ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
މި ސަރުކާރުން ގެންދަނީ ރައްޔިތުންގެ "ޕާސަނަލް ޑޭޓާ" "ލޯންޑަރ" ކުރަމުން: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
17 ޖެނުއަރީ 2025
މާލެ ސިޓީ

ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕިއެންސީ) އިސްވެ އޮވެ ސަރުކާރުން ގެންދަނި ރައްޔިތުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް ލޯންޑަރ ކުރަމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި، ރައްޔިތުންނަށް ނޭނގި އެ ރައްޔިތުން ޕީއެންސީއަށް ވައްދަމުން ގެންދާ މައްސަލައަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުން ސަރުކާރަށް އިތުބާރުކޮށް އެ ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރަން ދައުލަތާ ހަވާލުކޮށްފައިވަނިކޮށް އެކަމުން ވެސް ވައްކަންކޮށް އެ ރައްޔިތުންގެ އިތުބާރު ގެއްލުވާލައިފި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އެ ކަމަކީ އެހާ ކުޑަކަމެއްގެ ގޮތުގައި ސިފަކޮށް ފަސޭހަ ކަމާ އެކު ދޫކޮށްލެވިގެންވާ ފަދަ ޖަރީމާއެއް ނޫން ކަމަށާ ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރުމަށް ވުރެ ބޮޑު ކުށެއް ނޯންނާނެ ކަމަށެވެ.

އެ މައުލޫމާތަކީ ރައްޔިތުންގެ ޕްރޮޕަރައިޒީ ރައިޓު އެކަމުގެ މައްޗަށް ހުންނަ އެއްޗެއް. އެ ރައިޓަކީ ސްޓޭޓުންވެސް ޗެލެނެްޖު ކުރެވޭނެ އެއްޗެއް ނޫން. އެއީ އެމީހާގެ އަމިއްލަ ޕްރޮޕައިރައިޒީ ރައިޓު އޭގެ މައްޗަށް އޮންނަ އެއްޗެއް. އެ ނަހަމަ ގޮތުގައި ދައުލަތުން ބޭނުންކުރާ ކުރުން، މިއަށް ވުރެ ބޮޑު ކުށެއް ކޮބައިތޯ މިކަމުގައި؟ އެ މައުލޫމާތު ދައުލަތުން އެ ބޭނުންކުރަނީ ނަހަމަ ގޮތުގައި. އޭނަގެ ޕށަނަލް ޑޭޓާ ލޯންޑަރ އެކުރަނީ. މިއީ ޖިނާއީ ކުށުގެ އެކި މާއްދާއިން ހުންނަ ކުށްތައް. އެ ސަރުކާރުގައި ހުންނަ ހުރުމަކުން ކަސްޓޯޑިއަންއަކަށް ރައިޓެއް ނޯވެޔޭ ހިތުހުރި ގޮތަކަށް އެ ބޭނުންކުރާކަށް.

- ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވި ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށްފައިވަނީ ހުރިހާ ވެރިންނާ އިދާރާތައްވެސް ގުޅިެޅިގެން ކަމަށާ އެކަމުގެ އިސް މޭސްތިރިއަކީ ރައީސުލްޖުމްހުރިއްޔާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވި ރައީސް މުއިއްޒަށް ނޭނގި މިކަންކަން ނުހިނގާނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved