނީ ފޮޓޯ އެވެ. އެހީ ވާ މަންޒަރެވެ. ވެލި ބަސްތާ އުފުލާ މަންޒަރެވެ. އިއްޔެ ކުރި ވިއްސާރައިގައި އާންމު ދިރިއުޅުމަށް ހުރަސްއެޅޭ ހާލަތުގައިވާ 36 ގޭބިސީއެއްގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުން ވަނީ މަހުރޫމް ވެފަ އެވެ. ވިއްސާރައިގައި ގެއްލުންވި ނިލަންދޫގައި 286 ވަރަކަށް ގެ ހުންނައިރު ރަށުގެ 85 ޕަސެންޓް ގެއަށް ފެނުގެ އަސަރު ވަނީ ކޮށްފަ އެވެ.

މިހާލަތުގައި މުޅި ގައުމު އޮންނަތާ 2 ދުވަސް ވަނީ އެވެ. ހާކިމާ އެއް ނުފެނެ އެވެ. ހާކިމާގެ ސަރުކާރުން ހާލުގައި ޖެހުނު މީހުނަށް ކޮށްދޭނެ ކޮށްދެވޭނެ ކަމެއް ބުނެ ނުދެއެވެ.

ގައުމަށް ދިމާވާ މިފަދަ ހާދިސާތަކުގައި ގައުމުގެ ހާކިމާ އާންމު އުސޫލުން ސޯޝަލް މީޑިއާ މެދުވެރިކޮށް ނަމަވެސް ރައްޔިތުންނަށް މެސެޖު ފޮނުއްވަ އެވެ. ބައެއްފަހަރު ގަންބޫޓާއި ކޯޓު ތުރުކުރައްވައިގެން އާންމުންގެ ގާތަށް ވަޑައިގަންނަވަ އެވެ. ނަމަވެސް އިއްޔެގެ ހާދިސާއާ ގުޅިގެން ހާކިމާ ހިމެނޭހެން ސަރުކާރުގެ ވެރިން ތިއްބެވީ ހަނެވެ.

ވާނީވެސް އެހެންތާއެވެ. ވެރިކަމުގެ ލައްޒަތާ އަރާމުން މާގިނައިން ނިދިކުރެއްވުމަކީ ބައެއް ހާކިމާއިންނަށް ވާ ގޮތެކެވެ. މިހާރުގެ ހާކިމާ އަކީ ހައުސިން މިނިސްޓަރުކަމުގައި ހަތް އަހަރު, މާލޭގެ މޭޔަރު ކަމުގައި ދެ އަހަރު, ވެރިކަމުގަ 13 މަސްވީއިރު ވެސް މާލޭ މަގުތަކުގެ ހާލަތު ފެނިލެއްވި ބޭފުޅެއް ނޫނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިނިސްޓަރުކަމުގައި ފަސް އަހަރު ދެއްވާ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް ހަވާލު ކުރެވުނީ މިހާރުގެ ހާކިމާ އަށެވެ. އެ މަޝްރޫއުގައި 13 މަގެއް މަރާމާތުކުރަން ހަމަޖައްސައި އަދި މަޖީދީ މަގުގެ ގާތައް ނަގައި ރަނގަޅު ފެންވަރަކަށް ހަދާ މާލޭގެ ފެން ބޮޑުވުމަށް ހައްލެއް ހޯދަވަން ހަވާލުކުރެއްވި މަސައްކަތް ވެސް ދިޔައީ ތޮޅި އަށެވެ އެވެ. މި ހާރު މިހުންނެވި ހާކިމާގެ ބެލުމުގެ ދަށުން ނެވެ.

މި ހާކިމާގެ ސީދާ ބެއްލެވުމުގެ ދަށުން މާލޭގެ މަގުތައް އޭރު މަރާމާތުކުރީ ފެން ހިންދުމުގެ ނިޒާމު ވެސް ރަނގަޅުކޮށްގެންނެވެ. ތިން ފިޔަވައްސަކަށް އެ މަޝްރޫއު ކުރިއަށް ގެންދިޔައިރު ވެސް، ވިއްސާރަ ދުވަސްތަކުގައި އެންމެ ކުރިން ފެންބޮޑުނުވާ ވަރަށް ބައެއް މަގުތަކުގައި ފެންބޮޑުވެ ހާލަތު އިތުރަށް ވީ ގޯހެވެ.

މިހާރުގެ ހާކިމާގެ ނުކުޅެދުން ތެރިކަން ހާމަކޮށްދެއްވާ އިއްޔެ ބޯ ވިއްސާރައިގައި ގޭ އަސްކަނިދަށުން ދިމާވި މީހަކު ބުނީ "ރައްޔިތުންނޭ މީނާލައިގެން ކަޑައްތުކުރާ ކޮންމެ އަހަރަކީ ގައުމު ހަލާކުވެ ބިކަވަމުން ދާ އަހަރެއް. ކޮންމެ އާ އަހަރަކަށް ވައުދު ގޯނި ދާނީ އިތުރުވަމުން. މިހެންގޮސް ފަސް އަހަރުވާއިރު ގައުމުގެ ދަރަނި ގާތްގަނޑަކަށް ޖީޑީޕީގެ 150 ޕަސަންޓަށް އަރައި ދިވެހި ރުފިޔާގެ އަގު ޑޮލަރަކަށް 22 ރުފިޔާއާއި ހަމަޔަށް ވެއްޓިދާނެ،. 2024 ނިމުނު އިރު ރާއްޖޭގެ ދަރަނި ވަނީ މުޅި ޖީޑީޕީގެ 125 ޕަސެންޓަށް އަރާފަ. އަހަރު ފެށުނު އިރު ޑޮލަރުގެ އަގު 18 ރުފިޔާގަ ހުރި އިރު މިއަދު އުޅެނީ 19.20 ގައި. އަދި މިހާރު ރިސޯޓުތަކުން މާރު ކުރުވަން އުޅޭ ޑޮލަރަށް ދައްކާނެހާ ދިވެހި ރުފިޔާވެސް ދައުލަތަކު ނެތް. އަދި ރިސޯޓުތަކުން ޑޮލަރު ގަންނާނެ ހަކަތަ ދައުލަތުގަ ނެތް ކަމަަށެވެ."

ތެދެކެވެ. މި ހާކިމާގެ ހައުސިން މިނިސްޓަރުކަމުގައި ހަތް އަހަރު, މާލޭގެ މޭޔަރު ކަމުގައި ދެ އަހަރު, ވެރިކަމުގަ 13 މަސްވީއިރު ވެސް މާލޭ މަގުތަކުގެ ހާލަތު ރަގަނޅު ނުކުރެވުނު ބޭފުޅަކަށް ރައްޔިތުން ކުރާނެ އުންމީދެއް މިއަދަކު ނެތެވެ. މާލޭގެ މަގުތައް ތޮއްޖެހި، ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ދިމާވަމުންދާ ތަކުލީފަށް އޮތް ހައްލުތަކެއް މި ހާކިމާގެ ސިނކުޑީގައި ނެތެވެ. މިކަމުގެ ފެހި ސިގްނަލެއް ވެސް ރައްޔިތުންނަކަށް ނުލިބެ އެވެ. މިކަމުގައި ކްެރިއޭޓެޑް އެވްރީ ބިއުޓިފުލް ލިރިކްސް އެއް ވެސް ނެތެވެ. މާލޭގެ ބިމުން ފެން ބޭރު ކުރުމަށް 17 ޕަމްޕަށް ހޮޅި އެޅިކަމަށް ބުނި ނަމަވެސް އެ ވާހަކަ ވެސް މިހާރު ރައްޔިތުންނަށް ވަނީ "ހޮޅި" ވެފަ އެވެ.

ހާކިމާގެ އަމަލީ މަސައްކަތުގެ އަހަރެއް، ފާއިތުވިއިރު ފެންނަނީ އަދިރިކަން މުޅި ގައުމަށް އަންނަ ތަނެވެ. ރައްޔިތުން މާޔޫސްވެ ހާކިމާގެ ސަބަބުން ހާލުގައިޖެހޭ ތަނެވެ. ނިމުނު އަހަރަކީ ހާކިމާއަށް އެއްކަމެއްވެސް ކުރެވުނު އަހަރެއްނޫނެވެ. ފެށުނު އަހަރަކީ ވެސް ރައްޔިތުންނަށް އެއްކަމެއްވެސް ކޮށްދޭނެ އަހަރެއްނުމެ ނޫންމެއެވެ. ހާޚިމާއަށް ވާނެ ކަމަކީ ވަޒީރުންނާއިއެކު ސަޅިބައިސާ ކެޑުމެވެ. އެކަން ހާކިމާ އަށް ވާނެ އެވެ. ކޮންމެވެސް ބުހުތާން ދޮގެއް ހަދާފަ ރައްޔިތުންނަށް ލިބޭ އާމްދަނީވެސް ކަހާލާފަ ހާކިމާގެ ބަޑަށް އަޅާލާތަން މިއަހަރު ބޮޑުތަނުން ފެންނާނެ އެވެ.

ދިރިތިބީން ބަލަން ތިބޭށެވެ. މި ހާކިމާ ކަޑައްތުކުރާ ކޮންމެ އަހަރަކީ ގައުމު ހަލާކުވެ ބިކަވަމުން ދާނެ އަހަރެކެވެ. ނަތީޖާއަކީ ރައްޔިތުން މޫނުމަތިން އުފާވެރިކަން ގެއްލި 2028 ހާކިމާ "އައުޓް" ވުމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved