ޗައިނާގެ އެކި ހިސާބުތަކުގައި މިދިޔަ ނޮވެމްބަރު ދެވަނަ ހަފްތާއިން ފެށިގެން ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާތީ އެކަން ގާތުން ބަލައި މޮނިޓާ ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިހާރު ޗައިނާގައި ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވެ، އިމަޖެންސީ ހާލަތު ވެސް އިއުލާނުކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެ ވާހަކަތަކާ ގުޅިގެން އެޗްޕީއޭއިން ބުނީ، ޗައިނާގައި އިމަޖެންސީ ހާލަތު އިއުލާނުކޮށްފައިނުވާ ކަމަށެވެ. އަދި، މިދިޔަ އަހަރާ އަޅައިބަލާއިރު ޗައިނާގައި މި މޫސުމުގައި ނޭވާލާ ނިޒާމުގެ ބަލިތައް ފެންނަ މިންވަރާއި، ބަލީގައި ބޮޑު ވަރުވާ މީހުންގެ ނިސްބަތް މަދު ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި ޗައިނާގައި ފެތުރެމުންދާ ބަލިތަކަކީ އާއްމުކޮށްވެސް ދައުރުވާ ނޭވާލާ ނިޒާމުގެ ބަލިތަކެކެވެ. މީގެ ތެރޭގައި އެންމެ ގިނައީ އިންފްލުއެންޒާ އެވެ. މީގެ އިތުރުން އާރްއެސްވީ، ރައިނޯވައިރަސް، އެޑިނޯވައިރަސް، މައިކޯޕްލާސްމާ ނިމުއޯނިއާ އަދި ހިއުމަން މެޓަނިއުމޯވައިރަސް ހިމެނެ އެވެ.
އެޗްޕީއޭ އިން މިހާލަތު މޮނީޓާ ކުރަމުންދާ ކަމަށާއި މިދުވަސްވަރަކީ ވަރަށް ގިނަ ފަރާތްތަކުން އުމްރާއިންނާއި އެކި ސަރަހައްދުތަކަށް ދަތުރުކުރުމަށްފަހު އެނބުރި އަންނަ ދުވަސްވަރު ކަމުން، ނޭވާލާ ނިޒާމުގެ ބަލިތައް މިދުވަސްވަރު ރާއްޖޭގައި ވެސް އިތުރުވެދާނެކަމަށް ލަފާ ކުރެވޭއިރު، ހުރިހާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވާން އިލްތިމާސްކޮށްފައިވެ އެވެ.