ވެރިކަމަށް އައީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް "އިންޑިއާ" އިން ބޭނުން ގޮތެއް ހެދިޔަ ނުދެއްވާނެ ކަމަށް ވިދާޅުވަމުން ނެވެ. ރާއްޖޭގައި ބަލި މީހުން އުފުލާނީ އިންޑިއާގެ އުޅަނދުތަކުގައި ނޫން ކަމަށް ވިދާޅުވަމުން ނެވެ. ރާއްޖޭގައި ގާއިމުކޮށްފައިވާ އިންޑިއާގެ އަސްކަރިއްޔާ ބޭރުކުރާނެ ކަމަށް ވިދާޅުވަމުން ނެވެ.
ނަމަވެސް ވެރިކަމުގެ ލައްޒަތާއި ޝާނާއި ޝައުކަތުގައި ޖެހި ދައުލަތުގެ ތިޖޫރީގެ ތަޅު ދަނޑި އަތުގައި ޖެހުމުން ހުރިހާ ކަމެއް ބަދަލުވެއްޖެ އެވެ. ހަދާން ނެތިއްޖެ އެވެ. އައުޓް ވި ހުރިހާ އެއްޗެއް އިން ކޮށްފި އެވެ.
ނަތީޖާ އަކީ މިއަދު މާލެ އިން އިންޑިއާއަށް ވަޑައިގަނެވޭ ކަމަށް ވަނީ އިންޑިއަން މިލިޓަރީ ފްލައިޓެއް ގައި އެވެ. މިއަދު ބަލިމީހުން އުފުލަން ގަދަ ބަސް ބުނެ ތައްޔާރުކުރި އެއާ އެން ބިއުލާންސް ބޭނުން ކުރުން ހުއްޓާލައި ބަލި މީހުން އުފުލަނީ އިންޑިއާގެ އަސްކަރީ އުޅަނދުތަކުގައި އެވެ. މިއަދު ގައުމުގެ ދިފާއީ ހުރިހާ ސިއްރަކާއި ސަރަހައްދީ އިން ފާރުގެ ބެލެހެއްޓުން ހަވާލުކޮށްގެން އެތިބީ އިންޑިއާގެ އަސްކަރީ އަށެވެ.
މި ހުރިހާ ކަމެއް ބަދަލުވީ އިންޑިއާގެ ޖާސޫސީ އިދާރާ ރޯގެ އެހީގައި ވެރިކަން ވައްޓާލަފާނެތީ އެވެ. ވެރިކަމުގެ ފަސް އަހަރަށްޓަކައި ތިމާގެ ނަފްސު "ވިއްކާލީ" މަރުވާނެ ކަން ވެސް ހަދާން ނެތި އެވެ.
ވެރިކަން ލިބުމުން ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެ ދަތުރުގެ މައުލޫމާތު ދެއްވުމަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެއްވި ޕްރެސް ބްރީފިންގައި މުއިއްޒު ވިދާޅުވީ ރާއްޖެ އުފެދިފައިވާ ގޮތުން ކުޑަވުމަކީ "ބުލީ" ކުރުމަށް އޮތް ހުއްދައެއް ނޫންކަމުގައި އެވެ.
ރާއްޖެއިން އިންޑިއާއަށް ބަރޯސާވެގެން މިހާރު ކުރާ ވަރަށް ގިނަ ކަންކަމުގައި އެ ނޫން ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާކަން އިއުލާން ކުރެއްވުމަށް ފަހު، އިނގިރޭސި ބަހުން ވިދާޅުވީ، "ވީ މޭ ބީ ސްމޯލް، ބަޓް ދެޓް ޑަސަންޓް ގިވު ޔޫ ދަ ލައިސެންސް ޓު ބުލީ އަސް" ކަމަށެވެ.
ނަމަވެސް އެއާޕޯޓުން ގެއަށް ވަޑައިގަނެވުނީ ކިރިޔާ އެވެ. އިންޑިއާ އިން ދިވެހި ސަރުކާރު ބަދަލުކުރަން އުޅޭ ވާހަކަ އެއްގެ ތަހުގީގެއް ވޮޝިންގްޓަން ޕޯސްޓުން ފަށާއިގެން ސަރުކާރުގެ އިސްވެރިންގެ ބަސް ހޯދަން އެމެރިކާގެ ނޫހަކުން އުޅޭ ކަމުގެ ހަބަރު ލިބި ތެޅިގަތެވެ. އަދި އިންޑިއާގެ ވެރިންނަށް ގުޅުނު މީހަކު ލައްވާ ގުޅާ "ޕީސް" ހަދަން އެދުނެވެ.
ކުރެއްވި މަސައްކަތުގެ ނަތީޖާ އެއްގެ ގޮތުން އިންޑިއާގެ ބޮޑުވަޒީރު މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާ އަށް ވަޑައިގަތުމަށް ދިވެހި ސަރުކާރަށް ދައުވަތު ލިބުނެވެ. އެއާއެކު ސަރުކާރުގެ ޑެޕިޔުޓީ މިނިސްޓަރުގެ މަގާމުގައި ތިއްބެވި ބޭފުޅުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކި ކަމަށް ބުނެ މަގާމު ތަކުން ދުރު ކުރި އެވެ.
އަދި އިންޑިއާ އަށް ވަޑައިގެން މޯދީ އަރިހުގައި ދެއްކެވި ވާހަކައެއް ދެއްކެވީ ވެރިކަމުގައި ހުރެވޭނެ ގޮތެއް ހޯދުމަށެވެ. ބުނި ކޮންމެ ގޮތެއް ހޯދައިގެން އިންޑިއާގެ ބެކްޔާޑްގައި އޮވެގެން ވެސް ވެރިކަން ކުރައްވަން ހެޔޮކަމަށް ވިދާޅުވި އެވެ. އަދި ކުރިން ދެއްކި ހުރިހާ ވާހަކައެއްގެ ރާގު މަޑުމަޑުން ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެ އަހުދު ކަށަވަރުކޮށް މޯދީއާއި އަތް ޖޯޑު ކުރެއްވި އެވެ. އެ ދަތުރުފުޅަކީ ވެރިކަމާ ހަވާލުވެ ވަޑައިގަތްފަހުން އިންޑިއާ އަށް ރައީސް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މި ފަހުން އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުން އެ އިވެން ފެށީ ވޮޝިންގްޓަން ޕޯސްޓުން ބުނި ރޭވުން ނިއުދިއްލީން ދޫކޮށްލުމަށް މާލޭ އާއިއެކު ވީ ވައުދު ނާމާގައި ހުރި ވާހަކަތަކެވެ.
އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ވިއޯން ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ހަލީލް ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރަން ކަމަށެވެ.
އަދި ވިދާޅުވީ އިންޑިއާ އާ ދެކޮޅު ހަރަކާތްތަކަކީ މި ސަރުކާރުގެ ތާއީދު އޮތް ކަމެއް ނޫން ކަމަށާއި އިންޑިއާ އައުޓްގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދަނީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އަދި އެކަމުން މި ސަރުކާރު ފެއަށް ޖެހި މިހާރު ބޭނުން ވަނީ ދެ ގައުމުގެ ދެމެދު އިގްތިސޯދީ އަދި އަސްކަރީ، ސަލާމަތީ ގުޅުން ވަރުގަދަކުރަން ކަމަށެވެ.
ދެން ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލަން އިންޑިއާ އިން ފަންޑުކޮށްގެން ހަރަކާތެއް ހިންގަން އުޅޭކަމަށް ބުނެ ވޮޝިންޓަން ޕޯސްޓުގައި ލިޔެފައިވާ ލިޔުމަކީ ދެ ގައުމުގެ ގުޅުން ބަދަހިވެފައިވާއިރު، ދެ ގައުމުގެ ގުޅުން ހީނަރުވާކަހަލަ ލިޔުމެއް ކަމަށެވެ.
ދެން މިފަދަ ވާހަކައެއް އެންމެ އަވަހަށް އިވޭނީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލަށް ފަހު ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އިންޑިއާއަށް ވަޑައިގަންނަވާ ދަތުރުފުޅުގައި އެވެ. އެ ދަތުރުގެ ހުރިހާ ޝެޑިއުލް އަކާއި އިންޓަވިއު ދޭންވީ މީޑިއާ އާއި ދައްކަންވީ ވާހަކަ މިހާރު ވާނީ ކަރުދާހަށް ތިރިކުރެވި ފަރިތަކުރަން ފެށިފަ އެވެ. އިންޑިއާ ހަރަކާތުގައި ޓީޝާޓް ލައްވައިގެން އިންޑިއާ އަސްކަރިއްޔާއާއި ދެކޮޅަށް ނިކުމެ އެ ހުންނެވީ އަޅުގަނޑު ޣައްސާނުއެއް ނޫނޭ މަށާއި ވަރަށް ވައްތަރު ދޯ އޭ ބުނެ އިންޑިއާ ނޫހަށް އިންޓަވިއު ނުދީފިއްޔާ ރަގަނޅެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ރައީސް ޔާމީން އިސްނަންގަވައިގެން ކުރިއަށް ގެންދެވި ހަރަކާތެއްކަމަށް މި ސަރުކާރުންބުނާއިރު، މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންހެން އެ ހަރަކާތުގައި އަމަލީކޮށް ބައިވެރިވެފައިވެ އެވެ. އަދި ހަރަކާތް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމުގެ މަސައްކަތް ވެސް އޭރު ކުރެއްވި އެވެ. އިންޑިއާ އައުޓް ހަރަކާތުގައި ރައީސް ޑރ، މުއިއްޒު ހިމެނޭހެން މި ސަރުކާރުގެ ގިނަ މިނިސްޓަރުންނާއި ސިޔާސީ ވެރިން ބައިވެރިވެ ލެއްވި އެވެ.
މި ހުރިހާ ކަމެއްގެ މަންޒަރާއި އަޑު މުޅި ދުނިޔެއަށް ފެންނަން ހުއްޓާ ވެސް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އިންޑިއާ އަށް ދިވެހިރާއްޖެ އެ ދައްކަނީ "ކަނު ކަލޮޔަށް އިރުވާހުދު ދެއްކުން" ހެނެވެ. އާދެ، ހަގީގަތާއި ހިލާފުގޮތަކަށް އަނެކާއަށް އެއްޗެއް ތެދުކޮށްދެނީ އެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއި އެވެ.