ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދެ މައްސަލައެއްގައި އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމުގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުމެއް އަންނަ ހަފްތާއަށް ތާވަލްކޮށްފިއެވެ.
އަޑު އެހުން ތާވަލްކޮށްފައިވަނީ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 9:30 އަށެވެ. އެ ދުވަހުގެ އަޑު އެހުމުގައި އޮންނާނީ މައްސަލަ ނިންމުމަށް ފަހު ބަސް އިއްވުމެވެ. ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވަނީ މިކަން 'ތޭރަ އޮންލައިން"އަށް ކަށަވަރުކޮށް ދެއްވާފައެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ހައި ކޯޓުން ވަނީ މައްސަލަ އަލުންބެލުމަށް އަންގާފައެވެ. އެފަދައިން ހުކުމް ކުރިއިރު ހައިކޯޓުން ވަނީ ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިނުގަނެވޭނެ ވެސް ނިންމާ ހުކުމްކޮށްފައެވެ.
އެހެންކަމުން ދައުލަތުން އެކަމާ ގުޅިގެން ސުޕްރިމު ކޯޓަށް ހުށަހެޅި އިސްތިއުނާފު ކުރިއަށް ދަނިކޮށް ކުރިމިނަލް ކޯޓުގައި އަލުން ވަނީ އާރަށުގެ މައްސަލަ ފަށާ ފަހުން މަޑު ޖައްސާލަފައެވެ. ކުރިމިނަލް ކޯޓުގައި މައްސަލަ ބައްަލަވާ ގާޟީ ނިންމެވީ ސުޕްރީމު ކޯޓުން އައު ހެއްކާ މެދު ވަކި ގޮތެއް ކަނޑައެޅުމުން ދަށު ކޯޓުގައި މައްސަލަ ކުރިއަށް ގެންދިއުމަށެވެ.
ރައީސް ޔާމީން ފްރޭމް ކޮށް ނިމި ދިޔަ ސަރުކާރުން އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފުގައި ހައިކޯޓުން ކުރި ހުކުމުގައިވާ ހެކި އެއް ފަރާތްކުރުމުގެ ބައި ދައުލަތުން ސުޕްރީމު ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
މި މައްސަލައިގެ ފުރަތަމަ އަޑު އެހުން ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ސުޕްރިމު ކޯޓުގައި ކުރިއަށް ގެންދިޔައިރު ދިފާއީ ވަކީލް ހަމްޒާ ލަތީފް ވިދާޅުވީ ދައުލަތުން އައު ހެކިތަކުގެ ގޮތުގައި ހުށަހަޅާފައި ވަނީ ހެކިން ދެއްކި ވާހަކަތަކަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ. ހައިކޯޓުން ވެސް އެ ހެކިތައް އެއްފަރާތްކުރީ، ރިބެޓްލް ހެކި ހުށަހެޅުމަށް އަމަލުކުރާނެ ވަކި އުސޫލެއް ޖިނާއީ އިޖުރާއަތު ގާނޫނުގައި ބަޔާންކޮށްފައި ނެތުމުން ކަމަށް ހަމްޒާ ވިދާޅުވިއެވެ. އެހެންކަމުން އެ ހެކިތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ވެސް ގޮތެއް ނުނިންމޭނެތީ، މި މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވަނީ ހުށަހަޅުއްވާފައެވެ.
ގާނޫނުގައި ބުނާ ހަމަހަމަކަމުގެ ހައްގު ގެއްލޭ ކަމެއްކަން ފާހަގަކުރައްވައި ރައީސް ޔާމީންގެ ވަކީލު ވިދާޅުވީ، ޝަރީއަތުގައި ނިންމާފައިވަނީ ހެކިން ހުށަހަޅާ ހެއްކަށް ރައްދު ދޭން ހުށަހެޅި ހެކި ވަޒަންކުރުމަށް އެއަށް ރިއާޔަތްކޮށްގެން ކަމަށެވެ. އަދި، ދައުލަތުން އަމަލުކޮށްފައި އޮތް ގޮތުން ދައުވާ ލިބޭ ފަރާތުގެ ހައްގުތަކަށް އަސަރުކޮށްފައިވާކަން ވަކީލު ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ދައުލަތުން ބޭނުންވާ ގޮތަށް ސުޕްރީމް ކޯޓުން އަމުރު ނެރެފިނަމަ، 'މިހާ ބޮޑު' ގޯހެއް ހަދާފައި އޮތް ބަޔަކަށް ދެވެނީ ހިތްވަރެއްގެ ގޮތުގައި ކަން ރައީސް ޔާމީންގެ ވަކީލު ވަނީ ސިފަކުރައްވާފައެވެ.
މި މައްސަލައިގައި ދެ ފަރާތުން ވެސް ވަނީ ރައްދު ދީފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާނީ ތިން ފަނޑިޔާރުންނެވެ. އެއީ، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުއާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.