މާލޭގައި ގެއެއްގައި ގެންގުޅެމުން އަންނަ މީހަކު ނުވަތަ މެއިޑަކު ކުޑަ ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ އިދާރާއިން ބުނެފައިވަނީ، މާލޭގައި 3 އަހަރުގެ ކުޑަކުއްޖަކަށް ގޭގައި ގެންގުޅޭ ނޭޕާލް އަންހެނަކު އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި ނަމަވެސް މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ މި މައުލޫމާތާ އެކު ބައެއް ނޫސްވެރިންވަނީ ކުއްޖާގެ މަންމަގެ ބަސް ކަމަށް ބުނެ ބައެއް މެސެޖުތަކެއްގެ ސްކްރީން ޝޮޓު ޕޮލިސް މީޑިޔާ ގުރޫޕުގައި ހިއްސާކޮށްފައެވެ. އަދި އެ ފަދަ ޚައްސާސް މައްސަލައެއްގައި އެ މީހާ ހައްޔަރުކޮށްފައި ނުވަނީ ކިއްވެތޯ ވެސް ނޫސްވެރިން ސުވާލުކޮށްފައިވެއެވެ. އެ ސުވާލުތަކަށް ފުލުހުން ޖަވާބުދީފައިނުވެއެވެ.
ކުއްޖާގެ މަންމަގެ މެސެޖުތަކުގެ ސްކްރީން ޝޮޓުތަކުން ފެންނަން ހުރި ގޮތުގައި ފުލުހުން ވަނީ ކުއްޖާގެ މަންމައާ މުއާމަލާތްކޮށްފައެވެ. ކުރެވުނު މުއާމަލާތުގެ ތެރޭގައި މެއިށް މިހާ އަނބުރާ ގައުމަށް ފޮނުވާލަން ޖެހޭނީ ކުއްޖާގެ މަންމަ އަމިއްލައަށް ކަމަށް ފުލުހުން ބުނެފައިވާކަން ހާމަވެފައިވެއެވެ. ކުއްޖާގެ މަންމަ ވަނީ ކުއްޖާއަށް މެއިޑް މީހާ އަނިޔާކުރާ މަންޒަރު ފެންނަ ވީިޑިއޯވެސް ހެކީގެ ގޮތުގައި ހިއްސާކޮށްފައި ނަމަވެސް ފުލުހުން ބުނެފައިވަނީ އެމީހާ ހއްޔަރުކޮށް އަނބުރާ ގައުމަށް ފޮނުވާލެވޭ ވަރަށް ހެކީގެ ބުރަދަން ނެތް ކަމަށެވެ.
ކުއްޖާއަކީ ޚާއްސަ އެހީއަށް ބޭނުންވާ (އޯޓިޒަމް) ކުއްޖެއްކަންވެސް ފާހަގަވެފައިވެއެވެ.
ނަމަވެސް އެ މީހާ ކުއްޖާ ކުރި އަނިޔާގެ މައްސަލަ ބަލަމުންދާއިރު އޭނާ ފުރުވެންދެންވެސް ކުއްޖާ ދިރިއުޅެމުންދާ ގޭގައި އެމީހާ ބަހައްޓަން މަޖްބުރުވާ ގޮތަށް ފުލުހުންގެ ކަންކަން ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަވެއެވެ. އަދި ކުއްޖާގެ މަންމަ އަމިއްލައަށް އެ މީހާ ރާއްޖެއިން ފޮނުވާލައިފި ނަމަ އެ މީހާގެ ކުށުގެ ރެކޯޑެއް ނޯންނާނެއިރު އޭނާއަށް އަނެއްކާވެސް ވޯކު ވިސާގައި ރާއްޖޭ އާދެވޭނެއެވެ. އެއާއެކު އަނެއްކާވެސް ރާއްޖޭގައި ކުށްކުރުމުގެ ފުރުސަތު އެމީހާއަށް ހުޅުވިގެންދާނެއެވެ.
މިކަމާ ގުޅިގެން ފުލުހުންނާ ނޫސްވެރިން އިތުރަށް ސުވާލުކުރި ނަމަވެސް އެއްވެސް ޖަވާބެއް ފުލުހުން އިތުރަށް ދެއްވާފައިނުވެއެވެ.