އިންޑިއާ އައުޓްގެ ހަރަކާތަކީ އެ މަނިކުފާނު އިސްވެ ފެށި ހަރަކާތެއް ކަމަށް އެއްބަސްވާ ކަމަށާއި އަދި މިއަދު ވެސް އެ މަނިކުފާނުގެ ޝިއާރަކީ އެއީ ކަމަށް ތަކުރާރުކޮށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ އިންޑިއާ އައުޓަކީ ރައީސް އަދި ވެރިކަން ކުރާ ޕީއެންސީ ކޯލިޝަނުގެ ކުރީގެ ލީޑަރު އަބްދުﷲ ޔާމީނު ހިންގި ހަރަކާތެއް ކަމަށާއި އެ ހަރަކާތާ މި ސަރުކާރު އަދި ޕީއެންސީން ފެޔަށް ޖެހިފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވުމާއި ގުޅިގެންނެވެ.
ރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އިންޑިއާއާ މައްސަލަ ޖެހިގެން އެއްވެސް އިރަކު އެ މަނިކުފާނު ނޫޅުއްވާ ކަމަށެވެ. އަދި އިންޑިއާއާ ގުޅޭ ގޮތުން ޕީއެންއެފްގެ ޖަލްސާތަކުގައި ވެސް ދައްކާނީ ވަރަށް ޒިންމާދާރުކޮށް، އިންޑިއާގެ ވެރިންނަށް ކުޑައިމީސްކޮށް ހުތުރުކޮށް ވާހަކަ ނުދައްކާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނަކީ އެމަނިކުފާނު އިސްވެ ހުންނަވައިގެން ފެށި ކެމްޕޭނެއް ކަމަށާއި އެ ކެމްޕޭނުގައި މި ސަރުކާރުގައި ތިބި އިސް ފަރާތްތަކުން އޭރު ބައިވެރިވީ މަޖުބޫރު ކަމެއް ނެތި ކަމަށެވެ. އަދި މިއަދު މި ކަންކަމުން ފެޔަށް ޖެހިވަޑައިގަންނަވަން މަސައްކަތް ކުރި ނަމަވެސް އިންޑިއާ ރައްޔިތުން ކަންކަން ހަނދާން ނުނެތޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. މިފަދަ ކަންކަމުން ހާމަވެގެންދިޔައީ ދިވެހި ހާރިޖީ ސިޔާސަތުގެ އެއްވެސް ހަރުދަނާ ނެތްކަން ކަމަށްވެސް ވިދާޅުވި އެވެ.
އިންޑިއާ އައުޓްގެ ހަރަކާތަކީ އަޅުގަނޑު އިސްވެ ފެށި ހަރަކާތެއް، މިއަދު ވެސް ޝިއާރަކީ އެއީ
މި ސަރުކާރުގެ އިސްވެރިން އިންޑިއާ އައުޓް ކެމްޕޭނާއި ފެޔަށް ޖެހުމުން ހާމަވަނީ އެ ބޭފުޅުންގެ ހުރި މުނާފިގުކަން ކަމަށާއި ރާއްޖޭގެ އިސްތިގުލާލު ދެމެހެއްޓުމުގައި އެ ބޭފުޅުންގެ އެއްވެސް އިހުލާސްތެރި ކަމެއް ނެތްކަން ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މިފަދަ ކަންކަމުން ހާމަވެގެންދިޔައީ ދިވެހި ހާރިޖީ ސިޔާސަތުގެ އެއްވެސް ހަރުދަނާކަމެއް ނެތްކަން ކަމަށެވެ. އަދި ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށް ބުނި ނަމަވެސް ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ދާހިލީ ސިޔާސަތު މިނިވަން ނޫން ކަމަށާއި މިނިވަން ނަމަ ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ނުތިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިންޑިއާ އައުޓް ހަރަކާތާއި ގުޅޭ ގޮތުން ރައީސް ޔާމީން އަބަދުވެސް ވިދާޅުވަމުން ގެންދެވީ އެ ހަރަކާތަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބެން ބޭނުން ނުވާތީ "ރައްޔިތުންގެ އަޑު" އުފުލަން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އަދި އެއީ އިންޑިއާ އާއި އެ ގައުމުގެ ރައްޔިތުންނާ ދެކޮޅު ހަރަކާތެއް ނޫން ކަމަށެވެ.