ކޮންމެ ވަގުތެއްގައި ވެސް ހެކި ހުށަހެޅިދާނެ ކަމަށް ގަބޫލު ކުރުމަކީ މި ޒަމާނުގައި ޝަރީއަތް ކުރުމުގެ ވިސްނުމެއް ނޫން ކަމަށް ރައީސް ޔާމީންގެ ވަކީލު ހަމްޒާ ލަތީފު ވިދާޅުވެއްޖެ އެވެ.
ހަމްޒާ މިހެން ވިދާޅުވީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ހުށަހެޅި އާ ހެކީގެ މައްސަލައިގެ އަޑުއެހުންތަކުގައި މިއަދު ސުޕްރީމް ކޯޓުގައި ދެއްކެވި ވާހަކައިގައެވެ.
ސުޕްރީމް ކޯޓުގައި މިއަދު އެ މައްސަލައާ ގުޅިގެން ޔާމީންގެ އިތުރުން ދައުލަތުގެ ފަރާތުން ވަނީ ހުލާސާ ބަޔާން އިއްވައި ނިންމައިފަ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ވަކީލު އަހުމަދު ޝަފީއު، ދައުލަތުގެ ފަރާތުން ފަހު ބަސް އިއްވުމުގައި މުޅި ވާހަކަ މިއަދު ބިނާކުރެއްވީ އެ ހެކިތައް އެއްފަރާތްކުރުން ވާނީ ބޮޑު ނާއިންސާފަކަށް ވާނެ ކަމެއްކަން ޝަރީއަތަށް ވިސްނައިދެއްވުމަށެވެ.
އެ ފުރުސަތު ނުދީފި ނަމަ އިންސާފުވެރިކަން ގެއްލިގެންދާނެ ކަމަށާއި އެއީ މިހާރު ވެސް ހާމަކޮށްފައި ހުރި ހެކިތަކެއް ކަމުން، އެ އަށް ރިއާޔަތް ކުރުމުގެ ފުރުސަތު ދަށު ކޯޓަށް ދޭން ޖެހޭނެ ކަމަށް ޝަފީއު ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި، ތަހުގީގު މަރުހަލާގައި ހަނު ހުރުމަށް ފަހު، ޝަރީއަތުގައި ދިފާއުއެއްގެ ގޮތުގައި ޑޮލަރު މާރުކުރީ ކަމަށް ބުނުމަކީ ދިފާއުގައި ހުށަހެޅި ހެކިތަކާ މެދު ޝައްކު އުފެދޭ ކަމެކެވެ.
ދައުލަތުން އާ ހެކިތަކެއް ތައާރަފް ކުރަން ފުރުސަތު ލިބުނީ ވެސް އެހެންވެ ކަމަށް ވަކީލް ވިދާޅުވި އެވެ.
ރައްދުގައި ރައީސް ޔާމީންގެ ވަކީލު ހަމްޒާ ވިދާޅުވީ އާ ހެކި ފާޅުވުމުން ހެކި ހުށަހަޅާނެ ފުރުސަތެއް ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް އެއީ ދައުލަތުން ފާހަގަކުރާ ފަދަ ހެކިތަކެއް ނޫން ކަމަށެވެ.
އެއީ މައްސަލަ ސާބިތުވާ ވަރުގެ ހެއްކެއް، ހާއްސަކޮށް ފޮރެންސިކް ހެކި ފަދަ ހެއްކެއް ލިބުމުން ހުށަހަޅަން ފުރުސަތު ދިނުމަށް އޮންނަ މާއްދާއެއް ކަމަށް ހަމްޒާ ގަބޫލުކުރައްވަ އެވެ. އެއީ ހެއްކެއް ދައްކާ ވާހަކަ ދޮގުކުރަން ނޫނީ ރައްދުގައި ހެކި ހުށަހަޅަން އޮންނަ އިޖުރާއަތެއް ނޫން ކަމަށް ދިފާއުން ތަކުރާރުކޮށް ދައްކާ ވާހަކަ ހަމްޒާ މިއަދު ވެސް ތަކުރާރުކުރެއްވި އެވެ.
ދައުލަތުން އެދޭ ގޮތަށް ހެކި ހުށަހަޅަން ކޮންމެ މަރުހަލާއެއްގައި ދެވޭ ގޮތަށް މާނަކޮށްފި ނަމަ، މިކަން ވާނީ ނިމުމެއް ނެތް ކަމެއް ކަމަށް ހަމްޒާ ވިދާޅުވި އެވެ. އެހެންވެ، މި މައްސަލާގެ އިސްތިއުނާފު ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގައި އޭނާ އެދިވަޑައިގަތެވެ.
ހަމްޒާ ވިދާޅުވީ ދައުލަތުން ލޫޕް ހޯލެއްގެ ތެރޭގައި މައްސަލަ ކުރިއަށް ގެންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މި ރޯލާކޯސްޓާގެ ތެރޭގައި އޭނާގެ މުވައްކިލް ޔާމީން މިހާރު ވަރުބަލިވެފައިވާ ކަމަށެވެ. މިގޮތަށް މީހުން ވަރުބަލިކޮށްލައި، ދައުލަތުން ކުރާ ދައުވާތަކަށް އިއުތިރާފު ކޮށްގެން ޝަރީއަތް ކުރި ޒާމާން ގޮސްފި ކަމަށް ވެސް ހަމްޒާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ކަނޑައެޅި އުސޫލުގެ ބޭނުމަކީ ދައުލަތަށް ގޯހެއް ހެދޭ ކޮންމެ ފަހަރަކު، ކަމެއް ދޫވެގެންދާ ކޮންމެ ފަހަރަކު، ދައުލަތަށް މުތުލަގަށް ފުރުސަތުތަކެއް ދެވޭ ގޮތަށް. ދައުލަތުން ދިފާއީ ހެއްކަކު ދައްކާ ވާހަކައަކާ ހިތްޕުޅާނުވާ ކޮންމެ ފަހަރަކު ހެކި ހުށަހަޅަން ލިބޭ ގޮތަށް އޮތް ފުރުސަތެއް ނޫން.
ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުން ނިންމަވާލައްވަމުން މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވާ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ، މި މައްސަލައިގައި ޝަރީއަތުން ސާފުކުރަން ބޭނުންވާ އިތުރު ކަމެއް ނެތް ކަމަށެވެ. އެހެންވެ، ދެން އަޑުއެހުމެއް އޮންނާނީ މި މައްސަލައިގައި ހުކުމްކުރަން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
އެކަމަކު، މި މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމްކުރާނެ ވަކި ތާރީޚެއް ފަނޑިޔާރު ވިދާޅެއް ނުވެއެވެ.
އާރަށް މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ އާ ހެކިތައް ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިމެންދެން ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް މިދިޔަ ސެޕްޓެމްބަރު 16، ގައި ވަނީ ނިންމައިފަ އެވެ. އެހެންވެ، ދަށު ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދާނީ ސުޕްރީމް ކޯޓުން އާ ހެކީގެ މައްސަލައިގައި ހުކުމްކުރުމުންނެވެ.