ހޯމް މިނިސްޓްރީގެ ސްޓޭޓު އަބްދުލް މަޖީދު އިބްރާހިމް / ސަން އޮންލައިން
ސިޔާސީ
ޑީއެންއާރު ތެރޭގައި ޕީއެންސީ ފޯމު ފުރިކަމަށް މަޖީދު އިއުތިރާފްވެއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
21 ޖެނުއަރީ 2025
މާލެ ސިޓީ

ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ މެމްބަރޝިޕު ޑްރައިވުގައި ހޯމް މިނިސްޓްރީއިން ހަމަކުރަން އެންގި އަދަދު ހަމަކުރުމަށް ޑިޕާޓްމަންޓު އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ތެރޭގައި ފޯމު ފުރިކަމަށް ހޯމް ލޭންޑް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް އިއުތިރާފުވެއްޖެއެވެ.

ގިނަ އަދަދެއްގެ މީހުންގެ ޒާތީ މައުލޫމާތު ހުއްދަ ނެތި ބޭނުން ކޮށްގެން ޕީއެންސީ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީ ކުރާ މައްސަލަ ފެންމަތިވެފައި ވަނިކޮށް، އައިޑީކާޑު ހެއްދުމާއި އެ މައުލޫމާތު ރައްކާ ކުރުމުގެ މަސައްކަތް ކުރާ ޑީއެންއާރުގެ ތެރޭގައި އެ މަސައްކަތް ކުރާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާން ފަށާފައިޥާއިރު އެކަމާ ގުޅިގެން ތުހުމަތުތަކެއް އަމާޒުވެފައިވެފައިވަނިކޮށް ޑީއެންއާރުން މިއަދު ވަނީ އެ އިދާރާގައި މަސައްކަތް ހިނގާ ގޮތް ދައްކާލަން ކަމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

ބައްދަލުވުމުގައި ގިނަ ނޫސްވެރިން ސުވާލުކުރީ އެ ފޮޓޯތަކުން ފެންނަނީ ޑީއެންއާރުގެ މީޓިން ރޫމް ތޯއާއި އެތަނުގައި ފޯމު ފުރިތޯ ސާފުކޮށްދިނުމަށެވެ.

އެ ބައްދަލުވުމުގައި މަޖީދު ވިދާޅުވީ، މިއަދު ނޫސްވެރިންނަށް ދައްކާލީ ފޯމުތައް ފުރި މީޓިން ރޫމު ކަމަށެވެ.

މަޖީދު ވިދާޅުވީ އެއީ ޑީއެންއާރްގެ ތެރޭގައި ވަކިން އިންނަ މީޓިން ރޫމެއް ކަމަށާއި އެހެން ޑިޕާޓްމަންޓުތަކުން ވެސް އެދިއްޖެ ނަމަ އެ މީޓިން ރޫމް ބޭނުން ކުރަން ދޭނެ ކަމަށް މަޖީދު ވިދާޅުވިއެވެ.

އެ މައްސަލާގައި ނޫސްވެރިން އިތުރަށް ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ މިނިސްޓްރީގެ ދަށުގައި ހުރި މުއައްސަސާތަކަށް ނިސްބަތްވާ ސިޔާސީ މީހުން ހިމެނޭ "ހޯމް ޓީމެއް"ގެ ފަރާތުން ޕީއެންސީއަށް ފޯމްތައް ފުރާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ މީހުން ސިޔާސީ މަސައްކަތްކުރާނެ ކަމަށެވެ.

އެ ތަނުގެ ތެރޭގައި އަޅުގަނޑުމެން ގެންގޮސްފައި އޮތް މަސައްކަތެކޭ އިޝާރަތް ތި ކުރައްވާ މަސައްކަތަކީ، މި ދެންނެވި ބީދައިން ވަކިން ހުރި މީޓިން ރޫމެއްގެ ތެރެއިން ކުރެވިފައި ހުރި މަސައްކަތެއް

- މަޖީދު

ހޯމް މިނިސްޓްރީއަށް ނިސްބަތްވާ ސިޔާސީ މުވައްޒަފުން 1700 އެއްހާ ފޯމު ހުށަހެޅި ކަމަށް ވެސް މަޖީދު އެއްބަސްވެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved