ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބައެއް ވަޒީރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ގޮތަށް ސަރުކާރު ނިސްބަތްވާ ޕާޓީ، ޕިއެންސީގެ މަޖިލިސް މެމްބަރަކު ވާހަކަ ދައްކަވައިފިއެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުން އެމަނިކުފާނަށާއި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އިހުލާސްތެރި ނޫންކަމަށެވެ.
އެގޮތުން ބައެއް ވަޒީރުން ފޯނަށް ޖަވާބު ނުދެއްވާ މައްސަލައިގައި ނުރުހުން ފާޅުކުރައްވާ ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ވަރަށް ގިނަ ކަންކަމުގައި މަޖިލީސް މެންބަރުން ވަޒީރުންނަށް ފޯނުކުރަންޖެހޭ ކަމަށެވެ. ނަމަވެސް ވަޒީރުން ފޯނު ނުނެންގެވުމާއި "ކަންކަން" ނުކޮށްދޭ މައްސަލަ ބޮޑު މައްސަލައެއްގެ ގޮތުގައި ލަތީފު ފާހަގަކުރައްވާފައިވެއެވެ.
ހަމައެހެންމެ ބައެއް ވަޒީރުން ހުދު ރައީސުލްޖުމްހޫރިއްޔާއަށް ވެސް އިޚުލާސްތެރިކަމާ އެކު މަސައްކަތްކުރާކަން ނުވަތަ އިހުލާސްތެރިކަމާ އެކު މަސައްކަތްކޮށްދޭކަމ މެދު ލަތީފު ސުވާލު އުފައްދަވާފައިވެއެވެ.
ފަހަކަށް އައިސް ބައެއް ވަޒީރުންނަށް ފޯނު ކުރީމަ ފޯނު ނުނަގާ. ޖަވާބު ދާރީއެއް ނުވޭ. އަދި ކަންކަން ނުކޮށްދޭ. ރައްޔިތުންނަށް ބޭނުންވާ ވަރަށް ގިނަ ކަންކަމުގައި އަޅުގަނޑުމެން ވަޒީރުންނަށް ފޯނުކުރަން އެބަޖެހޭ މަސައްކަތްތައް އަވަސްކޮށްދިނުމަށް. ރަށްރަށުގެ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތަކުގައި ނުވަތަ ސިއްހީ ތައުލީމީ އިޖްތިމާއި މިހެން ގޮސް ހުރިހާ ކަމެއްގައި ޖެހޭ ވަޒީރުންނަށް ގުޅަން. ވަޒީރުން ފޯނު ނުނަގާ މައްސަލައަކީ ބޮޑު މައްސަލައެއް. ކަންތައް ނުކޮށްދޭ މައްސަލައަކީ ވެސް ބޮޑު މައްސަލައެއް. އަދި ބައެއް ވަޒީރުން ރައީސްއަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރާކަން ނުވަތަ އިހްލާސްތެރިކަމާއެކު މަސައްކަތް ކޮށްދޭކަން ކަށަވަރެއް ނޫން
ލަތީފު ވަނީ އެފަދަ މެމްބަރުންނަށް އިންޒާރެއްވެސް ދެއްވާފައެވެ. އެގޮތުން އިހްލާސްތެރިކޮށް މަސައްކަތް ނުކުރާނަމަ މަގާމުގައި ތިބެވޭނެކަމަށް ވަޒީރުންނަށް ހީވެގެން ނުވާނެ ކަމަށާ ރައީސް މުއިއްޒުއާ ކިތަންމެ އެ ފަދަ ވަޒީރުން ގާތް ވިޔަސް މަގާމުން ދުރުކުރަން ފަސްނުޖެހޭނެކަމަށް ވިދާޅުވެ ލަތީފު ވަނީ ފޯނަށް ޖަވާބު ނުދެއްވާ ވަޒީރުން މަގާމުން ވަކިކުރާނެ ފަދަ އިންޒާރެއް ދެއްވާފައެވެ.