އަހަރުގެ ފުރަތަމަ 7 ދުވަހުގެ ތެރޭގައި ރާއްޖެއަށް ވުރެ ސްރީލަންކާ ފަތުރުވެރިކަމުގެ ދާއިރާގައި ކުރީގައި އޮތްކަން ހާމަވެއްޖެއެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމު ކުރާ ޑެއިލީ ޓުއަރިސްޓް އަރައިވަލްސް ރިޕޯޓުގައިވާ ގޮތުގެ މަތިން 7 ޖެނުއަރީ 2025ގެ ނިޔަލަށް ދިވެހިރާއްޖެއަށްވަނީ 43،903 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ސްރީލަންކާގެ ޓުއަރިޒަމް ޑިވަލޮޕްމަންޓް އޮތޯރިޓީން ނެރުނު ވީކްލީ ރިޕޯޓުގައިވާ ގޮތުގެ މަތިން އަހަރުގެ ފުރަތަމަ 7 ދުވަހުގެ ނިޔަލަށް އެ ގައުމަށް ޒިޔާރަތްކޮށްފައިވަނީ 54،853 ފަތުރުވެރިންނެވެ.
އެގޮތުން ރާއްޖެ އާއި އަޅާ ކިޔާއިރު އަހަރުގެ ފުރަތަމަ 7 ދުވަހު ލަންކާއަށްވަނީ 10،950 އިތުރު ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު ހޮވުނުފަހުން ސަރުކާރުގެ އިސް ފަޑީގައި ތިބި ބައެއް ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރާ މޯދީއަށް ހަނގާ ކުރުމުގެ ސަބަބުން އިންޑިއާ މާކެޓު ގެއްލިފައެވެ. ސަރުކާރުން ޗައިނާ މާކެޓު އެބައި ފުއްދާނެކަމަށް ބުނި ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި ޗައިނާ އޮތީ ރާއްޖެއަށް އެންމެ ގިނައިން އަންނަ ގައުމުތަކުގެ ތެރޭގައި 6 ވަނަގައެވެ. އަދި މިހާރު ކުރައްވަމުން ގެންދަވާ އެސްޓޯނިއާ ދަތުރުފުޅުގައި ރަޝިޔާ އާއި ޔުކްރެއިންނާއި ދެމެދު ކުރެވޭ ހަނގުރާމައިގެ ތެރެއިން ދިވެހިރާއްޖެ ތާއީދު ކުރަނީ އެންމެ ގިނަ ފަތުރުވެރިން އަންނަ ރަޝިޔާ އާ ދެކޮޅަށްކަމަށް އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުން ހާމަކުރުމުން އޭގެ ނޭދެވޭ އަސަރު އިގްތިސާދަށް ކުރާނެކަމަށް ބެލެވެއެވެ.