"މޯލްޑިވްސް ފަސްޓް" ޚާރިޖީ ސިޔާސަތު ޗަކަވަޅަކަށް ވައްޓާ ނިންމައިފި! / ތޭރަގްރެފިކްސް
ރިޕޯޓު
"މޯލްޑިވްސް ފަސްޓް" ޚާރިޖީ ސިޔާސަތު ޗަކަވަޅަކަށް ވައްޓާ ނިންމައިފި!
Mariyam Isaadha
މަރިޔަމް އިސާދާ
16 ޖެނުއަރީ 2025
މާލެ ސިޓީ

މޯލްޑީވްސް ފަރސްޓް ޕޮލިސީއަކީ ރައީސް މުހައްމަދު މުއިއްޒުގެ ޚާރިޖީ ސިޔާސަތު ކަމަސް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ އިންތިހާބީ ރައީސްގެ ގޮތުގައި ދިވެހީންނާ ބައްދަލުކުރައްވާ އެންމެ ފުރަތަމަ ވިދާޅުވި އެއް ބަސްފުޅެވެ.

ނަމަވެސް ޚާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ފެންނަމުން ދަނީ މިއާ މުޅިން އިދިކީލަ މަންަރުތަކެކެވެ.

އެގޮތުން ޗައިނާއަސް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ގައުމަށް ވަޑައިގެން މީޑިޔާއާ ބައްދަލުކުރައްވާ ޖަދަލު ކުރެއްވީ އިންޑިއާއާ އެވެ. އިންޑިއާ އައުޓު ޖަހައިގެން ވެރިކަމަށް އައިސް އިންޑިއާ ކުރިމަތީ ގަދަބަސް ވިދާޅުވުމުން، ނާ މިއީ ހާދަހާ ވާ ވަރުގަދަ ވެރިކޔެކޭ ބައެއް ދިވެހީން ހިތަށް އެރިއެވެ. އެދުވަހުވެސް އަޅުަގޑު ބުނީމެވެ. ޔެ ތޯ ފުލް ޑްރާމާހޭއެވެ.

ކޮންމެ އަކަސް ދެން ކަންވީ ގޮތަކީ ވީ މައިޓު ބީ ސްމޯލު ބަޓް ދެޓް ދަޒުންޓް ގިވް ޔޫ ދަ ލައިސެންނެސް ޓު ބުލީ އަސްއިން ދެއްވި އިންޒާރާ އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންޑިއާގެ މާކެޓޫ ގެއްލުނެވެ. އެ ގައުމުގެ ބޮޑު ވަޒީރާ ސަރުކާރުގެ ވެރިންތަކެއް ހަޖޫ ޖަހާ ފުރައްސާރަކުރުމުން އިންޑިއާގެ އެތައް ބުކިންގް އެއް ކެންސަލްކުރިއެވެ. ކަންކުރަން ނޭނގޭ ވަޒީރު މަނިއްޕުޅު ލޯ ތަލައަށް އަރާ ހަދާނެ ގޮތް ހުސްވުމުން އިންޑިއާ ފައިބުޑަށް ސަލާން ޖަހަން ދާން ރައީސް މުއިއްޒަށް މަޖްބޫރުވިއެވެ.

ޚާރިޖީ ސިޔާސަތުގައި މޯލްޑިވަސް ފަރސްޓް ޕޮލިސީ އެއް ފަރާތްކޮށް އިންޑިއާ އިން ކުރަން ޖެހުނެވެ. ލޯނުތަކުގެ ދަންމަޅިއަށް އިންޑިއާއިން ދަމާލުމާ އެކު ބެދުނު ނޭވާ ހޮޅި ހުޅުވަން އާދޭސް ދަންނަވަން ޖެހުނެވެ.

ޚާރިޖީ ސިޔާސަތު އެކޮޅު ކޮޅުން ޖެހުނެވެ. ހަތަރު އުދަރެސް ފެނު ޖެހި ދިވެހީންގެ ވެރިންނަށް އިންޑިއާ ކުރިމަތީ ކުޑަކަކޫ ޖަހާ ބޯ ގުދުކުރަންވެސް ޖެހުނެވެ. ހެލޭ ދަތެއް ފަދައިން އޮތް އިގްތިސޯދު ހަމައަކަށް އަޅުވަން އިންޑިއާ މާކެޓު މުހިއްމުވިއެވެ. އެއާއެކު އިންޑިއާ ކިބައިން މައާފަށް އެދި އިންޑިއާއަށް ބުލީ ކުރި ވެރިން މަގާމުތަކުން ނަމެއްގައި ވަކިކުރިއެވެ.

އިންޑިއާ އާ ރާއްޖޭގެ އެ ކޯޅުންގަނޑު ރަގަޅުވެ ރާއްޖެއަށް ދެ ލައްކަވަނަ ފަތުރުވެރިޔާ އައިތާ މާގިނަ ދުވަހެއް ރައީސް މުއިއްޒު އަނެއްކާވެސް ޅައެއްޗެއް އަޅުއްވާ ރާއްޖެ ނުރައްކަލަށް ވައްޓާލައިފިއެވެ. ރަޝިއާ ޔުކްރެއިން ހަނގުރާމައަކި ރާއްޖެ ވަންނަން ނުވެސް ޖެހޭ ފަދަ ހަނގުރާމައަކަށްވާއިރު އެސްޓޮނިއާއަށް ކުރައްވާ ދަތުރުފުޅުގައި މެޑަލް ޖައްސަވަން ޔުކްރެއިން ފަޅި ނަންގަވާ ރައީސް މުއިއްޒު ވަނީ ރާއްޖެއަށް މިވަގުތު އެންމެ ގިނަ ޓުއަރިސްޓުން އަންނަ ގައުމު ރަޝިއާ އާދެކޮޅުވެރިވެފައެވެ.

މުސްލިމުންނާ ދެކޮޅަށް އިޒްރާއީލުން ކުރަމުްނދާ ހަނގުރާމައަށް ވާގިވެރިވެ ހަތިޔާރު ފޯރުކޮށްދެމުންދާ ޔުކްރެއިން ފަޅި ރައީސް މުއިއްޒު ނެނގެވިކަން އެސްޓޮނިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަށަވަރުކޮށްދެއްވާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރަސްމީ އެކްސް އެކަކައުންޓުން އެކަން ހާމަކޮށްފައިވެއެވެ.

މިއާއެކު އެންމެ ބާރަށް ދެކެވެން ފެށި ވާހަކައަކީ ޓުއަރިޒަމްގައި ރާއްޖެއަށް އޮތް ރަޝިއާ މާކެޓަށް ދެން ވާނީ ކިހިނަކުން ބާއޭއެވެ. ޖަވާބު ވަރަށް ސާފެވެ. އިންޑިއާއަށް ހަޖޫ ޖެހުމުން އިންޑިއާ މާކެޓަށް ވީހެން ރަޝީޔާއާ ދެކޮޅަށް ތެދުވުމުން ރަޝިޔާ މާކެޓުވެސް ގެއްލި އިގްތިސޯދު ފުނޑުފުނޑުވާނީއެވެ.

ދެރަކަމަކީ ބަސްފުޅު ވިދާޅުވމުގެ ކުރިން ވެރިން ނުވިސްނަވާތީއެވެ. މިއަދު މިއޮތީ މޯލްޑީވްސް ފަރސްޓް ޕޮލިސީގެ ދަށުން ޅަ އިހަލަކުން ރައީސް މުއިއްޒު އަޅުއްވާފައެވެ. މިފަދައިން އަޅާ ޅަ އިހާތަކުގެ ސަބަބުން "މޯލްޑިވްސް ފަސްޓް" ޚާރިޖީ ސިޔާސަތު ޗަކަވަޅަކަށް ވައްޓާ ނިންމައިފިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved