![](https://theyraonline.s3.ap-southeast-1.amazonaws.com/ads/01J5P215AWTRY568X87BN55R97.jpg)
![](https://theyraonline.s3.ap-southeast-1.amazonaws.com/ads/01J5P215F191M7BQ8HN5JRRQJE.jpg)
ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ތިބޭނަމަ މިނިވަން ގައުމަކަށް ރާއްޖެ ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖޭގެ ދުސްތޫރުގައި މިއީ މިނިވަން ގައުމެއް ކަމަށް ބުނި ނަމަވެސް، ރާއްޖޭގެ ހާރިޖީ އަދި ދާހިލީ ސިޔާސަތު މިނިވަން ނޫން ކަމަށާއި، މިނިވަން ނަމަ ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ނުތިބޭނެ ކަމަށެވެ.
މިތަނަކީ މިނިވަން ގައުމެކޭ ބުނެވިދާނެ. އެކަމަކު މިއީކީ މިނިވަން ގައުމަކަށް މިހާރު ނުވޭ އިނގޭތޯ، ރާއްޖެއަކީ މިހާރު މިނިވަން ގައުމެއް ނޫން
ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލަން ގޮވާލައި ފެށި "އިންޑިއާ އައުޓް" ކެމްޕޭނަށް ފަހު ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ވަނީ އިންޑިއާ ސިފައިންގެ ބަދަލުގައި އާންމުން ގެންނަ އެއްބަސްވެފައެވެ. އެ ގޮތުން، ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިނުން ފޮނުވާލާފައިވާ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ އިއުލާނުކޮށްފަ އެވެ.
އެކަމަކު، އެއީ ސިފައިންގެ ޔުނީފޯމް ބާލާފައި ކުލަ ހެދުމުގައި ބޭރު ސިފައިން ގެނައުން ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން މީގެ ކުރިން ވަނީ ސިފަކޮށްފަ އެވެ. އެގޮތުން އިންޑިއާ ސިފައިން ފޮނުވާލި ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ގައުމުގެ ހެލިކޮޕްޓަރުތައް ބަލަހައްޓަން އަދިވެސް ރާއްޖޭގައި ބޭރު ސިފައިން އެބަތިއްބެވެ. އެހެންވެ، ބޭރުގެ މިލިޓަރީ ފޮނުވާލުމުގެ ވައުދު ނުފުއްދޭ ކަމަށް ސަރުކާރުގެ ވާދަވެރިން ގަބޫލުކުރެ އެވެ.
މި ޖަލްސާގައި ރައީސް ޔާމީން ވަނީ ކުރީ ސަރުކާރު ދުވަސްވަރު، އޭރު އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭނާއި ފެޔަށް ޖެހިވަޑައިގަތުމަށް، މި ސަރުކާރުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ދެއްކެވި ވާހަކަތަކަށް ވެސް ރައްދު ދެއްވާފަ އެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނަކީ އެމަނިކުފާނު އިސްވެ ހުންނަވައިގެން ފެށި ކެމްޕޭނެއް ކަމަށާއި އެ ކެމްޕޭނުގައި މި ސަރުކާރުގައި ތިބި އިސް ފަރާތްތަކުން އޭރު ބައިވެރިވީ މަޖުބޫރު ކަމެއް ނެތި ކަމަށެވެ.
އަދި މިއަދު މި ކަންކަމުން ފެޔަށް ޖެހިވަޑައިގަންނަވަން މަސައްކަތް ކުރި ނަމަވެސް އިންޑިއާ ރައްޔިތުން ކަންކަން ހަނދާން ނުނެތޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. މިފަދަ ކަންކަމުން ހާމަވެގެންދިޔައީ ދިވެހި ހާރިޖީ ސިޔާސަތުގެ އެއްވެސް ހަރުދަނާ ނެތްކަން ކަމަށްވެސް ވިދާޅުވި އެވެ.
އިންޑިއާ އާ ދެކޮޅު ހަރަކާތްތަކަކީ މި ސަރުކާރުގެ ތާއީދު އޮތް ކަމެއް ނޫން ކަމަށާއި އިންޑިއާ އައުޓްގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދަނީ ރައީސް އަބްދުﷲ ޔާމީން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިފަހުން ވަނީ ވިދާޅުވެފައި އެވެ.
އިންޑިއާ އަށް މިފަހުން ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ވިއޯން ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު ޒަމާނުއްސުރެ އޮންނަ ގުޅުން އިތުރަށް ބަދަހި ކުރަން ކަމަށެވެ.