އިންޑިއާ އައުޓު ކެމްޕެއިނަކީ ރައީސް އަބްދުﷲ ޔާމީންގެ އެއްޗެއް ކަމަށާ އެކަމުގައި މި ސަރުކާރުގެ ވެރިންގެ ގޮތުގައި ތިބި ބޭފުޅުންގެ ދައުރެއް ނެތް ކަމަށް ބުނެ ދައްކަމުން ދާ ވާހަކަތަކަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލްއުސްތާޛު އަލީ ހުސެއިން ސިފަކުރައްވައިފިއެވެ.
"ޗެނަލް13" އިން ގެނެސްދޭ "ނިއުސް ޓޯކު" ޕްރޮގްރާމުގައި ރިޔާސީ އިންތިހާބުގެ ތެރޭގައި އަދުގެ ސަރުކާރުގެ ވެރިން އެންމެ ގިނައިން ބޭނުން ކުރި ޓެކްނިކު ކަމަށްވާ އިންޑިއާ އައުޓު ކެމްޕެއިންގެ ޒިކުރު އައުކުރައްވާ އަލީ ވިދާޅުވީ، އިންޑިއާ އައުޓު ޖަހަގެން ވެރިކަމަށް އައުމަށް ފަހުން އެއީ ތިމަންނާމެންގެ ފިލޯސަފީ ނޫން ކަމަށް ބުނެ ދައްކަމުން ދަނީ ވަރަށްވެސް ޣައިރު ޒިންމާދާރު ދަށު ދަރަޖައިގެ ވާހަކަތަކެއް ކަމަށެވެ.
އިންޑިއާ އައުޓު ޖަހަގައިގެން އައީ. އަމިއްލަ ޓީޝާޓުގައި އިންޑިއާ އައުޓު ޖަހައިގެން މީހަކު ބުނެގެން ކަމަށްވީ ނަމަވެސް ފެނިގެން ގޮސްފައިވަނީ ޓީވީތަކަށް އަރާ އެއަށް ސަޕޯޓުކޮށް ވާހަކަތައް ދެއްކީ އަމިއްލަ އިއުތިރާފުގައި ކަން. މިއަދު އެކަމަކީ ތިމަންނާ މެންގެ ކަމެއް ނޫނޭ އެއީ ރައީސް ޔާމީންގެ ކަމެކޭ ބުނުމުން އެ މީހުންގެ އަމިއްލައަށް ނުރުހޭ ކަންކަން ނުކުރުމުގެ ގަޓްސް އެ މީހުންގެ ކިބައިގައި ނެތްކަން ހާމަވަނީ. އަޅުގަޑުމެން ހަމަ ޔަގީނުންވެސް އެ ޓީޝާޓު ނުލަން. އެއީ އަޅުގަޑުމެން ނުރުހޭތީ އެކަމާ.
އަލީ ވިދާޅުވީ، މީހަކު ބުނިއްޔާ ބުނާހާ ގޮތެއް ހަދާނެކަން ހާމަވެފައިވާ މީހަކަށް ގައުމުގެ ވެރިކަން ހަވާލުކޮށްގެން ތިބެން ވެސް ނުވާނެ ކަމަށެވެ.