އެމްއެމްޓިވީ ހިންގަނީ ރައްޔިތުންގެ ފައިސާއިން / ތޭރަ އޮންލައިން
ހަބަރު
ރައީސް މުއިއްޒު "އިސްތިހާރު" ކުރާ އެމްއެމްޓީވީއަށް ސަރުކާރު ކުންފުނިތަކުން މިލިއަނުން ހަރަދުކުރަނީ..!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
22 ޖެނުއަރީ 2025
މާލެ ސިޓީ

ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ޕްރޮމޯޓުކުރުމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް އިސްވެ ހުންނަވާ ރޭ އުފެއްދި ޓީވީ ސްޓޭޝަން "އެމްއެމްޓީވީ" އަށް ދައުލަތުގެ ކުންފުނިތަކުން އެތަށް މިލިއަން ރުފިޔާ އެއް މަހުން މަހަށް ދޭކަން ހާމަވެއްޖެ އެވެ.

އެމްއެމްޓީވީގެ އެތެރެއިން "ޗެނަލް 13" އަށް މައުލޫމާތު ދިން އިސް މުވައްޒަފަކު ވިދާޅުވީ މުވައްޒަފުން ހޯދަން އިތުރު އިއުލާން ތަކެއް ވަރަށް އަވަހަށް ކުރާނެ ކަމަށާއި ނޫސްވެރިންގެ ކަން ބޮޑުވުމަކީ މުސާރަކުޑަވުން ކަމަށާއި ނަމަވެސް މިހާރު އެމްއެމްޓީވީ އަށް ދައުލަތުގެ 30 ކުންފުންނަކުން ލިބޭ "ސްޕޮންސާ"ގެ އެހީގައި ބޮޑު މުސާރައިގައި މުވައްޒަފުން ނެގުމަށް އެއް ވެސް މާލީ ދައްޗެއް ނެތް ކަމަށެވެ.

ގިނަ ކުންފުނިތަކުން މަހަކު 35 ހާސް ނުވަތަ 40 ހާސް ލިބޭ، އަދި ބައެއްކުންފުނިތަކުގެ ސީއެސްއާރުން ހަރަދުކޮށްގެން އެމްއެމްޓީވީ ގައި އިސްތިހާރު ކުރުމަށް ހާއްސަ ހަރަކާތް ތަކެއް ހިންގުމަށް އަންނަނީ ތައްޔާރުވަމުން، އަދި ބައެއް ކުންފުނިތަކުން އަތޮޅު ތެރެއަށް ކުރާ ދަތުރުތަކުގައި ކުރާ މަސައްކަތް ރައްޔިތުންނަށް ގެނެސްދިނުމަށް ވެސް މިހާރު ވާނީ ކުންފުނިތަކާއި އެކު އެއްބަސްވެވިފައި، މި އިން ވެސް ހެޔޮވަރު އާމްދަނީ އެއް މި ތަނަށް ލިބޭނެ

- އޭނާ ވިދާޅުވި އެވެ.

މި ކަމާއި ގުޅިގެން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން ވަޒީފާގެ މަސްލަހަތަށް ނަން ނުޖެހުމަށް ޝަރުތުކޮށް ބައެއް ކުންފުނިތަކުގެ ސޭލް މުއައްޒަފުން ބުނީ ސީދާ "އެމްއެމްޓީވީ" އަށް ކޮންމެ ވެސް އަދަދެއް ހާއްސަ ކުރުމަށް ރައީސް އޮފީހުން އެދިފައި އޮންނަ ކަމަށެވެ.

އަދި ނޫސްތަކަށް އަދި ޓީވީތަކަށް އިސްތިހާރު ދިނުމުގައި ހާއްސަ އިސްކަމެއް ދޭންޖެހޭ ލިސްޓެއް ރައީސް އޮފީހުން ހަ މަހުން ރިވިއިކޮށް ފޮނުވާ ކަމަށެވެ. އެ ލިސްޓުގައި "އެމްއެމްޓީވީ" އިންނަނީ ކިތައް ވަނައިގަތޯ އެހުމުން އޭނާ އެއަށް ޖަބާވާބެއް ދިނުމަށް ދެކޮޅު ހެދި އެވެ. ނަމަވެސް ރައީސް އޮފީހުގެ "ހާއްސަ ލިސްޓުގައި" އެމްއެމްޓީވީ އޮތް ކަން އޭނާ ތެދުކޮށްދިނެވެ.

