މިއަދުވެސް މޫސުން ގޯސް / ސޯޝަލް މީޑިއާ
ހަބަރު
މޫސުން ގޯސްވާނެތީ ހަވީރު 4 އަކާ ހަމައަށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
Mariyam Isaadha
މަރިޔަމް އިސާދާ
17 ޖެނުއަރީ 2025
މާލެ ސިޓީ

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުމީ ސަމާލު ނެރެފިއެވެ.

އެގޮތުން މިއަދުގެ ހެނދުނު 10:00 އިން ހަވީރު 4:00 އާ ހަމައަށް ހުދު ސަމާލު ނެރެފައިވަނީ ވ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

ސަމާލުގައި ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭގައިވެއެވެ.

މިއަދުގެ އިރުއޮއްސި 6:00 އާ ހަމައަށް މުޅި ރާއްޖެއަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު މެޓް އިން ހާމަކޮށްފައިވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށް މެޓުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އޭގައިވެއެވެ.

މެޓުން ލަފާ ކުރާ ގޮތުގައި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން 5-3 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާ ކުރެވޭ އިރު، އުތުރާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިން ހުންނާނީ 5-7 ގައި ދެމެދުގައި ކަމަށް ވެސް މެޓް އިން ލަފާކުރެއެވެ.

ހޮނޮހިރު ދުވަހުން ފެށިގެން މޫސުން ރީތިވެ ވިއްސާރަ އަލިކުރާނެ ކަމަށް މެޓު އޮފީހުން ކުރިން ހާމަކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved