ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަން ކޮށްފި އަދި އެވަރުގެ ބޮޑު ޖިނާއީ ކުށެއް ރައީސަށް ނޭނގި ނުހިނގާނެ: ރައީސް ޔާމީން
18 ޖެނުއަރީ 2025

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީއަށް މީހުން އިތުރުކުރަން ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށްފި ކަމަށާއި އެވަރުގެ ބޮޑު ޖިނާއީ ކުށެއް ރައީސް މުހައްމަދު މުއިއްޒުއަށް ނޭނގި ނުހިނގާނެކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފް ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޑީއެންއާރުން ވައްކަން ކުރި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުރުން މިވަގުތު ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންވެސް މަގާމުން ވަކިކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި މި މައްސަލަ ނުބެލޭނަމަ ރައީސް މުއިއްޒު އަމިއްލަފުޅަށް މަގާމުން ދުރަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މުޅި ދައުލަތް އެކީ މިއޮތީ އަނދިރި ދައުލަތަކަށްވެ ބަދަލުވެ ނިމިފައި. މީގެ ޒިއްމާ ހަމަ އެކަނި އުފުލަން ޖެހޭނީ އިހުސާނެއް ނޫން. މީގެ ޒިއްމާ ފެއަރ ސްކޮއާ ރައީސުލް ޖުމްހޫރިއްޔާ އެބަ އުފުލަން ޖެހޭ. މިވަރުގެ ބޮޑު ކަމެއް، ޖިނާއީ ބޮޑު ކަމެއް ނުހިނގާނެ ރައީސުލް ޖުމްހޫރިއްޔާއަށް ނޭނގި.

- ރައީސް ޔާމީން

އީސީން މި މައްސަލަ ނަގަނީ މާ ލުއިކޮށް ކަމަށް ވިދާޅުވެ ވެސް އެ މަނިކުފާނު ނުރުހުން ފާޅުކުރައްވާފައެވެ. އަދި ރައްޔިތުންނާއި ގުޅުން ހުރި މިފަދަ މައްސަލައެއްގައި ސުޕްރީމް ކޯޓުން ބަހެއް ނުބުނާތިވެސް އެކަމާއި ރައީސް ޔާމީން ކަންބޮޑުވުން ފާޅުކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާ އިރު އީސީންވަނީ މިހާރު ފޯމު ބަލައިގަންނަމުން އަންނަ ސިމެދަ ޕޯޓަލް ޖެނުއަރީ 31 އިން ފެށިގެން ބޭނުން ކުރުން ހުއްޓާލުމަށް ނިންމާފައެވެ. ނަމަވެސް ޕާޓީން ވަކިވުމުގެ އިންތިޒާމް މައި ޕޯޓަލުން ލިބޭނެކަމަށް އީސީން އިތުރަށް މައުލޫމާތު ދިނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved