ޑރ ޖަމީލު ރައީސް ޔާމީން އަރިހުގައި / ދަ އެޑިޝަން
ސިޔާސީ
ހައްގުތައް ގެއްލުނީ ދައުލަތުގެ އެއް ނޫން ހައްގުތައް ގެއްލުނީ އަޅުގަޑުގެ މުވައްކިލުގެ: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
20 ޖެނުއަރީ 2025
މާލެ ސިޓީ

ހައްގުތައް ދިނުމުގައި ހުރިހާ ފަރާތްތައް ހަމަހަމަ ވާން ޖެހޭނެ ކަމަށާ ދައުލަތަށްވެސް ހައްގުތައް ކަށަވަރުވާން ޖެހޭނެ ކަމަށް ދައުލަތުގެ ވަކީލުން ވަކާލާތުކުރެއްވި ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ރައްދު ދެއްވައިފިއެވެ.

އާރަށުގެ މައްސަލައިގައި ދައުލަތުން ހުށަހެޅި އައު ހެކި އެއް ފަރާތްކޮށް އަލުން އެ މައްސަލަ ބެލުމަށް ހައިކޯޓުން ދަށު ކޯޓަށް ތަހްވީލު ކުރުމުން އައު ހެއްކާ ބެހޭ ބައި ދައުލަތުގެ ފަރާތުން ސުޕްރީމު ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ އަޑު އެހުމުގެ ފަހު ބަސް ބުނުމަށް މިއަދު އަޑު އެހުމެއް ބޭއްވިއެވެ.

އެ އަޑު އެހުމުގައި ދައުލަތުގެ ފަރާތުން ވާހަކަ ދައްކަވަމުން ޕަބްލިކު ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވެފައިވަނީ، ދައުލަތުގެ ފަރާތުން ދަށު ކޯޓު މަރުހަލާގައި އާ ހެކި ހުށަހަޅަން ޖެހުނީ ދިފާއުން ޑޮލަރު މާރުކުރަނީ ކަމަށް ބުނެ ދޮގު ހެކިބަސް ދިނުމުން ކަމަށެވެ. އެހެންވެ، ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނީ އެ ހެކިތަކާ ގުޅޭ ގޮތުން ދެ ފަރާތުން ބަހުސްކޮށް، ހެކިތައް ބަލައިގަތުމާ މެދު ދަށު ކޯޓުން އަލުން ގޮތެއް ކަނޑައަޅަން އަންގައިދިނުމަށެވެ. އަދި އެހެން އެކަން ނުކޮށްފިނަމަ ހައްގުތަކެއް ގެއްލިގެން ދާނެ ކަމަށްވެސް ޝަފީއު ވިދާޅުވިއެވެ

ޝަފީއުގެ އެ ވާހަކައަށް ރައްދުދެއްވަމުން ޑރ ޖަމީލު ވިދާޅުވީ، ނިމިގެން ޝަރީއަތުގެ މަރުހަލާތަކަށް ބަލާއިރު ހައްގު ގެއްލުނީ ކާކުގެ ތޯ ވަޒަންކުރަން ޖެހޭ ކަމަށެވެ.

ޑރ ޖަމީލު ވިދާޅުވީ ވާހަކަ ދެކެވެނީ ވަރަށް ޚައްސާސު ކަމާ ގުޅިގެން ކަމަށްވާއިރު، އައު ދޮރެއް ހުޅުވަން ދައުލަތުން މަސައްކަތްކުރާއިރު ހައްގު ގެއްލުނީ ދައުލަތުގެ ނޫން ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

ދައުލަތުން 135 ވަނަ މާއްދާގެ ދަށުން މިހާރު ހުޅުވަން އުޅޭ ދޮރާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު، ތެދުވެރިކަމާ ވާހަކަ ދައްކާނަމަ ހައްގު ގެއްލުނީ ކޮން ފަރާތެއްގަ ތޯ؟ މި މައްސަލައިގައި ދަށު ކޯޓުގެ ފަނޑިޔާރު 135 ވަނަ މާއްދާގެ ދަށުން ގަބޫލުކުރެއްވި ހެކިތައް ބަލައިގަނެ އެ ހެކިތަކަށް ރިއާޔަތްކޮށްފައި ހައިކޯޓުގެ ފަނޑިޔާރުން 145 ވަނަ މާއްދާއިން ފެށިގެން ދަށަށް ހުރި މާއްދާތަކަށް ބަލާ ހުކުމް ކުރީ. އެ ހުކުމެއްގެ ދަށުން އަޅުގަޑުގެ މުވައްކިލު ޖަލުގައި ކިހާ ދުވަހެއް ހޭދަކުރެއްވިތޯ. އަދި އެނޫންވެސް ކިހާ ހައްގެއް ގެއްލުނުތޯ؟ އިންތިޚާބެއްގައި ވާދަކުރުމުގެ ހައްގުވެސް ގެއްލިގެން ދިޔައީ. މައްސަލަ ނިންމީ މި ކޯޓުން. އެހެންވީމަ ހައްގުތައް ގެއްލުނީ ދައުލަތުގެ ތޯ، ނުވަތަ ހައްގުތައް ގެއްލިގެން މިއުޅެނީ މި އިސްތިއުނާފު މިއަދު ރައްދުވާ ފަރާތުގެ ތޯ؟

- ޑރ ޖަމީލު

ޑރ ޖަމީލު އިތުރަށް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސުޕްރީމު ކޯޓުން މިއަދު އިތުރު ދޮރެއް ހުޅުވާދެއްވައިފިނަމަ ސުޕްރީމު ކޯޓު ބޮޑު ޖޯކަކަށް ވެގެން ދިއުން އެކަށީގެންވާ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved