ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ފަޔާޒު މަންސޫރު އައްޔަނު ކޮށްފި އެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް ފައްޔާޒު އައްޔަނު ކޮށްފައިވާކަން އެ ކުންފުނީގެ ވެބްސައިޓުގައި މިހާރު ވަނީ ހާމަކޮށްފަ އެވެ.
ފަޔާޒު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސީ މިދިޔަ ޑިސެމްބަރު 26 ގަ އެވެ. އޭގެ ފަހުން އޭނާ އެޗްޑީސީގެ މަސައްކަތަށް ނުކުމެވަޑައިގަތީ މިއަދެވެ.
ފަޔާޒު މިހާތަނަށް މަސައްކަތް ކުރައްމުން ގެންދެވީ ކުރެހުމާއި ޑިޒައިން ކުރުމުގެ މަސައްކަތްކުރާ ގެޑޯ ކޮންސަލްޓިންގެ ޑިރެކްޓަރެއްގެ ގޮތުގަ އެވެ. ފަޔާޒު ވަނީ ކުއަންޓިޓި ސާވޭއިން ޑިގްރީ ހައްދަވައިފަ އެވެ. ނިއުޒިލެންޑުގެ ވިކްޓޯރިއާ ޔުނިވާސިޓީން މާސްޓާސް ފުރިހަމަ ކުރެއްވީ ބިލްޑިން ސައިންސުންނެވެ.
މިއީ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް މި ވެރިކަމުގައި ބޭފުޅަކު އައްޔަނުކުރި ފުރަތަމަ ފަހަރެވެ. އެ މަގާމު އެންމެ ފަހުން ފުރުއްވީ މިދިޔަ ސަރުކާރުގެ ދުވަސްވަރު އަހުމަދު ގައިސް އެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަޔާޒު، އައްޔަނު ކުރިއިރު އެ ކުންފުނީގެ އިސް މަގާމުތަކުގައި ތިބި ބައެއް ބޭފުޅުންނަށް ކޮރަޕްޝަނުގެ ތުހުމަތު އަމާޒުވާ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ނެވެ.،
ކޮރަޕްޝަންގެ ތުހުމަތު ކުރެވިގެން މިފަހުން މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަޒުލް ރަޝީދު އިސްތިއުފާ ދިނުމުން އެ މަގާމަށް މައުރޫފު ޖަމީލު މިހާރު ވަނީ އައްޔަނު ކޮށްފައި އެވެ.