މިއަދުވެސް މޫސުން ގޯސް / ސޯޝަލް މީޑިއާ
ހަބަރު
ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މިއަދު ދެ ވަނަ ފަހަރަށް ރީނދޫ ސަމާލު ނެރެފި
Mariyam Isaadha
މަރިޔަމް އިސާދާ
14 ޖެނުއަރީ 2025
މާލެ ސިޓީ

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން މިއަދު ދެވަނަ ފަހަރަށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ރ އަތޮޅުން ފެށިގެން ތ އަތޮޅަށް، މިއަދުގެ 11:30 އިން ފެށިގެން 15:30 އަށެވެ.

މާލެސިޓި ވެސް ހިމެނޭ މި ސަރަހައްދަށް މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އެކަށީގެން ވާކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގުގުރައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި އެހެނިހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުތަކުގެ އުސްމިނުގައި ތިންފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

އެހެންކަމުން ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved