ފަޒުލް އާއި ފަޒީލްގެ ލޭގެ ގުޅުމުން ތިލަވި "ވަގު ގޯތީ"ގެ ބޮޑު ވައްކަން! / ތޭރަ އޮންލައިން
ހަބަރު
ފަޒުލްގެ ގެ ބަލައިފާސްކުރިއިރު ދަބަހަކުން 1.4 މިލިއަން ރުފިޔާ ފެނުނު!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
05 ޖެނުއަރީ 2025
މާލެ ސިޓީ

ވަގު ގޯތިތަކުގެ މައްސަލައިގައި ސަސްޕެންޑުކުރި ފަހުން އިސްތިއުފާ ދެއްވި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ ގެއިން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަޅައިފަ ހުރި ދަބަހެއް ފުލުހުން ގެންދިޔަކަން މުއުތަބަރު ފަރާތަކުން "ތޭރަ އޮންލައިން" އަށް މައުލޫމާތު ދީފި އެވެ.

ފުލުހުން މި ފައިސާގެ މައްސަލާގައި މީޑިއާއާ އަދި ވާހަކަ ނުދެއްކި ނަމަވެސް އެކަމުގެ މައުލޫމާތު އެނގޭ މީހަކު "ތޭރަ އޮންލައިން" އަށް ކަށަވަރުކޮށްދެއްވި ގޮތުގައި ފަޒުލްއާ ގުޅޭ ދަބަހަކުން މިލިއަނަކަށްވުރެ ގިނަ ނަގުދު ފައިސާ ވަނީ ފެނިފަ އެވެ. އަދި އެ ފައިސާ މިހާރު ހުރީ ފުލުންގެ ބެލުމުގެ ދަށުގައި އެވެ. ނަމަވެސް އެއީ ކޮން ކަމަކާ ގުޅޭ ފައިސާއެއް ކަމެއް އަދި ނޭނގެއެވެ. އަދި އެ ފައިސާއާ ގުޅުވައި ކުރާ ތުހުމަތެއް ވެސް ނޭނގެއެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ ފަޒުލްގެ ގެ ފާސްކޮށް، ތަހުގީގުގެ ބޭނުމަށް ބައެއް ތަކެތި ފުލުހުންގެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ ކަމަށް ފުލުހުން ބުންޏަސް އިތުރު ތަފުސީލެއް މިހާތަނަކަށް އެވެ.

ފަޒުލްގެ ގެ ބަލައިފާސްކުރީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހު 23ވަނަ ދުވަހުގެ ރެއެެވެ.

އުސޫލުން ބޭރުން، ފަޒުލް ރަޝީދުގެ ބޭބެ، ފަޒީލް ރަޝީދަށް ހުޅުމާލެއިން ބިމެއް ދިން މައްސަލަ ފެންމަތިވެ، މި މައްސަލައިގައި ހިންގަމުންދާ ކަމަށް ބުނާ ޖިނާއީ ތަހުގީގުގެ ތެރެއިން އެ ގެ ބަލާ ފާސްކުރަމުން ފުލުހުން ދިޔަ ވަގުތުގައި، ފަޒުލްގެ ބޭބެ ފަޒީލު ރަޝީދު، ވަގަށް "ކަޅު" ދަބަހެއް ގެއިން ބޭރު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިފަހުން ވަނީ އާންމުވެސް ވެފަ އެވެ.

ސޯޝަލް މީޑިޔާގައި އާންމުވެފައިވަ ވީޑިއޯއިން ފެންނަ ގޮތުގައި، ފަޒުލްގެ ބޭބެ ފަޒީލް، އެ ދެބެއިންވެސް ދިރިއުޅެމުންދާ ގެކަމުގައިވާ މ. ޒޭވަރުގޭގެ ބެލްކަނީގައި ފޯނެއްގައި ހުރެ ދެކޮޅަށް ހިނގައެވެ. އެއަށްފަހު ގޭތެރެއަށް ވަދެ ސިޑިން މައްޗަށް އަރައެވެ. ދެން ފެންނަނީ އޭނާ ސިޑިން ފައިބައިގެންގޮސް ގޭގެ ދޮރުން ނުކުންނަމުން ވަރަށް ސިއްރުން ދެކޮޅު ބަލާލުމަށްފަހު ކަޅު ދަބަހެއް ހިފައިގެން ނުކުމެގެން ދާ މަންޒަރެވެ.

ގޯތި މައްސަލައިގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން ވިޔަފާރިވެރިންގެ އަތުން ފައިސާ ހޯދުމާއި އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަމުގައި ގޮތް ނިންމި ކަމަށް ވެސް ފަޒުލްއަށް ތުހުމަތުކުރެވެ އެވެ. އޭގެ ތެރޭގައި އޭނާގެ މަސްލަހަތު ހިމެނޭ ވިޔަފާރިތަކަށް ތިލަފުށިން ބިން ދިނުމާއި އޭނާގެ އަނބިކަނބަލުންނަށް ހާއްސަ އުސޫލަކުން ގޯއްޗެއް ވިއްކި މައްސަލައެއް ވެސް ހިމެނެ އެވެ.

ފުލުހުންނާއި އޭސީސީން މި މައްސަލަ ތަހުގީގުކުރާތީ ތަހުގީގަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ، މިދިޔަ މަހުގެ 21 ވަނަ ދުވަހު ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ފަހުން އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved