
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ޓުއަރިޒަމްގެ ޑެޕިއުޓީ މިނިސްޓަރު ވަކި ގެސްޓު ހައުސެއް ޕްރޮމޯޓުކުރާ މައްސަލަ އެއް ފެންމަތިވެއްޖެއެވެ.
އެގޮތުން އެކްސްގައި "އަހުމަދު އައިމަން" ނަމަކަށް ކިޔާ އެކައުންޓަކުން ވަނީ ޓުއަރިޒަމްގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމު ޔޫސުފް، ހުޅުމާލޭގައި އޭނާގެ ރައްޓެއްސަކު ހިންގާ ވަކި ގެސްޓު ހައުސެއް ޗައިނާގެ ފަތުރުވެރިންނަށް މާކެޓުކޮށްދިނުމަށް ވާހަކަ ދައްކަވާ ވީޑިއޯއެއް ހިއްސާކޮށްފައެވެ.
ވީޑިއޯގައި އިބާރާހިމު އޭނާގެ ތައާރަފް ވެސް ދެއްވާފައިވަނީ ރާއްޖޭގެ ޓުއަރިޒަމްގެ ޑެޕިއުޓީ މިނިސްޓަރުގެ ގޮތުގައެވެ. އަދި ޗައިނާ ފަތުރުވެރިން ރާއްޖޭގެ ޓުއަރިޒަމްއަށާ ރާއްޖޭގެ އިގްތިސޯދަށް ވައްދާ ފައިދާއަށް ޝުކުރު އަދާކޮށް އިތުރަށް އިބްރާހިމު ވިދާޅުވެފައިވަނީ ޗައިނާ ޓުއަރިސްޓުންނަށް ޚާއްސަ ގެސްޓު ހައުސްތައް ރާއްޖޭގައި ހުންނައިރު "އޮރެންޖު ހޮޓެލް"އަކީ ވަރަށް ރަގަޅު ހޮޓެލްއެއް ކަމަށާ އެއީ އޭނާގެ ވަރަށް ގާތް ރައްޓެއްސެއްގެ ހޮޓެލްއެއް ކަމަށެވެ. އަދި އެއީ ސާފު ތާހިރު ރަގަޅު ހޮޓެލްއެއް ކަމަށް ބުނެ އިބްރާހިމު ވަނީ އެ ހޮޓެލް ޕްރޮމޯޓުކޮށްފައެވެ.
އޮރެންޖް ހޮޓެލަކީ ހުޅުމާލޭގައި ހުންނަ ގެސްޓު ހައުސް އެކެވެ.
މި ވީޑިއާ ހިއްސާކުރި ފަރާތުން ބުނެފައިވަނީ މިއީ ދައުލަތުގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުރި މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށާ ވަކި ބަޔަކަށް މާލީ މަންފާ ހޯދާ ދިނުމަށް އެ ފަދަ ގޮތަކަށް ޑެޕިއުޓީ މިނިސްޓަރަށް ހުރެ ވާހަކަ ނުދެއްކޭނެ ކަމަށެވެ. އަދި އެކަން ބަލާ ފިޔަވަޅު އެޅުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކަށާ ޓުއަރިޒަމް މިނިސްޓްރީއަށާ އަދި ޓުއަރިޒަމް މިނިސްޓަރު އިބްރާހިމު ފައިސަލް ވެސް ޓެގްކޮށް، އެ ޕޯސްޓުގައި ގޮވާލާފައިވެއެވެ.
ޑެޕިއުޓި މިނިސްޓަރަކު މިފަދަ ގޮތަކަށް އަމަލުކޮށްފައިވާއިރު ރަސްމީ ހައިސިއްޔަތު ބޭނުންކޮށްގެން މީހަކަށް ނުވަތަ ބަޔަކަށް މަންފާ ހޯދާ ދިނުމަށް މަސައްކަތްކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ކުށެއްކަން ފާހަގަކޮށްލެވެއެވެ.
އިބްރާހިމު ޔުސުފަކީ، ދާދި ފަހުން އުސޫލުން ބޭރުން ގޯއްޗެއް ދިން މައްސަލައިގައި ސަސްޕެންޑް ކުރި އެޗްޑީސީގެ ބޯޑުގެ ވެސް މެމްބަރެއްގެ ގޮތުގައި އިންނަވާ ބޭފުޅެކެވެ.










