ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް ނަސީމު / ރައްޔިތުންގެ މަޖިލިސް
ހަބަރު, ސިޔާސީ
ވަގު ފޯމު ހުށަހެޅި މައްސަލާގައި އިހުސާންއާ ސުވާލުކުރަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
15 ޖެނުއަރީ 2025
މާލެ ސިޓީ

އާންމުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައި، ސޮއި ފޯޖު ކުރުމަށްފަހު ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ވަގަށް މީހުން ވައްދާ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާންއާ ސުވާލު ކުރަން މެންބަރު މީކާއީލް ނަސީމް ހުށަހަޅުއްވައިފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް ނަސީމު ހުށަހެޅި ވަޒީރުންނާ ސުވާލުކުރުމާބެހޭ ނޯޓިސްގައި ބުނެފައިވަނީ ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޑޭޓާބޭސް ބޭނުންކޮށްގެން މީހުންގެ ޝަހުސު އޮޅުވާލައި ޕީއެންސީއަށް މެންބާޝިޕް ފޯމު ފުރާވާކަން ހާމަވެފައިވާ ކަމަށެވެ.

މީކާއިލް ވަނީ މީހުންގެ ޒާތީ މައުލޫމާތު އިތުރަށް ރައްކާތެރިކުރުމަށް އަޅަނީ ކޮން ފިޔަވަޅެއްތޯއާއި ސައްހަ ނޫން ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ ހޯމް މިނިސްޓްރީގެ އިސްވެރިންނާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސުވާލުކުރަން އެދިފަ އެވެ.

އޮޅުވާލައިގެން ފޯމު ހުށަހަޅާ މައްސަލާގައި އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނީ ވެރިކަންކުރާ ޕީއެންސީއަށެވެ. މި ފަހުން އެމްޑީޕީގެ މަޖިލިސް މެންބަރެއް ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި އޭނާ ޕީއެންސީ އަށް ބަދަލުކުރި އެވެ. އެންމެ ފަހުން އީސީން ފޯމު ބާތިލުކުރީ އެވެ.

އެ މައްސަލައަށް ފަހު އަނެއްކާ ވެސް ސައްހަ ނޫން ފޯމު ހުށަހަޅާ މައްސަލަ ފެންމަތިވެ ގިނަ ބަޔަކު ފާޑުކިޔަމުންދަނިކޮށް ޕީއެންސީން ބުނެފައި ވަނީ މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅުނު ކަމަށް ބުނެފަ އެވެ.

ސައްހަ ނޫން ފޯމުތަކެއް ހުށަހެޅުނު ކަމަށް ޕީއެންސީން އެއްބަސްވެފައިވާއިރު. އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަދި ފުލުހުންވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved