ވެރިކަމުގެ ދަހިވެތި ކަމުގައި ހިންގާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގައި އެކި ފަހަރު މަތިން ބޮޑުހުޅު ޖެހިކަން ތާރީޚީ ފަތްފުށްތަކުން ފެންނަން އެބަހުރިއެވެ. އެގޮތުން ރަސްކަމުގެ ދުވަސްވަރުން ފެށިގެން ވެސް ރާއްޖޭގައި އެކި ފަހަރު މަތިން ބޮޑު ހުޅުޖަހާ ރައްޔިތުންނަށާއި ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން އެނގެން އެބަހުރިއެވެ.
2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ތާރީޚު ދުށް ބިރުވެރި އަދި ނާމާން ދުވަހެކެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް މަގާމުން އިސްތިއުފާދެއްވިތާ އެންމެ 24 ގަޑި އިރުވެސް ނުވަނީސް ނަޝީދު އިސްވެ ހުންނަވައިގެން އެމްޑީޕީގެ އެކްޓިވިސްޓުންގެ ބޭނުން ހިފައިހެން ހިންގި ބޮޑު ޖަރީމާއެކެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި އެމްޑީޕީ އިސްވެ ނިކުމެ މުޒާހަރާ ކުރުމުގެ ނަމުގައި ތަންތަނުގައި ހުޅުޖަހާ ދައުލަތުގެ މުދަލަށް ގެއްލުން ދިން ބިރުވެރި ދުވަހެކެވެ. އެ ހާދިސާގައި ވެރިރަށް މާލެއާއި، އަތޮޅުތަކުގައި ހުރި ޕޮލިސް ސްޓޭޝަންތަކުގައި ހުޅުޖަހާ އަންދާލި އިރު ބައެއް އަތޮޅު ކައުންސިލް އިދާރާތަކާއި، ރަށްރަށުގެ ކޯޓުތަކުގެ އިތުރުން އަމިއްލަ މީހުންގެ މުދަލުގައި ހުޅުޖަހާ އަންދާލިއެވެ.
އެދުވަހަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާ ނާމާންކަން އިންތިހާއަށް އިތުރުވި ދުވަހެކެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި ފަރުދަކު އިސްވެ ހުރެގެން ގައުމުގައި ބޮޑު ހުޅު ޖެހުމުގެ ސަބަބުން ދައުލަތަށް އިޢާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔައިރު، ރައްޔިތުންގެ ތެރެއިން ބައެއްގެ ވަރި ކައިވެނީގެ ސެޓްފިކެޓްތަކާއި، މުހިންމު ލިޔެކިޔުންތައް އެއްކޮށް ނެތިގެން ދިޔައެވެ. އެ ދުވަހު ލިބުނު ގެއްލުންތަކާ ގުޅިގެން ޑީޖޭއޭއިން މީގެ ކުރިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ 8 ފެބްރުއަރީ 2012 ވަނަ ދުވަހު ހުޅުޖަހައި ރާއްޖޭގެ ފަސް ކޯޓެއް އަނދާލާފައިވާ ކަމަށް ވަނީ ބުނެފައެވެ.
އެގޮތުން އެއްކޮށް އަންދާލީ ގދ. ތިނަދޫ ކޯޓާއި ސ. ހިތަދޫ ކޯޓާއި އެއަތޮޅު މަރަދޫ ކޯޓާއި ފޭދޫޫ ކޯޓުގެ އިތުރުން ހުޅުދޫ ކޯޓެވެ. އަދި އޭގެ އިތުރުން ތިން ކޯޓަކަށް ގެއްލުންދީފައިވެއެވެ. އެއީ ޏ. ފުވައްމުލަކު ކޯޓާއި ގދ. ރަތަފަންދޫ ކޯޓުގެ އިތުރުން މަރަދޫފޭދޫ ކޯޓެވެ. 8 ފެބްރުއަރީ 2012 ވަނަ ދުވަހުގެރޭ އަލިފާން ރޯކޮށްލުމުގެ ސަބަބުން ރަތަފްންދޫ ކޯޓުގެ ފޮޓޯކޮޕީ މެޝިނާއި، ފެކްސް މެޝިނާއި، ޕްރިންޓަރު ބޭނުން ނުކުރެވޭވަރަށް ހަލާކުވި ކަމަށާއި އަދި އަލިފާން ރޯކޮށްލުމުގެ ސަބަބުން މަރަދޫފޭދޫ ކޯޓުގެ މެޝިނަރީއާއި އިކްވިޕްމަންޓްސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ޑީޖޭއޭ އިން އޭރުވަނީ ބުނެފައެވެ.
އެމްޑީޕީ އިސްވެއޮވެ 8 ފެބްރުއަރީ 2012 ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގި ހަމަނުޖެހުންތަކުގައި ހުޅުޖަހައި އަންދާލުމުގެ ސަބަބުން، ޝަރުޢީ ކޯޓުތަކަށް ލިބުނު ގެއްލުމުގެ އަގު 46 މިލިއަން ރުފިޔާ އަށް އަރައެވެ. މީގެ އިތުރުން ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން ހިނަގމުން ދިޔަ އެތައް އިމާރާތްތަކަށްވެސް އެދުވަހުގެ މުޒާހަރާ ތެރޭގައި ވަނި ގެއްލުން ދީ ރޯ ކޮށްލަފައެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ ގަމުގައި ހުރި ޕޮލިސް ސްޓޭޝަނާ އެ ސްޓޭޝަނުގައި ބޭނުންކުރަމުން ދިޔަ ވެހިކަލްތަކާ އެ ސިޓީގައި ހުރި ޕޮލިސް ޓްރެއިންނިންގ ސްކޫލުވެސް ރޯކޮށްލިއެވެ. އޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އެކި ފުލުހުންގެ ހެޑްކުއާޓާޒް ތަކުގައި ރޯކޮށް އެތައް ގެއްލުންތަކެއް ދިނެވެ.
އެގޮތުން ފުލުހުންގެ ޢިމާރާތްތަކަށް ލިބުނު ގެއްލުމުގެ އަގު 112 މިލިއަން ރުފިޔާއަށް އަރައެވެ. އަދި މިހުރިހާ ގެއްލުންތަކަށް ވުރެ ބޮޑަށް އެދުވަހު ދިވެހި އެކި ފަރުދުންނަށް ލިބުނު ޖިސްމާނީ އަނިޔާ އާ ނަފްސަނީ އަނިޔާތަކަކީ ގުނާ އަދަދު ނުކުރެވޭހާ އަގުބޮޑު ގެއްލުންތަކެކެވެ. މިހާރުވެސް އެދުވަހުގެ ހަނދާންތައް އާވުމުން ގައިން ހީބި ނަގައިގެން ދެއެވެ. ހިތަށް ނުތަވަނަސްކަން ވެރިވެގެންދެއެވެ.
މީގެކުރިންވެސް އެކި ދުވަސްވަރުގައި ބޮޑު ހުޅު ޖެހިކަން ތާރީޚުން އެނެގން ހުރި ނަމަވެސް މިއީ ފަހުގެ ތާރީޚުގައި ހިންގި އެފަދަ އެންމެ ބިރުވެރި އެއް ޖަރީމާއެވެ. ކަން މިހެން ހުރިއިރު، މިހާރު ވެސް ސިޔާސީ ހަމަނުޖެހުންތައް ބޮޑުވުމުން މާލޭގައި ހުޅުޖެހުމުގެ ކަންކަން ހިނގަމުންދެއެވެ. މިފަދަ ކަންކަން ކުރާ މީހުންނަކީ ގައުމާ ރައްޔިތުންނާ މެދު އެއްވެސް ވަރަކަށް ވިސްނާ ފިކުރުކުރާ ބައެއްނޫނެވެ. ތިމާމެންގެ އަމިއްލަ އެދުމެއް ހާސިލް ކުރުމަށް ދައުލަތާއި ރައްޔިތުންގެ މުދާތައް ހުޅުޖަހާ އަންދާލާއިރު، އެކަމުގެ ހިތްދަތި އިހުސާސްތަކާ ބިރުވެރިކަން ތަހައްމަލްކުރަމުންދަނީ ދިވެހި ރައްޔިތުންނެވެ.
މިއީ ރައްޔިތުންނަށް ހެޔޮ އެދޭ ކަމަށް ދައުވާ ކުރާ އެމްޑީޕީއިން ރާއްޖޭގެ ތަރައްޤީގެ ދުވެލި އެތައް އަހަރެއް ފަހަތަސް ޖައްސާލި ހިތްދަތި ހާދިސާގެ ވާހަކައެވެ. އަދި އެ ގެއްލުންތަކުގެ ސަބަބުން ދިވެހި ޤައުމު އަރައި ނުގަނެވި އޮއްވާ ރާއްޖޭގެ އިގްތިޞާދު ނަގާ ކޮޅަށް ޖައްސަވާ ދެއްވީ ކުރީގެ ރައީސުލްޖުމްހޫިރއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްކަމީ ދިވެހި އެއްވެސް ދަރިއަކު ދެބަސް ވާނެ ކަމެއް ނޫނެވެ.
ނަމަވެސް ތާރީޚު އިޔާދަ ވެދާނެ ކަމުގެ ބިރު އަދިވެސް ދިވެހިން ގެ ހިތްތަކުގައި ވަނި ހަރުލާފައެވެ. އެހެނީ މިހާރު ޕީޕީއެމްގެ ވެރިކަމެއް އޮތްއިރު ވެރިކަމާ ތޮޅުމާ ކޯޅުމުގެ ސަގާފަތަކީ އެމްޑީޕީގެ ތަރިކަ އެއްޗަކަށްވެފައި އެމީހުންނަކީ އަމިއްަލ އެދުމަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ބަޔަކަށް ވުމުންނެވެ ދިވެހި ކޮންމެ ރައްޔިތަކު މިކަންކަމާ ވިސްނާ މިކަންކަމަށް ލޯ ހުޅުވައިގެން ތިބުން މުހިއްމެވެ. ބޮޑު ހުޅުގެ އިތުރު 8 ފެބްރުއަރީ އެއް ތަކުރާރު ވިޔަ ނުދިނުމަށެވެ.