ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު / ރައްޔިތުންގެ މަޖިލިސް
ހަބަރު
ޕީއެންސީއަށް އަނެއްކާވެސް ވަގަށް މީހުން ވައްދައިފި، މި ފަހަރު އެމްޑީޕީގެ އެމްޕީއެއްވެސް ހިމެނޭ!
Mariyam Isaadha
މަރިޔަމް އިސާދާ
13 ޖެނުއަރީ 2025
މާލެ ސިޓީ

ޕީއެންސީއަށް އަނެއްކާވެސް ވަގަށް މީހުން ވައްދާފައިވާއިރު މި ފަހަރު އެމްޑީޕީއަށް ނިސްބަތްވާ އެމްޕީއެއްވެސް ހިމެނޭކަން ހާމަވެއްޖެއެވެ.

އެކި މީސްމީހުން ނަމުގައި ވަގު ފޯމު ހަދައިގެން، އެ މީސްމީހުންގެ ސިފަ ބަދަލުކޮށްފައި ހުރި ފޮޓޯ ޖަހައިގެން އެތައް ބަޔަކު ޕީއެންސީއަށް ވައްދާ މީގެ ކުރިންވެސް ބޮޑުވެފައިވާއިރު، އަނެއްކާވެސް އެ މައްސަލަ ބޮޑުވެއްޖެއެވެ.

އެގޮތުން ވަގު ފޯމެއް ފުރައިގެން ހދ. ވައިކަރަދޫގެ ގިނަ ބަޔަކާއެކު އެމްޑީޕީއަށް ނިސްބަތްވާ އެ ދާއިރާގެ މަޖިލިސް މެންބަރު، ހުސެއިން ޒިޔާދު (ފިއްޓޭ) ވެސް ވެރިކަން ކުރާ ޕީއެންސީއަށް ވައްދާފައިވާކަން ވަނީ ހާމަވެފައެވެ.

މެމްބަރު ފިއްޓެއާ ހަވާލާދީ އޮންލައިން ނޫސް "އަދަދު"ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ ޕީއެންސީއަށް ވައްދާފައި އޮތީ މިދިޔަ ޑިސެމްބަރު 23، ގައި ކަމަށެވެ. އެކަން އޭނާގެ ސަމާލުކަމަށް އައީ، ރަށުގެ ވަރަށް ގިނަ މީހުން ޕީއެންސީއަށް ވައްދާފައި އޮތުމުން ޗެކުކޮށްލަން އިލެކްޝަން ކޮމިޝަންއަށް އެސްއެމްއެސް ކުރުމުން ކަމަށްވެސް މެމްބަރު ފިއްޓެ ވިދާޅުވެފައިވެއެވެ.

ޕީއެންސީއަށް އޭނާ ވެއްދީ ކޮންބައެއް ކަމެއް ނޭނގޭ ކަމަށާއި އިލެކްޝަންސް ކޮމިޝަނަށް ގޮސް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް ފިއްޓޭ ވިދާޅުވެފައިވެއެވެ.

ފިއްޓޭގެ އިތުރުން ވެސް ގިނަ ބަޔަކު ދަނީ އެމީހުންގެ ނަމުގައި ވަގު ފޯމު ފުރައިގެން ޕީއެންސީއަށް ވައްދާފައިވާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެގޮތުން ގއ. ވިލިނގިލި ދާއިރާގެ ކުރީގެ މެންބަރު، ސައުދު ހުސެއިން އެކްސްގައި ހިއްސާކޮށްފައިވާ ފޯމެއްގައި މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ހެކިވެރިންގެ ގޮތުގައި ސޮއި ވެސް ކޮށްފައިވެއެވެ.

ނަމަވެސް އެ ފޯމުގައި ނަން އޮތް މީހާގެ ފޮޓޯ ދިމާ ނުވާއިރު ސޮއިވެެސް ދިމާނުވެއެވެ. މިހެން މިކަން ހުރިއިރު މީހުންނަށް ނޭނގި ޕާޓީ ބަދަލުކުރާ ކަމުގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިފަހުން ވަނީ ބުނެފައެވެ. އީސިއިން މިހެން ބުނި ނަމަވެސް އީސީއިން ގެންދަނީ ދޮގު މައުލޫމާތާ އެކު ހުށަހަޅާ ފޯމުތައް ބަލައިގަންނަމުންކަން ފާހަގަކޮށްލެވެއެވެ.

ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ދާދި ފަހުން ވަނި ސަރުކާރުގެ އިސްވެރިންނާ ކުންފުނިތަކުގެ ވެރިންވެސް އަތޮޅު ތެރެއަށް ދަތުރުކޮށްފަ އެވެ. ނަމަވެސް ވެރިކަމުގެ ކުރީކޮޅު ޕީއެންސީއިން ހަދަމުންދާ ގޯސްތައް ގިނަ ކަމުން ރައްޔިތުން ތިބީ އެވެރިން މަތިން ފޫހިވެފައިކަމަށް ގިނަ ބަޔަކު ބުނަމުން ގެންދެއެވެ

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved