ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބަރަކާތް އޮތީ ކެނޑިފައިކަމަށް ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތްކުރައްވާ މުހައްމަދު އަހުމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެރޭ ފްރޮންޓު އޮފީހުގައި އޮތް ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ ސަމޯއާ އެގްރިމަންޓުގައި ސޮއިކޮށް ދީނާ ޚިލާފު ކަންކަމަށް ސައްތައިން ސައްތަ މި އިސްލާމީ ގައުމުގައި ޖާގަ ހޯދާ ދެމުން ދާ ކަމަށެވެ.
ވައްޑެ ވިދާޅުވީ، ދޮން މީހުން އުޅޭ ގޮތަށް އުޅެވެން ވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާއިރު ރައީސް މުއިއްޒުއާ ރައީސް ނަޝީދުގެ ތަފާތަކީ ރައީސް މުއިއްޒު އެ ވާހަކަ ދޫފުޅުން ވިދާޅުނުވެ ދޮން މީހުން އުޅޭ ގޮތަށް ދިވެހިން އުޅުވަން މަސައްކަތްޕުޅު ކުރައްވުން ކަމަށެވެ.
ވައްޑެ އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ ހިތް ނިޔަތާ އަމަލާ ދިމާނުވާ ކަމަށެވެ.
މުއިއްޒުގެ ނިޔަތާ މި ކުރާ ކަމަކާ ދިމާނުވާކަން ފާއިތުވި 1 އަހަރާ ދެ މަސް ތެރޭ ފެނިގެން މިދަނީ. މިކަމާ ދިވެހި ރައްޔިތުން ވިސްނަން އެބަ ޖެހޭ. ގައުމުގެ މިއަދު ހާލަތު. އިސްލާމު ދީނާ ޚިލާފު ކަންކަމަށް ފުރުސަތު ދިން ތަންތަނަށް ވެގެން ދިޔަ ގޮތް ހިތަށް ގެންނަވާ. އެއް ޖިއްސުން ގުޅުން ހިންގި މީހުން ތިބި ލޫތުގެފާނުގެ ގައުމު ބަންޑުން ޖެއްސެވީ. މިއަދު ދިވެހިރާއްޖެއާ މެދު ވިސްނަބަލާށޭ. މި ސަރުކާރު އައި ފަހުން މިއޮތީ ބަރަކާތް ކެނޑިފައި.
ވައްޑެ ވިދާޅުވީ، މިއަދު ގައުމުން ފެންނަމުން ދަނީ މޮޔައެއްގެ އަތަށް ކަނޑިއެއް ދިނުމުން ވާނެ ގޮތް ކަމަށެވެ.