މިދިޔަ އަހަރު އެމްއެމްއޭއިން އެކުލަވާލައި އަމަލު ކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ޑޮލަރު މާރުކުރަން އެ އޮތޯރިޓީގައި ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް ރެޖިސްޓްރީވުމުގެ އިތުރު ފުރުސަތު ލިބޭ ގޮތަށް، ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ރެޖިސްޓްރީ ކުރުމުގެ ގަވާއިދެއް ހަދައިފި އެވެ.
ރާއްޖޭގެ ސެންޓްރަލް ބޭންކް އެމްއެމްއޭއިން އަލަށް އެކުލަވާލި ގަވާއިދުގައިވާ ގޮތުން، މި ޖަނަވަރީ މަހުގެ 13 ވަނަ ދުވަހުގެ ކުރިންް، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް، އަހަރެއްގެ ތެރޭގައި 15 މިލިއަން އެމެރިކާ ޑޮލަރު ލިބޭ ހުރިހާ ވިޔަފާރިއެއް ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ.
އޭގެ އިތުރުން، މިދިޔަ 2024 ވަނަ އަހަރުގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބިފައިވާނަމަ، އެފަރާތަކުން މި އަހަރުގެ ފެބްރުއަރީ 3 ގެ ކުރިން އެމްއެމްއޭގައި ރަޖިސްޓްރީވާން ޖެހެއެވެ. އަދި މިއަހަރުގެ ޖެނުއަރީން ފެށިގެން އެ ދާއިރާގައި ވިޔަފާރި ފަށާ ފަރާތްތަކުން އެ ފަރާތްތަކުން ވިޔަފާރި ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަންޖެހޭނެކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.
އެ ގަވާއިދުގައި ދެން ހިމެނެނީ އެ ގަވާއިދުގެ ދަށުން އެމްއެމްއޭގައި ރެޖިސްޓްރީ ނުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު އެމްއެމްއޭއަށް ލިބޭ ކަމާއި އެފަދަ ހާލަތްތަކުގައި އެމްއެމްއޭއިން އަމަލު ކުރާނެ ގޮތެވެ.
އެމްއެމްއޭގައި ރެޖިސްޓްރީވުމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ވެސް ގަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓްތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަސް ދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރުމެވެ. "ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
މިކަމާ ގުޅިގެން ޓޫރިސްޓު ރިސޯޓުތައް ހިންގާ ވިޔަފާރިވެރިންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ސިޔާސީން ވެސް ދަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފައި ވެ އެވެ. އަދި މި ގަވާއިދަށް އަދި ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރެވެން ނެތް ކަމަށް ވެސް 50 އަށް ވުރެ ގިނަ ރިސޯޓުން ވަނީ އެމްއެމްއޭ އަށް މީގެ ކުރިން އަންގާފަ އެވެ.