ވ. އަތޮޅުގެ މަޝްހޫރު "ޝިޕްރެކް" ފުށުން ޖަހާލައިފައި.-- ފޮޓޯ: ހެވަނަ މޯލްޑިވްސް / ސޯޝަލް މީޑިއާ
ހަބަރު
ޓޫރިޒަމަށް ލިބޭނެ ބޮޑު ގެއްލުމެއް ؛ ޝިޕްރެކް ބަންޑުން ޖަހާލައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
08 ޖެނުއަރީ 2025
މާލެ ސިޓީ

ރާއްޖެއަށް މި ފަހުން ކުރި ވިއްސާރައިގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ބަލަމުން އަންނަ ވާވު ޝިޕްރެކް ބަންޑުން ޖަހާލައި ވަރަށް ބޮޑަށް ހަލާކުވެއްޖެ އެވެ.

ކެޔޮދޫގެ ގެސްޓްހައުސެއް ކަމަށްވާ "ހެވަނަ މޯލްޑިވްސް"އިން ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ޝިޕްރެކް އޮތީ އެއްކޮށް ބަންޑުން ޖަހާލައިފަ އެވެ.

އަދި ފެނުން މައްޗަށް ފެންނަން އޮތީ ވަރަށް ކުޑަކުޑަ ބައެކެވެ. ބައެއް މީހުން ބުނި ގޮތުގައި، ދިޔަވަރު ބޮޑު ދުވަހެއްގައި މި ބޯޓު ފެނުން މައްޗަށް ދެން ނުފެންނާނެ އެވެ.

ފަތުރުވެރިންނާއި އާންމުންގެ މެދުގައި ވެސް މަގުބޫލު ވާވުގެ ޝިޕްރެކް އޮންނަނީ ވ. ކެޔޮދޫ ބޭރުގައެއެވެ. މީގެ 10 ވަރަކަށް އަހަރު ކުރިން އެންމެ ފުރަތަމަ މި ބޯޓު ފެނުނީ ފެލިދޫގެ ދެ މަސްވެރިއަކަށެވެ. އޭރު އެ ބޯޓު ސަލާމަތްކުރަން އުޅުނު ނަމަވެސް އޮޔާގެންދިޔުމަށް ފަހު ބޯޓު ކަނޑުވީ މިހާރު އޮތް ސަރަހައްދަށެވެ.

ވ. އަތޮޅުގެ ލޯކަލް ޓޫރިޒަމް ކުރިއެރުމުގައި މި ޝިޕްރެކަކީ މުހިންމު ދައުރެއް އަދާކުރި ޓޫރިސްޓް އެޓްރެކްޝަނެކެވެ. އެ އަތޮޅުގައި ހުރި ގެސްޓް ހައުސްތައް ޕްރޮމޯޓްކުރާއިރު މި ޝިޕްރެކް ވަރަށް ބޮޑަށް ބޭނުންކުރެ އެވެ.

ކައިރި ރިސޯޓުތަކުންނާއި އެހެން އަތޮޅުތަކާއި ރިސޯޓުތަކުން އަދި މާލެއިން ވެސް ދުވާލަކު އެތައް ބަޔަކު ޝިޕްރެކަށް ޒިޔާރާތްކުރެ އެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މަންޒިލެކެވެ. އުޅަނދު އެއްކޮށް ހަލާކުވެ ބޭނުން ނުކުރެވިއްޖެ ނަމަ އެ ވާނީ ޓޫރިޒަމަށް ވެސް ލިބޭނެ ބޮޑު ގެއްލުމަކަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved