އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު: އެ އުޅަނދުތައް ދެން ދުއްވާނީ އިންޑިއާގެ މަދަނީ ސިފައިން / އެމްއެންޑީއެފް
ހަބަރު
އިންޑިއާގެ ހެލިކޮޕްޓަރު ރާއްޖޭގައި އޮޕަރޭޓް ކުރާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރަން އިންޑިއާ އެދިއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
09 ޖެނުއަރީ 2025
މާލެ ސިޓީ

އިންޑިއާ ސަރުކާރުން ހަދިޔާކޮށްގެން ރާއްޖޭގައި އޮޕަރޭޓު ކުރާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ރާއްޖޭގައި އޮޕަރޭޓު ކުރަން ހަދާފައިވާ އެއްބަސްވުންތަކުގެ މުއްދަތު އިތުރު ކޮށްދިނުމަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރުގައި އެދެފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެއްބަސްވުންތަކުގެ މުއްދަތު އިތުރު ކުރަން މަޝްވަރާ ކުރީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އެ ގައުމަށް ވަޑައިގެން އެ ގައުމުގެ ޑިފެންސް މިނިސްޓަރު ރަޖުނަތު ސިންހާއާއެކު ބޭއްވި ރަސްމީ ބައްދަލުވުމުގަ އެވެ.

އަދި އިންޑިއާގެ ސަރުކާރުން އުތުރުތިލަފަޅުގައި އަޅާ އަސްކަރީ ބަނދަރުގެ މަސައްކަތް އަވަސް ކުރަން ގައްސާނު އެއްބަސްވި ކަމަށް ވެސް އިންޑިއާ ނޫސްތަކުން އަންނަނީ ބުނަމުން ނެވެ.

މީގެއިތުރުން ލ. ކައްދޫ އާއި ސ. ގަމުގައި އިންޑިއާގެ މީހުން ބެހެއްޓުމަށް ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ފެބްރުއަރީ، 2025، ގައި ހަމަވާތީއާއި އަދި ހދ. ހަނިމާދޫގައި އިންޑިއާ ސިފައިން ބެހެއްޓުމަށް ހެދި އެއްބަސްވުމުގެ މުއްދަތު ފެބްރުއަރީ، 2026، ގައި ހަމަވާތީ މި ދެ އެއްބަސްވުން އާކުރުމަށް ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

ނަމަވެސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ އުތުރު ތިލަފަޅު އެއް ބަސްވުމާއި އިންޑިއާގެ މީހުން ބެހެއްޓުމަށް ކުރީ ސަރުކާރުން ހެދި އެއްބަސްވުންތައް ރައްޔިތުންނަށް ހާމަކޮށް އިންޑިއާ ސިފައިން ދިވެހި ފަސްގަޑުން "ފައްސާލާނެ" ކަމުގެ ވައުދު ވަމުން ނެވެ.

އަދި އިންޑިއާގެ ސިފައިން ރާއްޖެއިން ބޭރު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު ވައުދެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ.

ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް މުއިއްޒު ނިންމެވީ ހެލިކޮޕްޓަރުތަކާއި ޑޯނިއާ ދުއްވާ ސިފައިން ފޮނުވާލުމަށްފަހު އުޅަނދުތައް ބެހެއްޓުމަށެވެ.

މިއަދު ހާލަތު ބަދަލުވީ ކީއްވެ ކަމެއް ރައްޔިތުންނަށް ބުނެ ނުދީ މުއިއްޒު ސަރުކާރުން އިންޑިއާއާއެކު މަޝްވަރާއަކަށްފަހު މަޝްވަރާއެއް އެދަނީ ކުރަމުން ނެވެ. ނަތީޖާ އަކީ މުއިއްޒު އުދުހުން ހުއްޓުވި ހެލިކޮޕްޓަރުތަކާއި ޑޯނިއާގައި އިންޑިއާ ސިފައިން މިހާރު އުދޭހޭ އުދުހުން މިނިވަންވެފައި އިތުރުވުމެވެ.

ހަނިމާދޫ އެއާޕޯޓްގައި އޮޕަރޭޓް ކުރާ ޑޯނިއާގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކަޕްޓަރު ވެސް އިންޑިއާ މީހުން ރާއްޖޭގައި އޮޕަރޭޓް ކުރަމުންދެ އެވެ. އެ އުޅަނދުތަކުގައި ދިވެހި ސިފައިންގެ ނިޝާން ޖަހާފައި ހުރި ނަމަވެސް، މިހާތަނަށް ދިވެހި ސިފައިންގެ ޕައިލެޓަކަށް އެ އުޅަނދުތައް ދުއްވަން ފުރުސަތެއް ނުދެ އެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved