ވަގު ފޯމްތަކުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާ ޒިންމާނަގާނެކަމަށް ބުނެފައިވާ ފަރާތްތަކުގެ ފޮޓޯތައް / އެމްޑީޕީ
ހަބަރު, ސިޔާސީ
ވަގު ފޯމު ފުރަން އިސްކޮށް އުޅޭ މީހުންގެ ފޮޓޯ އާންމުކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
15 ޖެނުއަރީ 2025
މާލެ ސިޓީ

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައި ފުރަން ޖެހޭ ފޯމުގައި ރައްޔިތުންނަށް ނޭނގި އެމީހުންގެ މައުލޫމާތު ހިމަނާ އިލެކްޝަން ކޮމިޝަންއަށް ހުށަހެޅުމުގައި އިސްކޮށް އުޅޭ މީހުންގެ ފޮޓޯތައް އެމްޑީޕީ ހަރުގެ ބޭރުގައި އާންމުކޮށްފި އެވެ.

ޕީއެންސީއަށް މެންބަރުން ވައްދަނީ ވަގު ފޯމް ފުރައިގެން ކަމަށް ބުނެ، މި ފަހުން ވަނީ މައްސަލަ ބޮޑުވެފަ އެވެ.

މިދިޔަ އަހަރުގެ ނިޔަލަށް 100000 މެމްބަރުން ހަމަކުރުމަށް ޕީއެންސީގެ ލީޑަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތުމާ އެކު މެމްބަރުން އިތުރު ކުރުމުގެ ގިނަ ހަރަކާތްތަކެއް އެ ޕާޓީން ކުރިއަށްގެންދިޔަ އެވެ. މިނިސްޓަރުންނާއި، މަޖިލިސް މެމްބަރުންނާއި، ކުންފުނިތަކުގެ ވެރިންނާއި އަދި އެހެނިހެން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ވާދައަށް ފޯމު ފުރައިގެން އެ ޕާޓީގެ ސެކްރެޓޭރިއަޓާ ހަވާލުކުރި އެވެ.

އެމްޑީޕީ ހަރުގެ ބޭރުގައި ފޮޓޯތައް އާންމުކޮށްފައިވަނީ މިހާތަނަށް އެމްޑީޕީގެ މެންބަރުން ޕީއެންސީއަށް ވެއްދުމަށް ވަހު ފޯމްތައް ފުރި އިރު އެ ފޯމުތަކުގައި ޒިންމާދާރުވެރިޔާއާއި އަދި ހެކީންގެ ގޮތުގައި ސޮއިކުރި މީހުންނާއި އެހެން މީހުންގެ ނަމުގައި އިނގިލީގެ ނިޝާން ޖެހި މީހުންނެވެ.

އާންމު ކުރި ފޮޓޯތަކުގައި ހުރީ، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދާއި، ހޯމްލޭންޑް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ސޫދާ އަބްދުﷲ އާއި، އައިޝަތު އުމައިރާގެ އިތުރުން ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު ވަގަށް ޕީއެންސީއަށް ވެއްދި ފޯމުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ އަލީ އިޒުހާން އަދި އާމިނަތު އަލީ އެވެ.

ރޭ ވަނީ އެމްޑީޕީގެ ހަރުގެއަށް ކަޅުތެޔޮ ޖަހާފަ އެވެ. ތެލުގެ އަސަރު ވަގުފޯމު ފުރި މީހުންގެ ފޮޓޯތަކަށް ވެސް ވަނީ ކޮށްފަ އެވެ. ކަޅުތެޔޮ ޖެހީ ކޮންބައެއް ކަމެއް އަދި ސާފެއްނުވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް، ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5000ރ. އާއި 10000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެއީ ގަވާއިދާ ހިލާފަށް ހުށަހެޅި ކޮންމެ ފޯމަކަށް ޖެހޭ އަދަދެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގައި އޮންނަނީ، ވަކި ލިޔުމަކީ ވަކި މީހަކު ހެދި އެއްޗެއް ކަމަށް ދެއްކުމަށްޓަކައި ނުވަތަ ވަކި އަސްލެއް އޮތް އެއްޗެއް ކަމަށް ސައްހަ ނޫން ގޮތުގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުމާއި، ނަކަލު ކުރުމަކީ ކުށެއް ކަމުގައި އެވެ.


ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved