ވ އާރަށުގެ މައްސަލައިގައި ދައުލަތުން ހުށހަެޅި އައު ހެކި އެއް ފަރާތްކޮށް ދަށު ކޯޓަށް އެ މައްސަލަ، ހައި ކޯޓުން ތަހްވޫލުކުރުމުން ސުޕްރީމު ކޯޓުގައި ދައުލަތުން ކުރި އިސްތިއުނާފުގެ އަޑު އެހުންތަކުގެ ފަހު ބަސް އިއްވަން މިއަދު ވަނީ އަޑު އެހުމެއް ބާއްވާފައެވެ.
އެ އަޑު އެހުމުގައި އައު ހެކި ބަލައިގަތުމާ މެދު ގޮތެއް ނިންމެވުމުގެ ކުރިން ފަނޑިޔާރުންވެސް ވިސްނަވަން ޖެހޭ ގިނަ ކަންކަން ހުންނެވި ކަމަށް ރައީސް ޔާމީންގެ ވަކީލު އަލްއުސްތާޛު ހަމްޒާ ލަތީފު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ޔާމީންގެ ވަކީލު ވިދާޅުވީ، ޝަރީޢަތުގެ ކޮންމެ މަރުޙަލާއެއްގައިވެސް އައު ހެކި ހުށަހެޅުމަކީ 21 ވަނަ ޤަރުނުގެ ޝަރީޢަތް ކުރުމުގެ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ޝަރީޢަތް ކުރުމަކީ ވަކި މަރުޙަލާތަކެއް ކަނޑައެޅިފައިވާ ކަމެއް ކަމަށެވެ. އަދި ދައުލަތުން ސުޕްރީމް ކޯޓުގައި ދައްކަމުންދާ ވާހަކަތަކަކީ ދަށު ކޯޓުގައި ދެއްކި ވާހަކަތަކާ ތަފާތު ވާހަކަތަކެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ދައުލަތުން ބުނެފައިވަނީ ކޮންމެ މި މައްސަލައިގެ ކޮންމެ މަރުހަލާއެއްގައިވެސް ދައްކަމުން ދަނީ އެއް ވާހަކައެއް ކަމަށާއި އެއްވެސް ތަފާތެއް ނޯންނާނެ ކަމަށެވެ.
ދިފާއީ ހެކިތަކުގެ ވާހަކައިގައި ދޮގުތަކެއް ހިމެނޭކަމަށް ހީވެގެން ދައުލަތުން ބެލި ބެލުމުން އާ ހެކިތަކެއް ހާމެވެގެން ދިޔައެވެ. އެގޮތުން މައްސަލައިގެ ތަހުޤީގު މަރުހަލާގައި ރައީސް ޔާމީން އާއި ޔޫސުފް އަބްދުލް ނައީމް އާ ސުވާލުކުރުމަށްޓަކައި ހާޒިރުކޮށް މައްސަލައިގެ ތަފްސީލު ދެފަރާތަށް ބަޔާންކޮށްދެވުނެވެ. އެހެންނަމަވެސް ދެބޭފުޅުންވެސް ހަނު ހުންނަން އިހްތިޔާރުކުރި ކަމަށާއި ތިމާއާ އެއްކޮޅަށް ހުރި ހެކިތައް ހާމަނުކުރާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
ދައުލަތުގެ މި ވާހަކައަށް ރައްދު ދެއްވާ ރައީސް ޔާމީންގެ ވަކީލު ވިދާޅުވީ، ތަޙުޤީޤުގައި އެމަނިކުފާނު ހަނު ހުންނެވީ ފުލުހުންގެ އަމަލުތަކާއި ގުޅިގެން ފުލުހުން ތަކުރާރުކޮށް ސުވާލުކުރުމުން "ހެރޭސް ކުރާ ހިސާބަށް" ދިޔުމުން، އެކަމަށް ކެތްނުކުރެވިގެން ރައީސް ޔާމީން ހަނު ހުންނެވީ ކަމަށާ އެގޮތުން ފުލުހުން ތަކުރާރުކޮށް ސުވާލުކުރުމުން "ހެރޭސް ކުރާ ހިސާބަށް" ދިޔުމުން، އެކަމަށް ކެތްނުކުރެވިގެން ރައީސް ޔާމީން ހަނުހުންނެވީ ކަން ހަމްޒާ ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން ވަކީލު ހަމްޒާ ލަތީފު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮންނަނީ ޝަރީއަތްތައް ކުރުން އެކި މަރުހަލާތަކަށް ބަހާލާފައި ކަމަށާއި ދައުލަތުން އާ ހެކިތައް ހުށަހަޅާފައި ވަނީ ހެކި ހުށަހެޅުމުގެ މަރުހަލާ ނިމުނު ފަހުން ކަމަށެވެ. އެހެންކަމުން ޝަރީއަތުގެ ކޮންމެ މަރުހަލާއަކު ހެކި ހުށަހަޅަން ފުރުސަތު ދޭކަމުގައި ވަނީނަމަ އެކަމަށް ނިމުމެއް ނާންނާނެ ކަމަށަ އެހެންކަމުން ޝަރީއަތް ދިގުލައިގެން ގޮސް އިންސާފު ލިބުމުގައި ދިގު ރާސްތާއެއް ކަޑައްތުކުރަން ޖެހޭނެކަންވެސް ރައީސް ޔާމީންގެ ވަކީލު ވަނީ ފާހަގަކުރައްވާފައެވެ.
ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުން ނިންމަވާލައްވަމުން މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވާ ފަނޑިޔާރު، އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ، މި މައްސަލައިގައި ޝަރީއަތުން ސާފުކުރަން ބޭނުންވާ އިތުރު ކަމެއް ނެތް ކަމަށެވެ. އެހެންވެ، ދެން އަޑުއެހުމެއް އޮންނާނީ މި މައްސަލައިގައި ހުކުމްކުރަން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ނަމަވެސް، މި މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމްކުރާނެ ވަކި ތާރީޚެއް ފަނޑިޔާރު ވިދާޅެއް ނުވެއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ހައި ކޯޓުން ވަނީ މައްސަލަ އަލުންބެލުމަށް އަންގާފައެވެ. އެފަދައިން ހުކުމް ކުރިއިރު ހައިކޯޓުން ވަނީ ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިނުގަނެވޭނެ ވެސް ނިންމާ ހުކުމްކޮށްފައެވެ.
ރައީސް ޔާމީން ފްރޭމްކޮށް ނިމި ދިޔަ ސަރުކާރުން އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފުގައި ހައިކޯޓުން ކުރި ހުކުމުގައިވާ ހެކި އެއް ފަރާތްކުރުމުގެ ބައި ދައުލަތުން ސުޕްރީމު ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.