އިންޑިއާ އައުޓް ހަރަކާތުގައި ކުރިިން ވަރަށް އިސްކޮށް އުޅުއްވި މިހާރުގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އަވަށްޓެރި އިންޑިއާއަށް ވަޑައިގަތުމުން، ގައްސާންގެ ބޯ ގުދުކޮށް، ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތައް ސިއްރު ކޮށްފި އެވެ.
ބޭނުމަކީ އިންޑިއާ ސިފައިން މި ރާއްޖޭން ފޮނުވާލަން ދިވެހިން ފެށި ހަރަކާތުގައި ގައްސާނު އުޅުއްވުމުގެ އަހުވަ ދެއްކުމެވެ. އިންޑިއާގެ ގަދަކަން ދެއްކުމެވެ. 400 މިލިއަން ޑޮލަރުގެ ކަރަންސީ ސުވޮޕް ފެސިލިޓީއެއް ދީ ރާއްޖޭގެ ނާޒުކު މާލީ ހާލަތުގެ ބޭނުން ހިފާ ދިވެހިން "އަޅުވެތި" ކުރުމެވެ.
މުއިއްޒު ސަރުކާރުގެ ފަހަރަކު މިނިސްޓަރަކު އިންޑިއާ އަށް ގެންގޮސް އިންޑިއާ ސަރުކާރުން ދުނިޔެއަށް ދައްކަން ބޭނުން ވަނީ ރާއްޖެ އަކީ އިންޑިއާގެ ބެކް ޔާޑުގައި އޮތް ގައުމެއް ކަމެވެ. އަދި ބޭސްފަރުވާ އަށް ދިވެހިން އިންޑިއާ ނޫން ގޮތެއް ނެތްކަން ދެއްކުމެވެ. ރާއްޖެއަށް ބްލީކޮށް ޖެއްސުން ކުރަުމުގެ ލައިސަންސް އިންޑިއާ އަތުގައި އޮތް ކަން ދެއްކުމެވެ. ބޭނުމަކީ ރައީސް މުއިއްޒު އަށް ހަޖޫޖެހުމެވެ.
އެއީ ރައީސް މުއިއްޒު އިންޑިއާގެ ވާދަވެރި ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްވި ސްޓޭޓުމެންޓުގައި އިންޑިއާ އަށް ރައްދު ކުރައްވާ ހޫނު ބަހުގެ ހަމާލަތެއް ރައްދު ކުރެއްވުމުން ނެވެ، އިންޑިއާ އަށް މުއިއްޒު ހަޖޫޖެއްސެވުމުން ބަދަލު ހިފާލަނީ އެވެ.
ރައީސް މުއިއްޒު ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު މޯދީއަށް ނިސްބަތްކޮށް ބަދުބަސް ރައްދު ކުރެއްވި މައްސަލައިގައި ރާއްޖެ "ސައިޒް" ކުރަނީ އެވެ.
ކޮންމެ އަކަސް ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތުގެ ބެކްބޯނެއް ނެތްކަން އިންޑިއާ ދެނެގަނެ "އިންޑިއާ އައުޓް"ގެ ނަމުގައި ކެމްޕެއިނެއް ކުރި ދެ ޕާޓީން ވެރިކަމަށް އައި މި ސަރުކާރުގެ ވެރިން "އިންޑިއާ އަތުޖެހުމުން" ރަގަޅަށްވެސް އިންޑިއާގެ ރައްޔިތުންގެ ކުރިމަތީ ހަވަރަށް ދީފި އެވެ. އަދި ރާއްޖޭގެ ބޮޑު ވަޒީރަކީ އިންޑިއާގެ ބޮޑު ވަޒީރުކަށް އިންޑިއާގެ ހަރުކަށި ގައުމިއްޔަތުގެ މީހުން ބުނާ ބުނުން ތެދު ކުރުމަށް އިންޑިއާ ސަރުކާރަށް ކުރެވުނުހާ ކަމެއް އެދަނީ ކުރަމުން ނެވެ. އިންޑިއާގެ ހަރުކަށި ގައުމިއްޔަތުގެ މީހުން ދެކެނީ "މާލެ" މީ އެމީހުންގެ ވެރިކަމެއް އޮތް ތަނެއްގެ ގޮތުގައި އެވެ. އަދި އިންޑިއާ އިން ސްޕޮންސާ ކުރާ "ރައީސް" އެއް މާލޭގައި ހުރި ނަމަވެސް ރާއްޖެ ކޮންޓްރޯލް ކުރާނީ އިންޑިއާގެ އެވަގުތެއްގެ ބޮޑު ވަޒީރު ކަމަށެވެ.
މި ހީލަތްތެރި ރޭވުމުގެ ދަށުވީ ރާއްޖޭގެ ދެ ރައީސް އެކެވެ. އެއީ ރައީސް ނަޝީދުއާއި ރައީސް ސޯލިހު އެވެ. މި ދެބޭފުޅުންގެ ވެރިކަމުގައި ރާއްޖޭގެ މައި އެއާ ޕޯޓް ހިމެނޭ ހެން ރާއްޖޭގެ ގިނަ ހަރުމުދާ އިންޑިއަށް އަށް "މިލްކު" ކޮށްދިނެވެ. އަދި އެތަށް ފަޅުރަށަކާއި އިންޑިއާގެ އަސްކަރިއްޔާ އަށް ރާއްޖޭގެ ބޭނުން ދޮރެއްގައި ޓަކި ޖަހަން ފުރުސަތު ދިނެވެ. މި ދެންނެވި ނަޝީދުއާއި ސޯލިހުއަށް ފަހު އިންޑިއާގެ ސިޔާސީ ޖައްގަލީގައި ދަމާފައޮތް ދަލުގައި ޖެހުނު ރައީސް އަކީ މިހާރުގެ ރައީސް ޑރ. މުއިއްޒު އެވެ.
މުއިއްޒު ވެރިކަމުގެ ކުރީކޮޅު ގަދަވެފައި އިންޑިއާ އަށް ބަދުބަސް ބުނަން ފެށުމުން އިންޑިއާ ކުޑަކޮށް ދަތިވި އެވެ. އަދި ރާއްޖޭގެ ކޮންމެ ރައީސަކު ވެރިކަމަށް ވަޑައިގެން ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅު އިންޑިއާއަށް ކުރެއްވުމުގެ ސަގާފަތް ނިމުމަކަށް ގެންނަވައި ރައީސް މުއިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރެއްވީ އިންޑިއާއާ ވާދަވެރި ޗައިނާއަށެވެ. އެއާ އެކު، މުއިއްޒު-މޯދީގެ ގުޅުން "ބޮޑަށް" ގޯސްވެ އިންޑިއާ "ހަނގުރާމަ" އިއުލާނުކުރި އެވެ.
އެގޮތުން އިންޑިއާގެ ސިއްރު ސިފައިންގެ އެހީގައި މުއިއްޒުގެ ވެރިކަން ވައްޓާލެވިދާނެ ކަމުގެ އަޑުތައް މުއިއްޒުގެ އޮފީހަށް ބައެއްގެ އެހީގައި އިންޑިއާއިން ގެންދިޔަ އެވެ. އިސާހިތަކު ކުރިންކީ ހުރިހާ އައުޓެއް އިންކޮށް އިންޑިއާގެ ބެކްޔާޑުގައި ވެސް އެއް ދާން ކުރުމަށް މުއިއްޒު މޯދީ އަށް ގުޅާ ދެންނެވި އެވެ. އަދި ކުރިން ދެއްކި ވާހަކަ ތަކަކީ މާޒީ ކަމުގައި ދެކި ދެން އެފަދަ "ގޯސް" ނުހައްދަވާނެ ކަމުގެ ޔަގީންކަން ދެއްވާ މޯދީގެ ކިބައިން މައާފަށް އެދުނެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މި ފަހުން އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުން އެ އިވެން ފެށީ ވޮޝިންގްޓަން ޕޯސްޓުން ބުނި ރޭވުން ނިއުދިއްލީން ދޫކޮށްލުމަށް މާލޭ އާއިއެކު ވީ ވައުދު ނާމާގައި ހުރި ވާހަކަތަކެވެ. އަދި މިހާރު ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އިންޑިއާ އަށް ވަޑައިގެން އެ ގައުމުގެ ޑިފެންސް މިނިސްޓަރު ރަޖުނަތު ސިންހާއާއެކު ބޭއްވި ރަސްމީ ބައްދަލުވުން ދިވެހިންނަށް ސިއްރު ކުރީވެސް "މުއިއްޒު" އިންޑިއާ އުނގަށް ވެއްޓުމުގެ ނަތީޖާ އެވެ.
މިއަދު އިންޑިއާ އަށް ދިވެހި ސަރުކާރުގެ ވެރިން ހާޒިރު ކުރާކަމާއި އަދި ދެ ގައުމުގެ ދެމެދުގައި ދައްކާ ވާހަކަތަކުގެ އަޑުތައް ދިވެހިންނަށް އިވެނީ އިންޑިއާ ސަރުކާރުގެ ނޫސް ތަކުގެ ހަބަރުން ނެވެ. ދިވެހި ސަރުކާރަކަށް ވާއެއް ނުވާ އެއް ނޭގެ އެވެ.
އިންޑިއާއިން ގައްސާނު ދަތުރުގެ ތެރެއިން ރާއްޖެއަށް ހަތަރު މިލިއަން ޑޮލަރު ނުވަތަ 62 މިލިއަން ރުފިޔާގެ ސާމާނު ވެސް ހަދިޔާކުރި ވާހަކަ ވެސް ފުރަތަމަ ރިޕޯޓް ކުރީ އިންޑިއާ ނޫހުގައި އެވެ.
އަދި އިންޑިއާ ސަރުކާރުން ހަދިޔާކޮށްގެން ރާއްޖޭގައި އޮޕަރޭޓު ކުރާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ރާއްޖޭގައި އޮޕަރޭޓު ކުރަން ހަދާފައިވާ އެއްބަސްވުންތަކުގެ މުއްދަތު އިތުރު ކުރަން ގައްސާނު މަޝްވަރާކުރި ކަން ވެސް ރިޕޯޓް ކުރީ އިންޑިއާ ނޫސްތަކުގައި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެއްބަސްވުންތަކުގެ މުއްދަތު އިތުރު ކުރަން މަޝްވަރާ ކުރީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އެ ގައުމަށް ވަޑައިގެން އެ ގައުމުގެ ޑިފެންސް މިނިސްޓަރު ރަޖުނަތު ސިންހާއާއެކު ބޭއްވި ރަސްމީ ބައްދަލުވުމުގަ އެވެ.
އަދި އިންޑިއާގެ ސަރުކާރުން އުތުރުތިލަފަޅުގައި އަޅާ އަސްކަރީ ބަނދަރުގެ މަސައްކަތް އަވަސް ކުރަން ގައްސާނު އެއްބަސްވި ކަމަށް ވެސް އިންޑިއާ ނޫސްތަކުން އަންނަނީ ބުނަމުން ނެވެ. ނަމަވެސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ އުތުރު ތިލަފަޅު އެއް ބަސްވުން ވެސް ރައްޔިތުންނަށް ހާމަކޮށް އެފަޅުން އިންޑިއާ ސިފައިން "ފައްސާލާނެ" ކަމުގެ ވައުދު ވަމުން ނެވެ. މިއަދު ހާލަތު ބަދަލުވީ ކީއްވެ ކަމެއް ރައްޔިތުންނަށް ބުނެ ނުދީ މަޝްވަރާއަކަށްފަހު މަޝްވަރާއެކެވެ،
ނަމަވެސް މި ވާހަކަތަކުގެ ތަފްސީލެއް ދިވެހި ސަރުކާރުން ދިވެހިންނަކަށް ބުނެ ނުދެ އެވެ. ހުރިހާ ކަމެއް "ސިއްރު" ވީ އެވެ. ދިވެހި ރާއްޖޭގެ މިނިސްޓަރަކު އިންޑިއާ އަށް ވަޑައިގަތަސް ދެކެވޭ ވާހަކަތައް މާލެ އަށް އަންނަނީ އިންޑިއާ ސަރުކާރުން ނެރޭ ނޫސް ބަޔާނަކުން ނެވެ. ހުރިހާ ކަމެއް "ސިއްރު" ވީ އެވެ.
ވާނީ ވެސް އެހެންތާ އެވެ.
ގައްސާން މައުމޫން އިންޑިއާއަށް ރަސްމީ ދަތުރެއް މިހާރު ކުރައްވަމުން ގެންދަވާއިރު، އޭނާއަކީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އާއި ޕީއެންސީ އޮތްއިރު އެ ދެ ޕާޓީން ހިންގި އިންޑިއާ އައުޓް ހަރަކާތުގެ އެންމެ އިސް އެއް ބޭފުޅާ އެވެ. ނަމަވެސް ވެރިކަމަށް އައުމަށްފަހު އެ ކެމްޕޭނުގެ މައްޗަށް ބިނާކުރި މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން "އުބަށް" ޖެހުމުން އެނގެނީ ޑރ. މުއިއްޒުގެ ހާރިޖީ ސިޔާސަތުގެ އަގެއް ނެތް ކަމާއި އިންޑިޔާއިން އެޅިހާ ބަތަކަށް ރިހަވެ، ބިރިޔާނީ ތައްޓަކަށް މި ސަރުކާރުގެ ވެރިން ހެއްލިއްޖެ ކަމެވެ.
މިއަދު އިންޑިއާއިން ގައްސާންގެ ބޯ ގުދުކޮށް، މަޝްވަރާތައް ސިއްރު ކޮށްފައި ބާއްވަން ދިވެހި ސަރުކާރަށް އިންޑިއާއިން މަޖުބޫރުު އެކުރަނީ އެހެންވެ އެވެ. މިދާވަރުން ދާނަމަ، އަބަދު ވެސް އިންޑިއާއާ ގާތް ގުޅުމެއް ބާއްވަވާ ކުރީގެ ރައީސް ނަޝީދު ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުގެ ލަފާ ދާރަކަށް އިންޑިއާ ފަޅިން އައްޔަނު ނުކުރެއްވިއްޔާ ނަސީބެވެ.