ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް އައުމަށް ފަހު ގައުމު ކޯފާއެއްގެ ތެރެއަށް ދިޔަކަމުގެ އިހުސާސުވެވަޑައިގަންނަވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލު ވިދާޅުވީ، މި ސަރުކާރުގެ ވެރިން ގެންދަނި ރައްޔިތުން ހަވާލުކޮށްފައިވާ މަތިވެރި އަމާނާތަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޚިޔާނާތްތެރިވަމުން ކަމަށާ އެގޮތުން ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުން އާންމުވެފައިވަނިކޮށް މިހާރު އަޑު އިވެމުން މިދަނީ ރައްޔިތުންގެ ޒާތީ މައުލޫމާތުންވެސް ވައްކަންކޮށް ރައީސް މުއިއްޒަށް ފައިދާވާނެ ކަންކަމަށް މަގު ފަހި ކުރަމުން ކަމަށެވެ.
ޑރ ޖަމީލު ވިދާޅުވީ، ގައުމު ހިނގަމުން ދާ އުސޫލަށް ބަލާއިރު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށާ އެއަށް ވުރެ ބޮޑަށް ޖެހިލުންވެ ވަޑައިގަންނަވަނީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވި ފަހުން ގައުމަށް ﷲ ތައާލާގެ ކޯފާ އަންނަމުންދާކަމުގެ އިހުސާސު ކުރެއްވޭތީ ކަމަށެވެ.
މި ވެރިކަމުގައި ރައްޔިތު މީހާއަށް މިއޮތީ ހުސް ތަކުލީފު. އެކަމަކު ކުންފުނިތަކާ ވަޒީރުންނާ ސަރުކާރާ މުއިއްޒާ މިތަންތާނގަ ތިބި ހުރިހާ ފަރާތްތަކުގެ ދިރިއުޅުން އުފުލި މަތިވެގެން ދިޔަ ގޮތް ރައްޔިތުންނަށް އެނގޭ. ދެން މި ގައުމަށް ވެގެން ދިޔަ ގޮތް. ހަގީގަތުގައި މިހާރު ހީވަނީ އެއްކަލަ ބުނާހެން ކުރީ ޒަމާނުގައި ކީރިތި ޤުރުއާންގައި އެކި ގައުމުތަކަށް ވެފައި ހުރި ގޮތަށް، އަސްލު މިހެން ދަންނަވާކަށް ވެސް ބޭނުމެއް ނުވޭ. ހިތަށްވެސް ތަދުވޭ. އެކަމަކު މުއިއްޒު ވެރިކަމާ ހަވާލުވީއްސުރެ މިގައުމަށް ހީވަނީ ނޭނގޭ ކަހަލައިގެ ވަރަށް ބޮޑު ކޯފާ އެއްގެ ތެރެއަށް ގައުމު ހިނގައްޖެހެން.
ޑރ ޖަމީލު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ގައުމުގެ ކަންކަން ހައްލުކުރައްވަން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށާ ބޭރު ގައުމުތަކަށް ވަޑައިގެންވެސް އަނބުރާ ވަޑައިގަންނަވަނީ ހުސް އަތާ ކަމަށެވެ.