ސަރުކާރު ހިއްސާވާ 30 ވުރެ ގިނަ ކުންފުނި ހިމެނޭ އިރު އޭގެތެރެއިން ގިނަ ކުންފުނިތަކަކީ ގެއްލުމުގައި ހިންގާ ކުންފުނިތަކެވެ. މުއިއްޒު ޓީވީ އަށް ކުންފުންނަކުން މަހަކު 35 ރުފިޔާ ދިނަސް އެމްއެމްޓީވީ އަށް މަހަކު 10،50،000 މިލިއަން ރުފިޔާ ލިބޭނެ އެވެ.

މިފަހުން އެމްއެމްޓީވީ ގެ މަސައްކަތައް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ރަސްމީ ގަޑީގައި އާއި އިތުރު ގަޑީގައި ބޭނުން ކިރާ މައްސަލައެއް ވެސް ފެންމަތިވި އެވެ.

"އެމްއެމްޓީވީ" ރަޖިސްޓްރީ ކޮށްފައިވަނީ މޯލްޑީވްސް މީޑިއާ ހައުސް ޕްރައިވެޓް ލިމިޓަޑްގެ ދަށުން އަބްދުﷲ ޒާހިރު ކިޔާ ހއ. ވަށަފަރު މީހެއްގެ ނަމުގައެވެ. ޒާހިރުއަކީ ރައީސް މުއިއްޒުގެ ގެކޮޅު ދިމްޔާތުގައި މަސައްކަތްކުރާ މީހެކެވެ. އޭނާއަކީ ދުވަހަކު ވިޔަފާރިއެއްކޮށް، އަދި މީޑިއާއެއްގައި އެއްވެސް މަސައްކަތެއް ކުރި މީހެއް ނޫނެވެ.

ސޯޝަލް މީޑިއާގައި މިފަހުން ދައުރުވަމުން އަންނަ ލިޔެކިޔުތަކުން އެނގޭ ގޮތުގައި އެންސްޕާ އާއި އެމްއެމް ޓީވީ ހިންގާ ކުންފުނި މޯލްޑިވްސް މީޑިއާ ހައުސްއާ ދެމެދު 34.8 މިލިއަން ރުފިޔާގެ އެއްބަސްވުމެއް ހަދާފައިވެ އެވެ. ބަލާ ހޯދާލުމުން ހާމަވެގެން ދިޔައީ އެއީ އެންސްޕާ ހިންގުމަށް ފަސް އަހަރު ދުވަހު މއ. ސީރާޒީގެ ދެ ފަންގިފިލާ ކުއްޔަށް ހިފުމާ ގުޅޭ އެއްބަސްވުމެއްކަމެވެ.

ތަފްސީލަށް ބަލާލާއިރު، އެ ގެއިން ދެ ފަންގިފިލާ ހިފާފައިވަނީ މަހަކު 580،000ރ އެންސްޕާއިން ކުއްޔަށް ހިފާފައިވެއެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސްއިން ހިންގާ ޓެންޑާ ބޯޑް މެދުވެރިކޮށް ހަދާފައިވާ މި އެއްބަސްވުމުގެ ދަށުން، މީޑިއާ ހައުސްއިން ހަމަ އެ އިމާރާތުން 4 ފަންގިފިލާ ކުއްޔަށް ހިފާފައިވާކަން ހާމަވެފައިވެއެވެ.

އޭގެ ތެރެއިން 2 ފަންގިފިލާ އެންސްޕާ އަށް ދޫކޮށްފައިވާއިރު، އަނެއް 2 ފަންގިފިލާ ބޭނުންކުރަނީ ރައީސް މުއިއްޒުގެ ޓީވީ ސްޓޭޝަންގެ މަސައްކަތްތަކަށެވެ.

އެނގިފައިވާ ގޮތުގައި އެ ހަތަރު ފިލާއަށް ޖުމްލަ ދައްކަން ޖެހެނީ 580،000ރ އެވެ. އެހެންކަމުން އެންސްޕާ މެދުވެރިކޮށް އެމްއެމް ޓީވީ ހިންގާ ދެ ފަންގިފިލާގެ ކުލި ވެސް ހަމަޖައްސާފައިވެއެވެ.

އެހެންކަމުން މިއީ ބޮޑު އަގުގައި ރައީސް މުއިއްޒުގެ ޓީވީ ހިންގާ ކުންފުންޏަށް މަންފާވާ ގޮތަށް ވަނީ ރައްޔިތުންގެ އާސަންދަ ފައިސާ އިސްރާފުކޮށް ކޮށްފައިވާ ވައްކަމެކެވެ.

މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން އިން އަންނަނީ ބަލަމުން ނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved