ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީން ވަގަށް މެމްބަރުން އެ ޕާޓީއަށް ވައްދާ މައްސަލަ ބޮޑުވުމާއި ގުޅިގެން މިހާރު ބޭނުންކުރާ ސިމެދަ ޕޯޓަލް ބޭނުން ކުރުން ހުއްޓާލަން ނިންމައިފިއެވެ.
އީސީން މިކަން ހާމަކޮށްފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.
އެގޮތުން ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ނިޒާމް ހަރުދަނާކޮށް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމަށް، ސިމެދަ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުން 31 ޖެނުއަރީން ފެށިގެން ހުއްޓާލުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މައި ޕޯޓަލް މެދުވެރިކޮށް ޕާޓީން ވަކިވުމުގެ ހިދުމަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އީސީން މައުލޫމާތުދެއެވެ.
— Elections Commission (@ElectionsMv) January 15, 2025
ޑީއެންއާރުން މައުލޫމާތު ވައްކަންކޮށްގެން ގިނަ އަދަދެއްގެ ބަޔަކު ރުހުމާއި އެނގުމަކާއި ނުލާ ޕާޓީ ބަދަލުކޮށްފައިވާކަން ހާމަވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި އެކަމުގެ އަޑު ގަދަވެ ގިނަ އަދަދެއްގެ ރައްޔިތުންދަނީ އެކަމާއި ގުޅިގެން ނުރުހުން ފާޅުކުރަމުންނެވެ.
އެކަމާއި ގުޅިގެން އީސީންވަނީ އޮންލައިން ބައޮމެޓްރިކްސްގެ އެހީގައި އީފާސް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވައްދާ ގޮތަށް އުސޫލަށް އިސްލާހު ގެންނަން ނިންމާފައިއެވެ.