
ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލަކީ ޑްރެކިއުލަރ އަށް ބްލަޑް ބޭންކް ހަވާލު ކުރުން ފަދަ ބިލެއް ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ޒިޔާދު (ފިއްޓެ)ވިދާޅުވެއްޖެއެވެ.
ޒިޔާދު މިފަދައިން ވިދާޅުވެފައިވަނީ، ސަރުކާރުގެ ފަރާތުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.މެމްބަރު ޒިޔާޒު ވިދާޅުވީ، ބިލު ތަންފީޒު ކުރުމަށް ހޯމް މިނިސްޓަރާއި ހަވާލު ކުރުމަކީ ޑްރެކިއުލަރ އާ ބްލަޑް ބޭންކް ހަވާލު ކުރުން ފަދަ ކަމެއް ކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވީ، ޒާތީ މައުލޫމާތު ފަދަ މުހިއްމު ބިލެއްގެ ވާހަކަ ދައްކާއިރު، އެ ގާނޫނު ތަންފީޒު ކުރަން ކަނޑައަޅާފައިވާ ވަޒީރަކީ، މެންބަރުގެ އަމިއްލަ ރަށް ކަމަށްވާ ވައިކަރަދޫގެ 400 އެއްހާ މީހުންގެ ޒާތީ މައުލޫމާތު ނަގައިގެން ޕީއެންސީއަށް ފޯމު ފުރާފައިވާ ކަމަށް ބެލެވޭ ފަރާތެއް ކަމަށެވެ.
އެގޮތުން އޭނާ އާއި، ކުރީގެ ހައިކޯޓުގެ ފަނޑިޔާރެއްވެސް ޕީއެންސީއަށް ވެއްދި ކަމަށް ޒިޔާދު ވިދާޅުވެފައިވެއެވެ.
ޒާތީ މައުލޫމާތު ރައްކާތެރި ކުރުމުގެ ބިލަކީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި އެއްކުރުމާއި، ޕްރޮސެސް ކުރުމާއި، ބޭނުން ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް ތައްޔާރުކޮށްފައިވާ ބިލެކެވެ. މީގެ އިތުރުން، ޒާތީ މައުލޫމާތު އެއްކޮށް ޕްރޮސެސް ކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި، އެ ފަރާތްތައް ރެގިއުލޭޓް ކުރާނެ އުސޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.










