ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމުގައި ގާނޫނީ ހުރަހެއް ނެތުމުން، އެ ހިދުމަތް ވީހާވެސް އަވަހަށް ރާއްޖޭގައި ފެށުމަށް އެދި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ސިޓީއެއް ފޮނުއްވައިފި އެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމަށް އިދިކޮޅު އެމްޑީޕީގެ މެމްބަރު ކުޑޫ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ހަތް މީހުން މަރުވެފައިވާ ކަމަށެވެ. އަދި ޝައްކު އުފެދޭ ގޮތަށް މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެ އިން ބޭރަށް ފޮނުވާކަން ފުލުހުން އާންމުކުރާ މައުލޫމާތުން އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޑޫ ވިދާޅުވީ ގޮތް ނޭގޭ މަރުތަކަކީ އެކަމާ މެދު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމަކަށްވީ ހިނދު، ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނެ ނިޒާމެއް ގާއިމުކޮށް، ގޮތް ނޭގޭ މަރުތަކުގެ ހަގީގަތް އާންމުންނަށް އޮޅުންފިލުވައިދޭންޖެހޭ ކަމަށެވެ.
މީގެއިތުރުން، އެ ސިޓީގައި އޭނާ ވިދާޅުވީ، ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތްތައް ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ކަމަށާއި ގޮތް ނޭނގޭ މަރުތަކުގައި މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހެދުމުގެ އިހުތިޔާރު އެ ގާނޫނުގައި ފުލުހުން ލިބިދީފައި އޮންނަ ކަމަށެވެ.
މެންބަރު ސިޓީގައި ފާހަގަކުރި އިތުރު ކަންތަތްތައް:
ފުލުހުން އެކުލާވާލާފައިވާ "މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތްތަކުގެ ގަވައިދު" ގެޒެޓުގައި ޝާއިއުކޮށްފައިވުން
ހެލްތު މިނިސްޓްރީން އެކުލަވާލާފައިވާ "ނޭޝަނަލް ސްޓޭންޑާޑް ފޯ ފޮރެންސިކް މެޑިކަލް ސާވިސް އިން މޯލްޑިވްސް" އާންމުކޮށްފައިވުން
ސިއްހީ ހިދުމަތުގެ ގާނޫނުގައި ފޮރެންސިކް ތަހުލީލުތަކާއި ޕޯސްޓްމޯޓަމްއާއި އެފަދަ ތަހުލީލުތައް ކުރާނެ ސިއްހީ ހިދުމަތް ދޭނެ މަރުކަޒެއް ނުވަތަ އިދާރާއެއް ކަނޑައަޅާނީ މިނިސްޓަރު ކަމަށް ބުނެފައިވުން
އެހެންވެ، އޭނާ ވަނީ ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމަށް ގާނޫނީ ހުރަހެއް އޮތް ކަމަށް ނުފެންނަ ކަމަށް ވިދާޅުވެ، އެކަން ކުރުން އަވަސް ކުރަން އެދިވަޑައިގެންފަ އެވެ.
ރާއްޖޭގައި މަރުވެގެން ޕޯސްޓްމޯޓަމް ހަދަން ޖެހޭ ކަމަށް ފުލުހުން ނިންމާ މީހުންގެ ހަށިގަނޑުތައް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަނީ އިންޑިއާއަށެވެ. އިންޑިއާއަށް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާ ހަށިގަނޑުތައް އެކޮޅަށް ފޮނުވައި އަނބުރާ ގެންނަން ދުވަސްތަކެއް ނަގަ އެވެ.
މީގެއިތުރުން ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ އަދި ދާއިމީ ނަތީޖާ ވެސް ނުލިބި ގިނަ ދުވަސްތަކެއް ނަގާކަން ފާހަގަކުރެވެ އެވެ.